ފަރެސްމާތޮޑާގައި ހިންގި މާރާމާރީއަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި

ގދ. ފަރެސްމާތޮޑާ

މި މަހުގެ 25 އަދި 27 ވަނަ ދުވަހު ގދ. ފަރެސްމާތޮޑާގައި ހިންގި ގްރޫޕް މާރާމާރީތަކަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މާރާމާރީތައް ހިންގާފައި ވަނީ އެރަށު މާތޮޑާ އަދި ފަރެސް އަވަށަށް ނިސްބަތްވާ ޒުވާނުންތަކެއްގެ މެދުގައި ކަމަށެވެ.

މާރާމާރީތަކުގައި ތިން މީހަކަށް އެކި ވަރުގެ އަނިޔާ ލިބިގެން އެރަށު ސިއްހީ މަރުކަޒުން ފަރުވާ ހޯދާފައި ވާއިރު، ތިން މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

ފުލުހުން ބުނީ މާރާމާރީއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 18 އަހަރުގެ މީހަކާއި 19 އަހަރުގެ މީހެއްގެ އިތުރުން 20 އަހަރުގެ މީހެއް ކަމަށެވެ. މި ތިން މީހުންނަކީ ވެސް ދިވެހިންނެވެ.

އަދި ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އެ އަތޮޅު ތިނަދޫ ކޯޓަށް ގެންދިއުމުން، އެ ކޯޓުން އެމީހުންގެ ބަންދަށް ހަތް ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިއީ އެރަށުގައި ސިލްސިލާކޮށް ހިންގަމުން އަންނަ މާރާމާރީތަކެއް ކަމަށް ބެލެވޭ ކަމަށެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް