މަޑުއްވަރިން ހައްޔަރުކުރި 3 މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

މަޑުއްވަރީގައި ފުލުހުން ހިންގި އޮޕަރޭޝަނުގެ ތެރެއިން ---

ހަރުކަށި ފިކުރުގެ މީހުން ހޯދުމަށް ރ. މަޑުއްވަރީގައި ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ހައްޔަރުކުރި ތިން މީހުންގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްދީފި އެވެ.

އެ އޮޕްރޭޝަނުގައި ހައްޔަރު ކޮށްފައިވަނީ 29 އަހަރާއި 30 އަހަރު އަދި 34 އަހަރުގެ ތިން ދިވެހި ފިރިހެނުންނެވެ.

ފުލުހުން ބުނީ މިއަދު އެމީހުން ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، ތިން މީހުންގެ ބަންދަށް އިތުރު 10 ދުވަސް ކޯޓުން ޖަހައިދީފައިވާ ކަމަށެވެ.

މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ސަލާމަތީ ބާރުތަކުން މަޑުއްވަރީގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އޮޕަރޭޝަނަކީ ހަރުކަށި ފިކުރުތަކަށް ތަބާވެ، ޖަމާއަތުން ވަކިވެ ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭ އަސާސީ ހައްގުތަކުންނާއި ރައްކާތެރިކަމުން މަހުރޫމުކޮށް ޓެރަރިޒަމާއި ހައްދު ފަހަނަ އަޅައިދިޔުމުގެ އަމަލުތަކަށް މީހުން އަހުލުވެރިކޮށް ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓު ކުރުމާ ދެކޮޅަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

އެ އޮޕަރޭޝަން ތިން މީހުން ހައްޔަރު ކުރިއިރު ހަ ގެއަކާއި ދޯންޏެއް ބަލާ ފާސްކޮށް، މައްސަލައާ ގުޅިހުރި ހެކިތަކެއް ފުލުހުން ވަނީ ހޯދައިފައެވެ.

comment ކޮމެންޓް