އުރީދޫގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދަށް އިސްލާހެއް

ރޭ ހޮޓެލް ޖެން ގައި ބޭއްވި އުރީދޫގެ ހާއްސަގޮތުން ބޭއްވި އާންމު ޖަލްސާގެ ތެރެއިން --- ފޮޓޯ : އުރީދޫ

އުރީދޫގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދަށް ބަދަލުތަކެއް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހުތައް، ހިއްސާދާރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު ފާސްކޮށްފި އެވެ.

އުރީދޫގެ އަސާސީ އަދި ހިންގާ ގަވާއިދުތަކަށް ބަދަލު ގެނައުމަށް ނިންމާފައިވަނީ ރޭ ހޮޓެލް ޖެންގައި އުރީދޫއިން ހާއްސަގޮތަކުން ކުރިއަށް ގެންދިޔަ އާންމު ޖަލްސާގަ އެވެ.

އެ ޖަލްސާގައި ޖުމްލަ 91 ހިއްސާދާރުން ބައިވެރިވެފައި ވާއިރު، އޭގެ ތެރެއިން 32 ހިއްސާދާރުންނަކީ ޕްރޮކްސީ ހުށަހަޅައިގެން ބައިވެރިވެފައިވާ ފަރާތްތައް ކަމަށް އުރީދޫއިން ބުނެފައިވެ އެވެ. އޭގެތެރެއިން ރޭގެ ޖަލްސާއަށް ހާޒިރުވެފައިވަނީ 59 ހިއްސާދާރުންނެވެ.

ޖަލްސާގައި ބައިވެރިވި ހިއްސާދާރުން ރަމްޒުކޮށްފައިވަނީ 136.5 މިލިއަން ހިއްސާ އެވެ.

ރޭގެ ޖަލްސާގައި އިސްލާހު ކުރަން ހުށަހަޅާފައިވަނީ އެ ކުންފުނީގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުގެ ޑިރެކްޓަރުކަމުގެ މުއްދަތު ސާފުކޮށް ބަޔާންކުރުމެވެ.

އާންމު ޖަލްސާއަށް ހުށަހަޅާފައިވާ އިސްލާހުގައި އިތުރަށް ބުނެފައިވަނީ އާންމު ހިއްސާދާރުން ތަމްސީލުކުރުމަށްޓަކައި ބޯޑަށް އިންތިހާބުކުރާ ޑިރެކްޓަރުގެ ދައުރަކަށް ވާނީ އޭނާ ޑިރެކްޓަރުކަމަށް އިންތިހާބުކުރާ ޖަލްސާއިން ފެށިގެން އެ ޖަލްސާވެސް ހިމެނޭގޮތަށް ތިންވަނަ އޭޖީއެމްއާ ހަމައަށެވެ. ނުވަތަ ތިން ޖަލްސާގެ ދެމެދުން ހިނގާ ދެ އަހަރު ދުވަހަށެވެ.

އުރީދޫއިން ބުނެފައިވަނީ އިސްލާހުކޮށްފައިވާ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީ ކުރުމަށްފަހު، ކުންފުނީގެ ވެބްސައިޓުގައި އާންމުކުރާ ކަމަށެވެ.

އެ އިސްލާހަށް އަމަލުކުރަން ފަށާނީ ކުންފުނީގެ ވެބްސައިޓުގައި އާންމުކުރާ ދުވަހުން ފެށިގެން ކަމަށް އުރީދޫއިން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް