ފަހު ސިކުންތުކޮޅުގައި ބެންޒީމާ ޖެހި ގޯލުން ރެއާލް ސަލާމަތް ވެއްޖެ

ރެއާލް މެޑްރިޑްގެ ފޯވާޑް ކަރީމް ބެންޒީމާ ރޭ ވެލެންސިއާ ކޮޅަށް ގޯލު ޖެހުމަށްފަހު --- ފޮޓޯ// ސަޗާ ޕިސަނީ

ސްޕެނިޝް ލީގުގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި ރެއާލް މެޑްރިޑުގެ ފޯވާޑް ކަރީމް ބެންޒީމާ ފަހު ސިކުންތުކޮޅުގައި ޖެހި ގޯލުން، ވެލެންސިއާ އަތުން ބަލިނުވެ އެ ޓީމު ސަލާމަތްވެއްޖެ އެވެ.

ވެލެންސިއާގެ ދަނޑުގައި ރޭ ކުޅުނު އެ މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވި އިރު އެ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު ރެއާލަށް އޮތެވެ. އެކަމަކު މެޗުން ލިބުނު އެއް ޕޮއިންޓާ އެކު ރެއާލް ވަނީ އެ ޓީމާއި އެންމެ ވާދަވެރި ބާސެލޯނާއާ ޕޮއިންޓްގެ ގޮތުން އެއްވަރުވެފަ އެވެ. ބާސެލޯނާ ގޯލުގެ ތަފާތުން އެއްވަނައިގައި އޮތީ 35 ޕޮއިންޓާ އެކު އެވެ.

ސީޒަނުގެ އެންމެ ވަރުގަދަ މެޗު، އެލް ކުލެސިކޯ މި ހަފްތާ ބުދަ ދުވަހު ކުޅުމަށް ހަމަޖެހިފައި އޮތް އިރު ބާސެލޯނާއާއި ރެއާލް ވެސް ޕޮއިންޓް ގެއްލުވާލުމާ ގުޅިގެން އެ މެޗުގެ ފޯރި ވަނީ އިތުރަށް ގަދަވެފަ އެވެ. މެޗުން މޮޅުވާ ޓީމެއް ތާވަލުގެ އެއްވަނައަށް ޖެހިލާ އިރު ދެ ޓީމު ވެސް އޮތީ ރަނގަޅު ފޯމެއްގަ އެވެ. އެކަމަކު ދެ ޓީމުގައި ވެސް މުހިއްމު ބައެއް ކުޅުންތެރިންތަކެއް މިވަގުތު ތިބީ އަނިޔާގަ އެވެ. އެގޮތުން ރެއާލްގެ ފޯވާޑް އެޑެން ހަޒާޑާއި މާކޯ އެސެންސިއޯ އަދި ބާސެލޯނާގެ އުސްމާން ޑެމްބެލޭ ވެސް އަނިޔާގެ ސަބަބުން އެ މެޗުގައި ނުކުޅެވޭނެ އެވެ.

ރޭގެ މެޗު ފެށިގެން ފުރަތަމަ 15 މިނެޓު ޑޮމިނޭޓްކޮށްގެން ކުޅުނީ ރެއާލުންނެވެ. އެކަމަކު ވެލެންސިޔާއިން ކުޅުން ރަނގަޅުކޮށް މެޗުގެ ބާކީ އޮތް ބައިގައި މޮޅަށް ކުޅުނެވެ. އެގޮތުން އެ ޓީމު ވަނީ އެ މެޗުގައި ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ.

އަދި އެހެންމެ އެ މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ވެސް ވެލެންސިއާއިންނެވެ. އެ ޓީމުން އުފެއްދި ކައުންޓާ އެޓޭކެއްގެ ފައިދާ ނަގައި އެ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކާލޯސް ސޮލާ އެވެ. އެ ގޯލަށްފަހު ވެސް ވެލެންސިއާއަށް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ.

ރެއާލަށް ނަތީޖާ ހަމަހަމަ ކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން އިތުރަށް ދެއްކި ހަތަރު މިނެޓުގެ ވެސް ފަހު ސިކުންތު ކޮޅުގަ އެވެ. އެ ގޯލު އެ ޓީމުން ޖެހީ ލިބުނު ކޯނަރެއްގައި ކީޕަރު ތިބައުޓް ކޯޓުއާ ބޮލުން ޖެހި ބޯޅައެއް ރިބައުންސަށް ނުކުތުމުން ބެންޒީމާ ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލައިގެންނެވެ.

comment ކޮމެންޓް