އިންޑިއާގެ ކޮންމެ ޙަމަލާއަކަށް ރައްދު ދިނުގެ އަސްކަރީ ކެރިފޯރުން އެބަހުރި: ޕާކިސްތާން

ކަޝްމީރުގައި ޕާކިސްތާން ސިފައިންގެ ވެރިޔާ ޖެނެރަލް ބަޖްވާ އެގައުމުގެ ސިފައިންނާ ބައްދަލުކުރައްވަނީ

ކަޝްމީރު (ޑިސެމްބަރު 26) : އިންޑިއާގެ ކޮންމެ ޙަމަލާއެއް ދިފާއުކޮށް އިންޑިއާއަށް ރައްދު ދިނުގެ އަސްކަރީ ކެރިފޯރުން ޕާކިސްތާނަށް ލިބިފައިވާކަމަށް ޕާކިސްތާން ސިފައިންގެ ވެރިޔާ އަދި ޗެއާމަން އޮފް ޖޮއިންޓް އާމީ ޗީފް އޮފް ސްޓާފް، ޖެނެރަލް ގަމަރު ޖާވިދު ބަޖްވާ ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ ކަޝްމީރުގެ މައްސަލާގައި ކޮންމެ ގުރްބާނީ އެއްވާން ޕާކިސްތާނުން އޮތީ ތައްޔާރަށް ކަމަށާ އިންޑިއާގެ ކުރިމަތީގައި ޕާކިސްތާނުން އިންޗިއެއްވެސް ފަހަތަށް ނުޖެހޭނެކަމުގައެވެ.

ޖެނެރަލް ބަޖްވާ މިހެން ވިދާޅުވީ ކަޝްމީރުގައިވާ އިންޑިޔާއާއި ޕާކިސްތާނުގެ ސަރަހައްދީ ރޮނގު "ލައިން އޮފް ކޮންޓްރޯލް" ހުރަސްކޮށް ބަދަލުކުރި ސިލްސިލާ ޙަމަލާތަކެއްގައި އެދެގައުމުގެ ސިފައިންގެ 5 މީހުން މަރުވުމާއެކު ކަޝްމީރުގެ ސަރަހައްދީ ރޮނގު "ހޫނު" ވެފައިވާ ދަނޑިވަޅެއްގައެވެ.

އިއްޔެއާއި މިއަދު އެކިފަހަރުމަތިން "ލައިން އޮފް ކޮންޓްރޯލް" ހުރަސްކޮށް ދެގައުމުގެ ސަރަހައްދީ ރޮނގުގެ ސިފައިން ޙަމަލާތައް ބަދަލުކޮށްފައިވާއިރު އިންޑިއާއިން ބުނެފައިވަނީ އިސްވެ ފުރަތަމައަށް ހަމަލާދިނީ ޕާކިސްތާނުން ކަމަށާ ބުދަދުވަހު ޕާކިސްތާނުން ދިން ޙަމަލާތަކުގައި އިންޑިޔާ ސިފައިންގެ އޮފްސަރަކާއި އާންމުންގެ މީހަކު މަރުވެ 10 މީހުން ޒަޚަމްވެފައިވާ ކަމުގައެވެ.

ޕާކިސްތާނުންވަނީ ހަމަލާދިން ކަމަށް އެއްބަސްވެފައެވެ. ނަމަވެސް ހަމަލާދޭންޖެހުނީ އިންޑިއާ ސިފައިންގެ ހަރަކާތްތައް ދުރުން ބެލުމަށްފަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް ޕާކިސްތާނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދޭން އިންޑިއާ ސިފައިން ތައްޔާރުވަމުންދާކަން ކަށަވަރުވުމުން އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށް ޕާކިސްތާނުން ބުނެއެވެ.

އެ ހަމަލާގައި އިންޑިއާ ސިފައިންގެ ޕޯސްޓެއް ހަލާކުކޮށްލުމުގެ އިތުރުން އިންޑިއާ ސިފައިން ގެ 3 މީހުން މަރާލިކަމަށާ އެ ހަމަލާތައް ނުދިންނަމަ އިންޑިއާއިން ވަރުގަދަ ޙަމަލާތަކެއް ކުއްލިގޮތަކަށް ޕާކިސްތާނަށް ދިނީސްކަމަށްވެސް ޕާކިސްތާން ސިފައިން ގެ ތަރްޖަމާން މޭޖާ ޖެނެރަލް އާސިފް ޣަފޫރު ވިދާޅުވިއެވެ.

