އީ-ޕޯޓްފޯލިޔޯ

14 ޖުލައި 2018: އޮލިމްޕިކް ދުވަސް ފާހަގަކުރުމުގެ ގޮތުން ގައުމީ ދަނޑުގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އުނގަންނައިދިނުމުގެ މަސައްކަތް ކުރާ ފަރާތްތަކަށް "ޕޯޓްފޯލިޔޯ" މިއީ އައު ލަފުޒަކަށް ނުވާނެ އެވެ. އާއްމު މާނައިގައި ޕޯޓްފޯލިޔޯ އަކީ އެއްކޮށް ޖަމާކުރެވިފައިވާ، މަސައްކަތްތަކެކެވެ. މީގެ ތެރޭގައި އެމީހެއްގެ ވިސްނުމާއި ފިކުރާއި ހުނަރުވެރިކަން ހާމަކޮށްދޭ އެކި ބާވަތުގެ ލިޔުން، ކުރެހުން، ފޮޓޯ، ވީޑިޔޯ ފަދަ ތަފާތު ބާވަތުގެ އެއްޗެހި ހިމެނެ އެވެ. ކިޔަވައިދިނުމުގައި ދެވޭ ޕޯޓްފޯލިޔޯ އަކީ މާއްދާއަކާ ގުޅިގެން ވަކި މުއްދަތެއްގެ ތެރޭގައި ދަރިވަރު ކުރި މަސައްކަތް ނުވަތަ ހޯދި ކުރިއެރުންތައް އެއްތަނަކުން ފެންނާނެ ގޮތަށް ޖަމާކުރެވިފައިވާ ޖަމާކުރުމެވެ. ކިޔަވައިދިނުމުގެ އިތުރުން މިހާރުގެ ބައެއް މަސައްކަތުގެ މާހައުލުގައި ވެސް މުވައްޒަފުން ލައްވައި ޕޯޓްފޯލިޔޯ ހައްދުވަ އެވެ.

އީ-ޕޯޓްފޯލިޔޯ އަކީ އިލެކްޓުރޯނިކް ވަސީލަތެއް މެދުވެރިކޮށް، ނުވަތަ އޮންލައިން މަންސަ (ޕްލެޓްފޯމް) އެއްގައި ޕޯޓްފޯލިޔޯ ހެދުމެވެ. އުނގެނުމާއި އުނގަންނައިދިނުމުގައި ޓެކުނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުން އާއްމުވުމާ އެކު، އީ.ޕޯޓްފޯލިޔޯ ވަނީ ކިލާސްތަކުގެ ތެރެއަށް ވަދެފަ އެވެ. މަތީތައުލީމުގެ އިތުރުން މަދުރަސީ ތައުލީމުގެ ހުރިހާ މަރުހަލާއެއްގައި ވެސްމެ އެވެ. މިއާ އެކު މިމައުޟޫއާ ގުޅޭ ގޮތުން އިލްމީ އެތައް ދިރާސާއަކާއި ބަހުސްތަކެއް ވަނީ ކުރެވިފަ އެވެ. އަދި ދަނީ ކުރެވެމުންނެވެ.

އުނގަންނައި ދިނުމުގައި، އީ-ޕޯޓްފޯލިޔޯ ބޭނުންކުރުމުން ދަރިވަރުންނަށް ގިނަގުނަ ފައިދާތަކެއް ލިބޭކަމަށް ފާހަގަކުރެވިފައިވެ އެވެ. އެއް ކަމަކީ، ދަރިވަރުންގެ ވިސްނުމުގެ ހުނަރު ޚާއްސަކޮށް އުފެއްދުންތެރި ވިސްނުން (ކްރިޓިކަލް ތިންކިންގް) ތަރައްގީވުމަށް މަގުފަހި ވުމެވެ. ދެވަނަ ކަމަކީ މައްސަލަ ހައްލުކުރުން ނުވަތަ ޕްރޮބްލަމް ސޯލްވިންގްގެ ހުނަރު ތަރައްގީވުމެވެ. މިބުނެވުނު ދެކަމަކީ ވެސް އީ-ޕޯޓްފޯލިޔޯ އެކުލަވާލުމަށް ޓަކައި ފުންކޮށް، ފުޅާކޮށް ވިސްނައިގެން ދަރިވަރުން ކުރާ ތަފާތު މަސައްކަތްތަކުގެ ތެރެއިން ތަރައްގީކުރެވޭ ދެ ހުނަރެވެ. އީ-ޕޯޓްފޯލިޔޯގެ ސަބަބުން ދަރިވަރުންގެ އުފެއްދުންތެރިކަން (ކްރިއޭޓިވިޓީ) އިތުރުވާ ކަމަށް ވެސް ފާހަގަކުރެވިފައިވެ އެވެ. އެހެނީ އޮންލައިން މަންސައެއްގައި ތަފާތު ތަކެތި އުފައްދައި، އެ ތަކެތި އައު ގޮތްގޮތަށް ހުށައެޅުމަށް އީ-ޕޯޓްފޯލިޔޯގެ ތެރެއިން ދަރިވަރުންނަށް ބާރުއެޅެ އެވެ. އަދި މިނޫނަސް ދަރިވަރުންގެ ޓެކުނޮލޮޖީ ބޭނުންކުރުމުގެ ހުނަރު ކުރިއެރުން ފަދަ އިތުރު ބައެއް ކަންކަންވެސް ފާހަގަކުރެވިފައިވެ އެވެ.

