އެންމެ ރަނގަޅު އިންޝުއަރެންސް ކުންފުނީގެ މަގާމު އެލައިޑުން ދިފާއުކޮށްފި

މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2019ގައި އަހަރުގެ އެންމެ ރަނގަޅު އިންޝުއަރެންސް ކުންފުނީގެ އެވޯޑު އެލައިޑް އިންޝުއަރެންސް ކާމިޔާބު ކުރުން-- ފޮޓޯ/ އެލައިޑް އިންޝުއަރެންސް

ރާއްޖޭގެ އެންމެ ރަނގަޅު އިންޝުއަރެންސް ކުންފުނީގެ މަގާމު އެލައިޑް އިންޝުއަރެންސުން ދަމަހައްޓައިފި އެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގެ ދަ މެރީނާގައި ބޭއްވި މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2019ގައި އެލައިޑުން ވަނީ އެކްސެލެންސް އިން ފައިނޭންސް (އިންޝުއަރެންސް)ގެ އެވޯޑު ކާމިޔާބުކޮށްފަ އެވެ.

މިއީ އެލައިޑުން އެ އެވޯޑު ޖެހިޖެހިގެން ހާސިލުކުރި ދެވަނަ އަހަރެވެ.

އެ އެވޯޑުގެ އިތުރުން އެލައިޑުން ވަނީ އަލަށް ތައާރަފް ކުރި ޕީޕަލްސް ޗޮއިސް އެވޯޑްސް ކެޓަގަރީގެ ބެސްޓް މާކެޓިންގް ކެމްޕޭން އޮފް ދި އިޔާ އެވޯޑު ވެސް ކާމިޔާބުކޮށްފަ އެވެ.

އެ އެވޯޑު ލިބުނީ ޓްރެފިކް ގަވާއިދުތަކަށް އާންމުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް ޓަކައި ފުލުހުންނާ ގުޅިގެން އެލައިޑުން ކުރިއަށްގެންދާ "މަށަށް އެނގިއްޖެ" ކެމްޕޭނަށެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑަކީ ވިޔަފާރީތަކުން ހޯދާ ކުރިއެރުންތައް ފާހަގަ ކުރުމުގެ ގޮތުން މިދިޔަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ.

މި އަހަރުގެ ބިޒްނަސް އެވޯޑްސްގައި ފަސް ދާއިރާއަކުން ޖުމްލަ 29 ކެޓަގަރީއަކުން އެކި ފަރާތްތަކަށް ވަނީ އެވޯޑް ދީފަ އެވެ.

އެ އެވޯޑް ހަފްލާއަކީ މާކެޓިންް، ޕަބްލިކް ރިލޭޝަންސް އަދި ބިޒްނަސް މެނޭޖްމަންޓް ކުންފުންޏެއް ކަމަށްވާ ބްލޭޒަން އިންކޯޕަރޭޓަޑްއިން ބާއްވާ ހަފްލާއެކެވެ.

comment ކޮމެންޓް