ވެމްކޯ ބަލިކޮށް ޕޮލިސް ކުލަބުން ތަށި ދިފާއުކޮށްފި

ޕޮލިސް ކުލަބުން 51 ވަނަ ގައުމީ ވޮލީ މުބާރާތުގެ ތަށި ދިފާއުކުރުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ// ޕޮލިސް ކުލަބް

ޤައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޜަންގައި ކުލަބް ވެމްކޯ އަތުން މޮޅުވެ މުބާރާތުގެ ހުރިހާ މެޗަކުން މޮޅުވެ ޕޮލިސް ކުލަބުން މުބާރާތުގެ ތަށި ދިފާއުކޮށްފި އެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ރޭ ކުޅުނު 51 ވަނަ ގައުމީ ވޮލީގެ ފައިނަލުގައި ކްލަބް ވެމްކޯއާ ވާދަކޮށް ޕޮލިސް ކުލަބުން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ސީދާ ތިން ސެޓުން މޮޅުވެގެންނެވެ. އެ މެޗުގެ ސެޓުތައް ޕޮލިސް ކުލަބުން ގެންދިޔައީ 15-27 އަދި 19-25ގެ އިތުރުން 18-25 އިންނެވެ. މިއީ ވިދި ވިދިގެން މި މުބާރާތުގެ ތަށި އެ ޓީމުން ދިފާއުކުރިި ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ޕޮލިހުން މޮޅުވީ ފޮނަދޫ މެދު އަވަށު ކްލަބް އަތުން 3-2 ސެޓުންނެވެ. އޭގެ ކުރިން ދެ ފަހަރުގެ ފައިނަލުން ވީ ބައްޔެވެ.

ގައުމީ ވޮލީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ވެސް ހިމެނޭ ޕޮލިސް ޓީމު މިފަހަރުގެ މުބާރާތާއި ކުރިމަތިލީ ރަނގަޅު ތަޖުރިބާތަކަކާ އެކު އެވެ. މިއަހަރު އޮތް ސެންޓްރަލް ޒޯނާއި ސައުތު އޭޝިއަން ގޭމްސްގައި ވާދަ ކުރި ގިނަ ކުޅުންތެރިންތަކަކާ އެކު މިފަހަރުގެ މުބާރާތުގައި ޕޮލިސް ކުލަބުން ވާދަ ކުރި އިރު މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ އެ ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ އެވެ.

މުބާރާތުގެ ޑްރީމް ޓީމުގައި ވެސް ހައްވަ ހިމެނުނުއިރު، ދެން ޑްރީމް ޓީމުގައި ހިމެނެނީ ޕޮލިސް ކުލަބުގެ ހައްވާ ސަހާ އާއި ފާތިމަތު ޖޫޒާން ޒަރީރު އާއި ޕޮލިސް ކުލަބުގެ ލިބަރޯ ނުހާ ވަހީދު އާއި އައިމިނަތު ސާހާ ޝާމިންގެ އިތުރުން ވެމްކޯގެ އައިމިނަތު އަރީޝާ އާއި މަރިޔަމް އަޒީފާ އާއި އައިމިނަތު ރިޔާޝާއެވެ.

މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިސް ކުލަބުގެ ހައްވާ ސާހާއެވެ. އަދި މުބާރާތުގެ ފެއަރޕްލޭ ޓީމަކަށް ޕޮލިސް ކުލަބު ހޮވުނުއިރު، މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ޕޮލިސް ކުލަބުގެ ފަތުޙުﷲ ވަޙީދު އެވެ.

ރޭގެ މެޗުގެ ފުރަތަމަ ސެޓުގައި ވެމްކޯ އަތުން ޕޮލިސް ކުލަބު ފަސޭހަ ކަމާ އެކު މޮޅުވި ނަމަވެސް ދެން އައި ދެ ސެޓު ދިޔައީ ވަރަށް ވާދަވެރިކޮންނެވެ. އެގޮތުން އެ ދެ ސެޓުގައި ވެމްކޯގެ ވެމްކޯ އަށް ކުޅޭ ތައިލެންޑް ކުޅުންތެރިޔާ ސިދާތާއާއި މި މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި އައިމިނަތު އަރީޝާ (އަރީ) އާއި މަރިޔަމް އަޒީފާ (އައްޒަ)ގެ ކުޅުން ފާހަގަކޮށްލެވެ އެވެ.

މި މަހުގެ 14 އިން ރޭގެ ނިޔަލަށް ކުރިއަށް ދިޔަ މުބާރާތުގައި މިފަހަރު ހަތަރު ޓީމެއް ވަނީ ވާދަކޮށްފަ އެވެ. އެއީ ޕޮލިސް ކްލަބާއި ކްލަބު ވެމްކޯގެ އިތުރުން އަލްމާ ސްޕޯޓްސް ކްލަބާއި ލޮރެންޒޯ ސްޕޯޓްސް ކްލަބެވެ. މިއީ މު މުބާރާތް ޕޮލިސް ކުލަބުން ކާމިޔާބުކުރި 10 ވަނަ ފަހަރެވެ.

comment ކޮމެންޓް