އީ-ފޯޓްފޯލިޔޯ ހެދުމަށް ބޭނުންކުރެވިދާނެ އެތައް ޓޫލް އެއް ނުވަތަ ވަސީލަތެއް ބާޒާރުގައި ދައުރުވަމުން ދެއެވެ. މީގެ ތެރޭގައި ހިލޭ ބޭނުންކުރެވޭ އެއްޗެއްސާއި އަގުދީގެން ބޭނުންކުރެވޭ އެއްޗެހި ހިމެނެ އެވެ. ހަމައެހެންމެ މޫޑްލް ފަދަ ލަރނިންގ މެނެޖްމަންޓް ސިސްޓަމެއްގެ ތެރެއިން ބޭނުންކުރަން ރަނގަޅު އެއްޗެއްސާއި މިފަދަ ސިސްޓަމަކާ ނުލައި ވަކިވަކި މުދައްރިސުންނަށް ފަސޭހަ ކަމާއެކު ބޭނުންކުރެވިދާނެ ތަކެތިވެސް ހިމެނެ އެވެ. މިލިޔުމުގައި ފާހަގަކޮށްފައިވާ ދެތިން ވަސީލަތަކީ ހިލޭ ބޭނުންކުރެވުމުގެ އިތުރުން ވަކިވަކި މުދައްރިސުންނަށް ބޭނުންކުރަން ފަސޭހަ ވާނޭކަމަށް ލަފާކުރެވޭ ވަސީލަތްތަކެކެވެ.

ފުރަތަމަ ވަސީލަތަކީ ގޫގުލް ސައިޓްސް (Google Sites) އެވެ. މިއީ ގޫގުލް އެކައުންޓެއް އޮތް ކޮންމެ މީހަކަށް ވެސް ބޭނުންކުރެވިދާނެ ވަސީލަތެކެވެ. ދަރިވަރުން އުފައްދާ ލިޔުންތަކާއި ފޮޓޯ އަދި ވީޑިޔޯ ފަދަ އެކި ބާވަތުގެ މަސައްކަތް އެއްކޮށް ޖަމާކުރަން އެކަށޭނަ އެއްޗެކެވެ. އެހެން އިބާރާތަކުން ބުނާ ނަމަ އީ-ޕޯޓްފޯލިޔޯ ހަދަން ގޫގުލް ސައިޓްސް ބޭނުންކުރުމަކީ ދަރިވަރު ބޭނުންވާގޮތަށް އަމިއްލަ ވެބްސައިޓެއް ހަދައި، އޭނާގެ މަސައްކަތް އޭގައި ޝާއިއުކުރުން ފަދަ ކަމެކެމެވެ. ދަރިވަރު ބޭނުންވާ ގޮތަށް ޕޯޓްފޯލިޔޯގެ ތީމް، ކުލަ އަދި ފަރުމާ ބަދަލުކޮށް، ކޮންޓެންޓް ތަރުތީބުކޮށް، މުދައްރިސްގެ އިތުރުން ބެލެނިވެރިޔާ އާއެކު ހިއްސާކުރަން މިއީ ވަރަށް މުނާސަބު ވަސީލަތެކެވެ.

