ރައީސްއަށް ކުރި ރިޝްވަތުގެ ތުހުމަތަށް ބަޔާން ނެގުމަށް ޖާބިރު އޭސީސީއަށް ހާޒިރުކުރަނީ

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު: އެއްވެއުޅުމުގެ މިނިވަންކަން ހަނިކުރާ ގާނޫނަށް މިދިޔަ ސަރުކާރުން ގެނައި އިސްލާހު ބާތިލް ކުރުމަށް ވަނީ ހުށަހަޅާފައި --- ފޮޓޯ: މަޖިލިސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޝްވަތު ނެންގެވި ކަމަށް ތުހުމަތުކޮށް ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ތުހުމަތު ކުރެއްވި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުވާން އެމަނިކުފާނަށް އަންގައިފި އެވެ.

މެންބަރު ޖާބިރު ލީޑަރުކަން ކުރައްވާ ޑީއާރުޕީއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ރައީސް ސޯލިހު ރިޝްވަތު ނެންގެވި ކަމަށް، ތުހުމަތު ކުރައްވައި ޖާބިރު މަޖިލީހުގެ ތަޅުމުގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށަހެޅި މައްސަލައިގައި ބަޔާނެއް ނެގުމަށް ކޮމިޝަނަށް ހާޒިރުވުމަށް ޖާބިރަށް ފޯނުގެ ޒަރިއްޔާއިން މީގެ ކުރިން ދެންނެވި ކަމަށެވެ. އެހެން ނަމަވެސް، ޖާބިރު ބަޔާން ނުދެއްވާނެ ކަމަށް ދެންނެވުމުން، ހާޒިރުވުމުގެ ޗިޓެއް ހަވާލުކުރަން ކޮމިޝަނުން މިހާރު ގުޅާފައިވާ ކަމަށް ވެސް ޑީއާރުޕީއިން ބުންޏެވެ.

ވިހިވިހީގެ ބަޖެޓް ބަހުސްގެ ތެރެއިން މިދިޔަ މަހުގެ 12 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމަނިކުފާނު އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނަގައި ޑިސްޓްރިބިއުޓް ކުރި ކަމަށެވެ. އަދިވެސް ކެބިނެޓް މިނިސްޓަރުންގެ ތެރެއިން، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ބަދަލު ދިނުމުގެ ނަމުގައި ކުންފުނިތަކުން ރިޝްވަތު ނަގާފައިވާ ކަމަށް ވެސް ޖާބިރު އެ ދުވަހު ތުހުމަތު ކުރެއްވި އެވެ.

ރައްޔިތުން މަޖިލީހުގެ އިމްތިޔާޒުތަކުގެ ގާނޫނު އޮންނަ ގޮތުން، މަޖިލީހުގެ ތަޅުމުގައި އިސްލާމީ ޝަރީއަތާ ހިލާފު ވާހަކައެއް ނުދައްކާހާ ހިނދަކު މެންބަރަކު ތަޅުމުގައި ދައްކާ ވާހަކައަކާ ގުޅިގެން ތަހުގީގެއް ހިންގާ އަދި ދައުވާއެއް ވެސް ނުކުރެވޭނެ އެވެ.

comment ކޮމެންޓް