ލަންކާ ގުޑުވާލި ހަމަލާތަކުން ބިރާއި ސިހުން!

ލަންކާގައި އަށް ތަނެއްގައި ވަނީ ބޮމުގެ ހަމަލާތަކެއް ދީފައީ: މިހާތަނަށް މަރުގެ މީހުންގެ އަދަދު ވަނީ 190 އަށް އަރައިފައި -- ފޮޓޯ/އޭޕީ

މިއަހަރުގެ އޭޕްރިލް 21ގައި ލަންކާއަށް އިރުއަރައިގެން ދިޔައީ ވަރުގަދަ ގުޑުންތަކަކާ އެކުގަ އެވެ. އަދި ތިރީހަކަށް އަހަރުވީ ދާހިލީ ހަނގުރާމައަކުން އަރައިގަންނަމުން ދިޔަ އެގައުމުގެ ރައްޔިތުންނަށް އަނެއްކާވެސް ބޮމުގެ އަޑުފައްގަނޑާ އެކު ބިރުވެރި ކަމާއި ނާމާންކަން ގެނެސްދިނެވެ. އެ މީހުން އެ ހިތި މާޒީގެ ތެރެއަށް އަނބުރާ ގެންދިޔަ އެވެ.

ހަމަލާތައް އަމާޒުކުރީ ނަސާރާއިންނާއި ފަތުރުވެރިންނަށް

ދުރާލާ ރާވައިގެން ލަންކާގައި ދޭންފެށި ބޮމުގެ ހަމަލާތަކުގެ ފުރަތަމަ އަމާޒަކަށްވީ ކޮލޮމްބޯގެ ސެއިންޓް އެންތަނީސް ފައްޅިއެވެ. އެއީ ހެނދުނު 8:25 ގަ އެވެ. އެއަށްފަހު ނެގަމްބޯގެ ސެއިންޓް ސެބޭސްޓިއަން ފައްޅި އެވެ. ދެން ބަޓިކަލޯގެ ޒަޔޮން ފައްޅި އެވެ.

އެއަށްފަހު 9:15 އާއި 9:20 އާ ދެމެދު، ކޮލޮމްބޯގެ ތިން ލަގްޒަރީ ހޮޓެލް ކަމުގައިވާ ސިނަމަން ގްރޭންޑް، ކިންގްސްބަރީ އަދި ޝަންގްރިލާގައިވެސް ބޮން ގޮއްވި އެވެ.

މި ހަމަލާތައް ދިނީ ވީހާވެސް މީހުން ގިނަ ވަގުތަށް ބަލާފައެވެ. ފައްޅިތަކުގައި ހަމަލާ ދިނީ ނަސާރާއިން ފާހަގަކުރާ އީސްޓާގެ އަޅުކަންތައް ހިނގަމުން ދަނިކޮށެވެ. ހޮޓާތަކުގައި، ހެނދުނުގެ ނާސްތާއަށް މީހުން އެއްވެ ކިއު ހައްދިގެންތިބި ދަނޑިވަޅުގަ އެވެ.

ކޮލަމްބޯގެ ޝަންގްރިއްލާ ހޮޓަލަށް ދިން ހަމަލާގައި ލިބުނު ގެއްލުންތައް -- ފޮޓޯ: ގެޓީ

ދެހިވަލަ އާއި ޑެމަޓަގޮޑާގައިވެސް ގޮވުންތަކެއް

ކޮލޮމްބޯގައި މީހުން ދިިރިއުޅޭ ހިސާބުތަކުގައިވެސް ބޮން ގޮއްވިއެވެ. އެގޮތުން ދިވެހީން ގިނަ އަދަދަކަށް އުޅޭ ދެހިވަލައިގައިވެސް ހަމަލާދިނެވެ. އެއީ އެތަނުގެ ގެސްޓްހައުސެއްގެ ތެރޭގަ އެވެ. ދެހިވަލައިގައި ހަމަލާ ދިން މީހާ ފުރަތަމަ އުޅުނީ ކޮލޮމްބޯގެ ތާޖް ސަމުދްރާ ހޮޓެލްގައި ހަމަލާ ދޭށެވެ. އެތަނުގައި އެކަން ނުވުމުން ދެހިވަލައަށް އައީ އެވެ.

އެއަށްފަހު ހަމަލާތަކުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ މީހެއްގެ ގެއަށް ފުލުހުން ދިއުމުން އެ ގޭގައި ހުރި އޭނާގެ އަނބިމީހާ އާއި ދެމަފިރިންގެ ތިން ކުޑަ ދަރީންނާ ވެސް އެކު ބޮން ގޮއްވާލައިގެން އަމިއްލައަށް މަރުވީ އެވެ.

އެ ބިރުވެރި ދުވަހުގެ ހަމަލާތަކުގައި ޖުމްލަ 259 މީހުން މަރުވެ، 500އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި އެވެ. އަދި މަރުވި މީހުންގެ ތެރޭގައި ބޭރު ގައުމުތަކަށް ނިސްބަތްވާ 45 މީހުންވެސް ހިމެނުނެވެ.

ހަމަލާތަކުގެ ފަހަތުގައި ލަންކާގެ ޖަމާއަތެއް

ހަމަލާތައް ދިނީ ޖިހާދީ ފިކުރުގެ ހަރުކަށި ދެ ޖަމާއަތް ކަމުގައިވާ ނެޝަނަލް ތައުހީދު ޖަމާއަތު (އެންޓީޖޭ) އަދި ޖަމާއަތު މިއްލަތު އިބްރާހީމް ގުޅިގެން، އަދި ބޭރުގެ އެހީ ހޯދައިގެންނެވެ. އެންޓީޖޭގެ ލީޑަރު ޒަހްރާން ހާޝިމްވެސް ހަމަލާ ދިނުމުގައި ޝާމިލުވި އިރު، އޭނާ ވަނީ މަރުވެފަ އެވެ.

ބޮމުގެ ހަމަލާތައް ދޭން ރޭވުމުގައި އެންމެ އިސްކޮށް ހުރި ޒަހްރާން ހާޝިމް --

އެ ދެ ޖަމާއަތް ސްރީލަންކާގައި މަނާކޮށްފައިވާ އިރު، އެ ދެ ޖަމާއަތަކީ ދިވެހި ސަރުކާރުންވެސް ޓެރަރިސްޓު ޖަމާއަތްތަކުގެ ގޮތުގައި ކްލެސިފައިކޮށްފައިވާ ދެ ޖަމާއަތެވެ.

އަދި އެހަމަލާ ދިންތާ އެއް މަސްވެސް ނުވަނީސް، އެގައުމުގެ ފުލުހުންގެ ވެރިޔާ ޑެޕިއުޓީ އިންސްޕެކްޓަރު ޖެނެރަލް ޗަންދަނާ ވިކްރަމަރަތުނަ ވަނީ ބޮން ގޮއްވުމާ ގުޅުން ހުރި އެންމެން ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭގެ ފަހުންވެސް ލަންކާގައި އެހަމަލާތަކާ ގުޅިގެން އެތައް ސަތޭކަ މީހުން ހައްޔަރުކޮށްފައިވެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތާއި ކާފިއު

ލަންކާގައި ދިން ހަމަލާތަކަށް ފަހު ޖެހިގެން އައި ދުވަހު އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިއެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން އެގައުމުގައި ރޭގަނޑު ކާފިއު ހިންގިއެވެ.

މީގެ އިތުރުން ސައްހަ ނޫން މައުލޫމާތު ފެތުރުން ހުއްޓުވުމަށްޓަކައި ފޭސްބުކާއި ވަޓްސްއެޕާއި ވައިބާ ފަދަ އެޕްތައް ބޭނުން ނުކުރެވޭ ގޮތް ހަދާ، ކަންފަތް ފޮރުވޭ ގޮތަށް ބުރުގާ އެޅުންވެސް ވަކި މުއްދަތަކަށް މަނާކުރި އެވެ.

އެއަށް ފަހު ލަންކާގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލީ މިދިޔަ އޮގަސްޓު މަހުގަ އެވެ.

ހަމަލާތަކަށް ފަހު މުސްލިމުންނަށް އަނިޔާ

އީސްޓާ ސަންޑޭގެ ހަމަލާތަކަށް ފަހު ލަންކާގައި މުސްލިމުންނަށް އަމާޒުކޮށްދޭ ހަމަލާތައް އިތުރުވި އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ހަމަނުޖެހުންތައް ހިނގީ މެއި މަހުގެ ތެރޭގަ އެވެ. އަދި އެ ހަމަލާތަކުގައި މުސްލިމުންނަށާއި އެމީހުންގެ ވިޔަފާރިތަކަށާއި ގެތަކަށާއި މިސްކިތްތަކަށް ހަމަލާ ދީފައި ވެއެވެ.

މިދިޔަ މެއި މަހު ލަންކާގެ މިސްކިތަކަށް ބަޔަކު ހަމަލާ ދީފައި -- ފޮޓޯ: ރޮއިޓާސް

ލަންކާގެ ނަސާރާ ގުރޫޕުތަކަކާއި ސިންހަލަ ބުޑިސްޓުން ދިން އެ ހަމަލާތަކުގައި ނުވަ މީހަކު މަރުވިކަމަށް އެގައުމުގެ ޑެއިލީ މިރާއިން ރިޕޯޓު ކުރިއެވެ.