އެވަރނޯޓް (Evernote) އަކީ ވެސް އީ-ޕޯޓްފޯލިޔޯ ހެދުމަށް ބޭނުންކުރެވިދާނެ ރަނގަޅު ވަސީލަތެކެވެ. އެވަރނޯޓް އެކައުންޓެއް ހެދުމަށްފަހު ކޮންމެ ދަރިވަރަކަށް ވެސް ފިލާވަޅާ ގުޅިގެން ކުރެވޭ މަސައްކަތްތައް ނޯޓުގެ ގޮތުގައި ފިލާވަޅުތަކުގެ ތަރުތީބުން އެދަރިވަރެއްގެ އެވަރނޯޓް ޕޭޖުގައި ރެކޯޑު ކުރެވިދާނެ އެވެ. އެއަށް ފަހު އެނޯޓުތަކާ ގުޅިގެން ތަފާތު ބާވަތުގެ މީޑިއާ ފައިލްތައް، މިސާލަކަށް، އެޓެޗްމެންޓްތައް، ލިންކުތައް، ފޮޓޯ އާއި އޯޑިޔޯ ފަދަ އެއްޗެއްހި އަޕްލޯޑްކޮށް އުނގެނުމުގެ ފުރިހަމަ ރެކޯޑެއްގެ ގޮތުގައި ދަރިވަރުގެ ހުރިހާ މަސައްކަތެއް އެއްކޮށް ޖަމާ ކުރެވިދާނެ އެވެ. އެވަރނޯޓުގެ ޚާއްސަ އެއްކަމަކީ އެކަކަށްވުރެ ގިނަ މީހުންނަށް އެވަރނޯޓް އެޑިޓްކުރެވުމެވެ. މިހެންވުމުން ގިނަ ދަރިވަރުން ގުޅިގެން ކުރާ އޮންލައިން ގުރޫޕް މަސައްކަތެއް ދިނުމަށް ވެސް މިއީ ރަނގަޅު ވަސީލަތެކެވެ.

ވީބްލީ (Weebly) އަކީ ވެބްސައިޓް ހެދުމަށް، ޚާއްސަކޮށް އޮންލައިން ވިޔަފާރިތަކަށް ވެބްސައިޓް ހެދުމަށް ޚާއްސަ މަންސަ އެކެވެ. ނަމަވެސް އުނގެނުމުގެ ބޭނުންތަކަށް އީ-ޕޯޓްފޯލިޔޯ ހެދުމަށް ވެސް މިއީ ވަރަށް އެކަށޭނަ ވަސީލަތެކެވެ. ވީބްލީގެ ހިލޭ ބޭނުންކުރެވޭ ޕްލޭން ބޭނުންކޮށްގެން މުދައްރިސާއި ދަރިވަރުންނަށް އީ-ޕޯޓްފޯލިޔޯގެ މަސައްކަތް ކުރެވިދާނެ އެވެ. ގޫގުލް ސައިޓްސް އެކޭ އެއްފަދައިން ދަރިވަރަށް ޕޯޓްފޯލިޔޯގެ ޓެމްޕްލެޓެއް އިޚްތިޔާރުކޮށް، ބޭނުންވާގޮތަށް ކުލަ އާއި ފަރުމާ ބަދަލުކޮށް މާއްދާ ގުޅިގެން ކުރާ ތަފާތު ބާވަތުގެ މަސައްކަތް ޝާއިއު ކުރެވިދާނެ އެވެ. މިކަން ކުރުމަށްޓަކައި ކޮންމެހެން ވެބްސައިޓް ޑިޒައިންކުރުމުގެ މައުލޫމާތާއި ހުނަރު ދަރިވަރާއި މުދައްރިސަށް ބޭނުމެއް ނުވާނެ އެވެ.

މަތީގައި ބުނެވުނު ޓޫލްތައް ފިޔަވައި، އީ-ޕޯޓްފޯލިޔޯ ހެދުމަށް ބޭނުންކުރެވިދާނޭ ކިތަންމެ އުފެއްދުމެއް ވަނީ ބާޒާރަށް ނިކުމެފަ އެވެ. ނަމަވެސް އަޅުގަނޑުގެ ނަޒަރުގައި ޓެކުނޮލޮޖީ އަކީ ހަމައެކަނި މެދުވެރިއެކެވެ. ނުވަތަ ވަސީލަތެކެވެ. މުހިއްމީ އުނގެނުމާއި އުނގަންނައިދިނުމުގައި ޓެކުނޮލޮޖީގެ ބޭނުންކުރެވޭ ގޮތެވެ. ނުވަތަ ހިފާ ބޭނުމާއި އެބޭނުން ހިފާގޮތެވެ. މިހެންވުމުން ހުރިހާ ހާލަތެއްގައި އެންމެ އަގުބޮޑު، ނުވަތަ އެންމެ މަޝްހޫރު އުފެއްދުމަކީ އެންމެ ބޭނުންތެރި އުފެއްދުމަށް ނުވެދާނެއެވެ. ބޭނުންވަނީ މިކަމުގެ އެކަށޭނަ މައުލޫމާތާއި ހުނަރު މުދައްރިސުންނަށް ފޯރުކޮށްދިނުމެވެ. އުނގެނުމާއި އުނގަންނައި ދިނުމުގައި ޓެކުނޮލޮޖީ ބޭނުންކުރުމެވެ.

comment ކޮމެންޓް