ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރުވޭޒް މުޝައްރަފް މަރަން ހުކުމްކޮށްފި

ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރުވޭޒް މުޝައްރަފްގެ މައްޗަށް ގައްދާރުވުމުގެ ކުށް ސާބިތުވެ، މަރަން ވަނީ ހުކުމްކޮށްފައި -- ފޮޓޯ: އީޕީއޭ

އިސްލާމްއާބާދު (ޑިސެމްބަރު 17): ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރުވޭޒް މުޝައްރަފުގެ މައްޗަށް ދައުލަތަށް ގައްދާރުވުމުގެ ކުށް ސާބިތުވެ، މަރަން ހުކުމްކޮށްފި އެވެ.

ދެހާސްސޯޅަ ވަނަ އަހަރުން ފެށިގެން ބޭސް ފަރުވާއަށް ދުބާއީގައި ހުންނެވި މުޝައްރަފްގެ މައްޗަށް މަރުގެ ހުކުމް ކުރީ އޭނާގެ ޣައިރު ހާޒިރުގަ އެވެ. އަދި އޭނާއަށް އެހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނެ އެވެ.

މުޝައްރަފު ޕާކިސްތާނުގެ ވެރިކަމަށް އަރާ ވަޑައިގަތީ އަސްކަރިއްޔާގެ ވެރިޔާގެ ގޮތުގައި ހުންނަވައިގެން ކުރެއްވި ބަޣާވާތެއްގައި 1999 ވަނަ އަހަރެވެ. އަދި ނުވަ އަހަރުވަންދެން ވެރިކަން ކުރެއްވި މުޝައްރަފު މަގާމުން އިސްތިއުފާ ދެއްވީ 2008 ވަނަ އަހަރު އެގައުމުގެ އާއްމު އިންތިހާބު ކާމިޔާބު ކުރި ޕާކިސްތާން ޕީޕަލްސް ޕާޓީން އޭނާ މަގާމުން ދުރުކުރުމުގެ މަސައްކަތް ފެށުމުންނެވެ.

މުޝައްރަފްގެ މައްޗަށް ގައުމަށް ގައްދާރުވުމުގެ ދައުވާކޮށް ޝަރީއަތް ފެށީ ތިނެއް ނޮވެމްބަރު 2017ގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން 2014 ވަނަ އަހަރުގަ އެވެ. މުޝައްރަފު ކުއްލި ހާލަތު އިއުލާން ކުރެއްވި ދުވަހު، ގާނޫނު އަސާސީ ސަސްޕެންޑު ކުރައްވައި ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު މަގާމުން ދުރުކުރެއްވި އެވެ. އަދި ފަނޑިޔާރުންނާއި ސިޔާސީ އިސް ލީޑަރުން ހައްޔަރު ކުރި އެވެ. އޭގެ ސަބަބުން މުޝައްރަފާ ދެކޮޅަށް އެތައް ހާސް މީހުން މުޒާހަރާ ކުރި އެވެ.

މުޝައްރަފް ވަނީ އޭނާގެ މައްޗަށްކޮށްފައިވާ ދައުވާތަކަށް އިންކާރު ކުރައްވައިފަ އެވެ. އޭނާއަކީ ޕާކިސްތާނުން އެފަދަ ހުކުމެއް ކުރި އަސްކަރިއްޔާގެ ފުރަތަމަ ލީޑަރެވެ.

comment ކޮމެންޓް