ސަރުކާރާއި ސަލާމަތީ ބާރުތަކުގެ ބޮޑު އިހުމާލެއް

އޭޕްރިލް 21ގައި ދިން ހަމަލާތަކަށް ފަހު މާގިނަ ދުވަސްތަކެއް ނުވެ، އެފަދަ ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު މާ ކުރިން ކަމާ ބެހޭ އިދާރާތަކަށް ލިބުނުކަން ހާމަވެގެންދިޔަ އެވެ. އަދި އެ ހަމަލާ ނުހުއްޓުވުނު ސަބަބު ހޯދުމަށް ލަންކާ ޕާލިމެންޓުގެ ކޮމިޓީއެއް އެކުލަވާލި އެވެ.

އެ ކޮމިޓީން ނެރުނު ރިޕޯޓުގައިވާ ގޮތުން ހަމަލާތައް ނުހުއްޓުވުމުގެ އެންމެ ބޮޑު ޒިންމާއެއް ނަންގަވަން ޖެހޭނީ ސްޓޭޓް އިންޓެލިޖެންސް ސާވިސްގެ ވެރިޔާ ނިލަންތަ ޖަޔަވަރުދަނައެވެ.

އެގޮތުން، އެގައުމުގައި ބޮމުގެ ހަމަލާތައް ދިނުމުގެ 17 ދުވަސް ކުރިން، އެފަދަ ހަމަލާއެއް ދީފާނެކަމުގެ އިންޒާރު ޖަޔަވަރުދެނައަށް ލިބުނު ކަމަށް ރިޕޯޓުގައިވެ އެވެ. އަދި އޭޕްރިލް ނުވައެއްގައި ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ބޭއްވި ބައްދަލުވުމެއްގައި، އެންޓީޖޭގެ ލީޑަރާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް ޑިފެންސް ސެކްރެޓަރީ އެދިލެއްވި ނަމަވެސް، ޖަޔަވަރުދަނަ އޭރު މައުލޫމާތު ނުދެއްވާކަމަށް ރިޕޯޓުގައި ވެއެވެ.

ސިރިސޭނާ އާއި ވިކްރަމަސިންހަގެ ގުޅުން ގޯސްވެ، ދެބޭފުޅުންގެ ޒިންމާ އަދާ ކުރެއްވުމުގައި އިހުމާލުވި ކަމަށް ޕާލިމެންޓު ކޮމިޓީން ބުނޭ -- ފޮޓޯ: އޭއެފްޕީ

މީގެ އިތުރުން އެކޮމިޓީން ވަނީ ކުރީގެ ރައީސް މައިތިރިޕާލަ ސިރިސޭނާއާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ހިމެނޭ ގޮތަށް އޭރުގެ ސަރުކާރަށްވެސް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އަދި ހަމަލާ ދިން ދުވަސްވަރު ރައީސާއި ބޮޑުވަޒީރުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައި އޮތުމުން ދެފަރާތުންވެސް ގައުމުގެ ސަލާމަތާ ގުޅުން ހުރި ޒިންމާތައް ފުރިހަމަކުރުމުގައި އިހުމާލުވިކަމަށް ބުނެފަ އެވެ.

ސިރިސޭނާއާއި ވިކްރަމަސިންހަ ވަނީ އެ ހަމަލާތައް ދީފާނެ ކަމުގެ އިންޒާރު އެ ދެ ބޭފުޅުންނަށް ކުރިން ނުލިބޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ހަމަލާތަކާ ގުޅުން ހުރި ހުރިހާ ރަސްމީ ތަހުގީގީ ރިޕޯޓަކާ ހިލާފަށް، ސިރިސޭނާ ވަނީ އެހަމަލާތައް ދިނީ މަސްތުވާތަކެތި ވިޔަފާރި ކުރާ ބަޔަކު ކަމަށާއި އޭގެ ބޭނުމަކީ އޭނާ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރައްވާ މަސައްކަތް ހުއްޓުވުން ކަމަށް މިދިޔަ ޖުލައި މަހު ތުހުމަތު ކުރައްވާފަ އެވެ.

އޭގެ ސަބަބުން އެ ދެ ބޭފުޅުންނަށް ލަންކާގަ އާއި އަމިއްލަ ޕާޓީގަވެސް އޮތް ތާއިދު ގެއްލިގެންދިޔަ އެވެ. އަދި ދެ ބޭފުޅުންނަށް ރިޔާސީ އިންތިހާބުން ޖާގައެއް ނުލިބި، ވެރިކަމުން ދުރަށް ޖެހިވަޑައިގަންނަވަން ޖެހުނީވެސް އެހެންވެ އެވެ.

comment ކޮމެންޓް