ބަނޑުފިލާ ޗެލެންޖު: ކުޑަތަފާތަކުން ކިރިކާ ބަލިކޮށް ކުޑަ އައްޔަ އެއްވަނަ ހޯދައިފި

ބަނޑުފިލާ ޗެލެންޖް 2019ގެ ޗެމްޕިއަންކަން ކުޑަ އައްޔަ ހޯދުމަށް ފަހު --- ފޮޓޯ// އެމްބީބީއޭ

މޯލްޑިވްސް ބޮޑީ ބޯރޑިންގް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި ފުރަތަމަ ގައުމީ ބަނޑުފިލާ ޗެލެންޖްގެ ފައިނަލުގައި އަލީ އާނިމް (ކިރިކާ) ކުޑަ ތަފާތަކުން ބަލިކޮށް ރާއްޖޭގެ އެއްވަނަ ބޯޑީ ބޯރޑާ އަލީ ޚުޝްރުވާން (ކުޑަ އައްޔަ) ޗެމްޕިއަންކަން ހޯދައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ހަވީރު މާލޭ އިރުމަތީފަރާތު ވަރުނުލާ ރާޅުގަނޑުގައި ކުރިއަށް ދިޔަ ފައިނަލުގައި ވާދަކޮށް ކުޑަ އައްޔަ ބަނޑުފިލާ ޗެލެންޖްގެ ޕްރޯން މެންސް ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ 13.1 ޕޮއިންޓް ސްކޯ އަކުންނެވެ. މުޅިން އަލަށް ބޮޑީ ބޯޑިންގް މުބާރާތެއްގެ ފައިނަލުގައި ވާދަކުރި ޒުވާން ރާޅާ އެޅުންތެރިޔާ ކިރިކާގެ ސްކޯ އަކީ 12.6 އެވެ. މި ބައިން ތިން ވަނަ އަށް ދިޔައީ އަހުމަދު ނަޒްމީން އެވެ.

ބަނޑުފިލާ ޗެލެންޖް 2019 ގެ ވަނަތަކަށް ދިޔަ ރާޅާ އެޅުންތެރިން --- ފޮޓޯ// އެމްބީބީއޭ

މުބާރާތުގެ ފައިނަލް ބައްލަވާލެއްވުމަށް ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަޑައިގެންނެވި އިރު ސަރުކާރުގެ ބައެއް އިސްވެރިން ވެސް ވަނީ ރައީސްގެ އަރިހުގައި މި މުބާރާތް ބެއްލެވުމަށް ވަޑައިގެންފަ އެވެ.

މިއީ 2015 ވަނަ އަހަރު ގައުމީ އެސޯސިއޭޝަނެއްގެ ގޮތުގައި ބޮޑީބޯޑިން ރަޖިސްޓްރީކޮށްގެން ފެށި ފަހުން އެ ޖަމިއްޔާ އިން ބޭއްވި ގައުމީ ފެންވަރުގެ ފުރަތަމަ ބޯޑީބޯޑިން މުބާރާތެވެ. މި މުބާރާތުގައި ނުވަ އަތޮޅުގެ 11 ރަށަކުން 41 ބޮޑީބޯޑަރުން ވަނީ ވާދަކޮށްފަ އެވެ. މި މުބާރާތަށް ފަހު ގައުމީ ބޮޑީބޯޑަރުން ރޭންކް ކުރުމަށް ފަހު ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް އެމްބީބީއޭ އިން މައުލޫމާތުދެ އެވެ.

މި މުބާރާތުގެ ޕްރޯން ޖޫނިއާ ފައިނަލް ހީޓް މުހައްމަދު ރީޝާން ރަޝީދު ކާމިޔާބު ކުރީ 11 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނަ އަށްދިޔަ އަހްނަފް (ނަފްކޮ) އަށް ލިބުނީ 5.9 ޕޮއިންޓެވެ. މި ކެޓަގަރީގެ ތިންވަނަ އަށްދިޔައީ އިނާޝް ނައީމް އެވެ. މި ކެޓަގަރީގައި ޖުމްލަ 16 ބޮޑީ ބޯޑަރުން ބައިވެރިވެފައިވާއިރު އެންމެ ހަގު ބައިވެރިޔާގެ އުމުރަކީ އެންމެ 14 އަހަރެވެ.

comment ކޮމެންޓް