މާލެ ފުރެން އަދި ކައިރިވެސް ނުވޭ، ހައުސިން ގެންނަން ޖެހޭ: މަލީހު

ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް --- ސަން ފޮޓޯ: ފަޔާޒު މޫސާ

މާލެ ފުރެން އަދި ކަރިވެސް ނުވާ ކަމަށާއި މާލޭގައި އަދިވެސް ގިނަ ހިދުމަތްތަކެއް ގާއިމް ކުރަން ޖެހޭ ކަމަށް ދޭހަވާ ގޮތަކަށް ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވާހަކަފުޅު ދައްކަވައިފި އެވެ.

މާލޭގެ ކުލި ކޮންޓްރޯލް ކުރުމަށް ގޮވާލާ ޕެޓިޝަނެއް ތައްޔާރު ކުތަމުންދާއިރު އަދި އެކަމުގެ ބަހުސް ބޮޑުވެފައިވަނިކޮށް މިނިސްޓަރު މަލީހު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ އަކީ މިހާރު ހުޅުމާލެ ފޭސް 2، ވިމިލާމެ، ގުޅިމާލެ، އަދި ތިލަމާލެ ކަމަށެެވެ. އެ ތަންތަނާ އެކު މާލެ ވެގެންދާނީ ބޮޑު ޝަހަރަކަށް ކަމަށާއި އެ ޝަހަރު އަދި ފުރެން ކައިރިވެސް ނުވާ ކަމަށް މަލީހު ވިދާޅުވި އެވެ.

މަލީހު ދެކެވަޑައިގަންނަވާ ގޮތުގައި، ހައްލަކީ މާލެ ސަރަހައްދަށް އެކި ފެންވަރުގެ ބޯހިޔާވަހިކަން ގެނައުމެވެ. އޭގެ އިތުރުން، ޕަބްލިކް ޓްރާންސްޕޯޓާއި، ގްރީން އޭރިއާއި، ޝޮޕިން މޯލްތަކާއި، ސިނަމާތައް މަލެ ސަރަހައްދަށް ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމަށް ލާމަރުކަޒީ ނިޒާމު ގާއިމްކޮށް، އަތޮޅު ތެރޭގައި ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓުތައް ހިންގައި ރައްޔިތުން މާލެއަށް ހިޖުރަކުރުން މަޖުބޫރުވާ ސަބަބުތައް މަދު ކުރުމަކީ މަލީހު ނިސްބަތްވެވަޑައިގަންނަވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވައުދެކެވެ.

މަލީހުގެ ޓްވީޓާ ގުޅިގެން ފާޑުކިޔާ ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނަމުން ދަނީ އޭނާގެ ވާހަކަތަކަކީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތާ މުޅިން ހިލާފު ވާހަކަތަކެއް ކަމަށެވެ.

https://sun.mv/129450

comment ކޮމެންޓް