މިހާރު މާ ސަޅިވެއްޖެ! ހުވަދުއާއި އައްޑުއާ ދެމެދު ހަފްތާއަކު ހަ ފްލައިޓް

މޯލްޑިވިއަންގެ ބޯޓެއް ރަންވޭގައި --- ސަންފޮޓޯ/ އަހުމަދު އަވްޝަން އިލިޔާސް

ގައުމީ އެއާލައިން، މޯލްޑިވިއަން އިން ކޮންމެ ހަފްތާއަކު އައްޑޫ ސިޓީ އާއި ހުވަދު އަތޮޅާ ދެމެދު ހަފްތާއަކު ހަ ފްލައިޓް ދަތުރުކުރުމަށް ނިންމައި ޝެޑިއުލް ދަތުރުތައް ފަށައިފި އެވެ.

އައްޑޫ ސިޓީ، ގަން އެއާޕޯޓާއި ކޫއްޑޫ އަދި ކާޑެއްދޫ އެއާޕޯޓާ ދެމެދު މީގެ ކުރިން ވެސް މޯލްޑވިއަން އިން އަންނަނީ ދަތުރު ކުރަމުންނެވެ. ނަމަވެސް މީގެ ކުރިން ޝެޑިއުލްޑް ދަތުރުތަކެއް ކޮށްފައެއް ނުވެއެވެ.

މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) ގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް މިރޭ "ސަން" އަށް ވިދާޅުވީ، މިދިޔަ ހޯމަ ދުވަހުން ފެށިގެން އައްޑޫއާއި ހުވަދު އަތޮޅާ ދެމެދު ދަތުރުތައް ފަށާފައިވާ ކަމަށެވެ. އެގޮތުން އައްޑޫއާއި ކޫއްޑޫއާ ދެމެދު ހަފްތާއަކު ތިން ފްލައިން އަދި އައްޑޫއާއި ކާޑެއްދޫއާ ދެމެދު ހަފްތާއަކު ތިން ފްލައިޓް މިހާރު ދަތުރު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެއާއެކު ދެ އަތޮޅު ދެމެދުގައި ހަފްތާއަކު ޖުމްލަ ހަ ދަތުރު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މޯލްޑިވިއަން އިން މިއަދު ކުރި ޓްވީޓެެއްގައި ބުނީ، ދެއަތޮޅު ދެެމެދުގައި ކުރާ ދަތުރުތަކުގައި ފެއާގައި ފެށޭ އަގަކީ، 555 ރުފިޔާ ކަމަށެވެ.

ހަފުތާއަކު ހަ ދުވަހު އައްޑު އާއި ހުވަދުއާ ދޭތެރޭ ޝެޑިއުލް ދަތުރުތައް ބާއްވަން ނިންމާފައިވާ ކަމަށެވެ. އެއީ ކާޑެއްދޫ އެއާޕޯޓުން ތިނެއް، އަދި ކޫއްޑޫ އެއާޕޯޓުން ތިން ދަތުރެވެ.

މޯލްޑިވިއަން އިން އަންނަނީ، ރާއްޖޭގެ އެތެރޭގެ އެހެން މަންޒިލްތަކަށްވެސް ދަތުރުތައް ފެށުމަށް ރާވާފައެވެ. އެގޮތުން ލ. އަތޮޅާ އައްޑޫއާ ދެމެދުވެސް ވަރަށް އަވަހަށް ދަތުރުތައް ފަށާނެ ކަމަށް އެ ކުންފުނިން މީގެ ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް