ކޮންޖަރިންގެ ތިންވަނަ ބައި އަންނަ ސެޕްޓެމްބަރުގައި

މި ފަހުގެ ތާރީހުގައި ނެރެފައިވާ އެންމެ ކާމިޔާބު ބިރުވެރި ފިލްމު ފްރެންޗައިޒް ކަމަށްވާ "ކޮންޖަރިން"ގެ ތިންވަނަ ބައި އަންނަ އަހަރު ސެޕްޓެމްބަރުގައި ނެރުމަށް ތައްޔާރުވެއްޖެ އެވެ.

ވޯނާ ބްރޮސް އިން ދާދި ފަހުން ހާމަކޮށްފައިވާގޮތުގައި ކޮންޖަރިންގެ ތިންވަނަ ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރުގެ 11 ގައެވެ. އަދި އެ ފިލްމަށް ކިޔުމަށް ހަމަޖެހިފައިވަނީ "ދަ ޑެވިލް މޭޑް މީ ޑޫ އިޓް" އެވެ.

ހަގީގީ ހަޔާތުގެ "ވޯރެން ކޭސް"ގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމުގެ ނަމުގެ ފަހަތުގައި ގިނަ ވާހަކަތަކެއް ވެއެވެ. ޑެވިލް މޭޑް މީ ޑޫ އިޓް އަކީ އެޑް އަދި ލޮރޭން ވޯރެން ދެމަފިރިންގެ ކޭސްގެ ގާނޫނީ ހެކީގެ ގޮތުގައި ބޭނުންކުރި ޖުމްލައެވެ.

ފުރަތަމަ ދެ ފިލްމާ ގުޅުވައި އުފައްދާ ތިންވަނަ ފިލްމުން ފެނިގެންދާނީ އަވަލި މީހެއްގެ މައްސަލައަކާ ގުޅިގެން ކޯޓަށް ދާން ޖެހުނު މައްސަލައެއްގައެވެ. މިއީ އެމެރިކާގެ ތާރީހުގައިވެސް އެފަދަ މައްސަލައެއް ކޯޓަށް ވަތް ފުރަތަމަ ފަހަރެވެ.

މި ފިލްމުގައި އެޑް އާއި ލޮރޭން އާ ދެކޮޅަށް މަރުގެ ތުހުމަތުކޮށް ކޯޓަށް ވައްދާ ކަމަށް ޕްލޮޓުން އެނގެއެވެ. އެހެންނަމަވެސް ތުހުމަތު އެޅޭ ދެމީހުން ބުނާގޮތުގައި ރޫހާނީ އެއްޗެއްގެ ބާރުގައި ހުރި މީހެއްގެ މަރަކީ އެމީހުންގެ ކުށެއް ނޫނެވެ.

ފުރަތަމަ ދެ ފިލްމާ ހިލާފަށް، ޖޭމްސް ވާން އެއް ތިންވަނަ ބައެއް ޑައިރެކްޓެއް ނުކުރާނެއެވެ. އެ ފިލްމު ޑައިރެކްޓު ކުރާނީ މައިކަލް ޝޭވެސް އެވެ.

comment ކޮމެންޓް