އިންޑިއާގެ އަސްކަރީ ތަރްޖަމާން ކާނަލް ރާޖޭޝް ކާލިޔާ ވިދާޅުވިގޮތުގައި އުދުވާން ހިންގީ ޕާކިސްތާނުންނެވެ. ނަމަވެސް ޕާކިސްތާނުގެ ހަމަލާތަކުގައި މަރުވީ އިންޑިއާގެ 2 މީހުން ކަމަށާ އެއީ ސިފައިންގެ އޮފްސަރަކާއި އާންމުންގެ މީހެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައްދުގައި އިންޑިއާ ސިފައިން ދިން ޙަމަލާތަކުގައި ޕާކިސްތާނު ސިފައިންގެ 2 މީހުން މަރުވެ އެކަކު ޒަޚަމްވި ކަމަށްވެސް ކާނަލް ކާލިޔާ ވިދާޅުވިއެވެ. ޕާކިސްތާނުންވެސްވަނީ އިންޑިއާއިން ހަމަލާތަކެއް ދިންކަން ކަށަވަރުކޮށްދީފައެވެ. ޕާކިސްތާނާއި އިންޑިއާއިން ހަމަލާތައް ބަދަލުކުރީ ކަޝްމީރުގެ"ލައިން އޮފް ކޮންޓްރޯލް" ގެ ކައިރީގައިވާ ހާޖީ ޕީރް ސަރަހައްދުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ޙަމަލާތަކަށްފަހު ޕާކިސްތާން ސިފައިންގެ ވެރިޔާ އަދި ޗެއާމަން އޮފް ޖޮއިންޓް އާމީ ޗީފް އޮފް ސްޓާފް، ޖެނެރަލް ގަމަރު ޖާވިދު ބަޖްވާ ވަނީ ލައިން އޮފް ކޯންޓްރޯލް ސަރަހައްދަށް މިއަދު ޒިޔާރަތް ކުރައްވާފައެވެ. ކަޝްމީރުގައިވާ ލައިން އޮފް ކޮންޓްރޯލް އަކީ ކަޝްމީރުގެ މައްސަލާގައި އިންޑިއާއި ޕާކިސްތާނުން އެންމެ ފުރަތަމަ ކުރި ހަނގުރާމަ (1948 ގެ ހަނގުރާމަ) ގެ ހަމަލާތައް ހުއްޓާލިއިރު ދެ ގައުމުގެ ސިފައިން ތިބި ތަނުގައި ދެގައުމުގެ އިން ވަކި ކުރުމަށް ދަމާފައިވާ ރޮނގެވެ.

ލައިން އޮފް ކޯންޓްރޯލް ގެ ކައިރީގައިވާ ޕާކިސްތާނުގެ ސަރަހައްދަކަށް ވަޑައިގެން ސަރަހައްދީ ރޮނގު ބަލަހައްޓާ ސިފައިންނާ މުޚާތަބު ކުރައްވައި ޖެނެރަލް ބަޖްވާ ވިދާޅުވީ އިންޑިއާގެ ކުރިމަތީގައި ޕާކިސްތާން އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހޭނެކަމަށާ ކަޝްމީރުގެ މައްސަލާގައި ކޮންމެ ގުރްބާނީ އެއްވުމަށްވެސް ޕާކިސްތާނުން އޮތީ ތައްޔާރަށް ކަމުގައެވެ.

ޕާކިސްތާނުން ސުލްހައަށް އެދެނީ އަސްކަރީގޮތުން ނިކަމެތި ވެގެންނޫންކަމާއި އިންޑިއާގެ ކޮންމެ ޙަމަލާއެއް ދިފާއުކޮށް އިންޑިއާއާށް ރައްދު ދިނުގެ އަސްކަރީ ކެރިފޯރުން ޕާކިސްތާނަށް ލިބިފައިވާކަމަށް ޖެނެރަލް ބަޖްވާ ވިދާޅުވިއެވެ. އަދި ޕާކިސްތާނާ ދެކޮޅަށް ހަނގުރާމައެއް ފަށަން އިންޑިއާއަށް ނުކެރޭނެކަމަށްވެސް ޖެނެރަލް ބަޖްވާ ވިދާޅުވިއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް