އިންޑިއާގެ ސިޓިޒެންޝިޕް ގާނޫނާ ދެކޮޅަށް ކުރާ މުޒާހަރާތަކުގައި ފަސް މަރު

އިންޑިއާގައި ރަށްވެހިކަމުގެ ގާނޫނާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި ފަސް މީހަކު ވަނީ މަރުވެފަ ފޮޓޯ: ރޮއިޓާސް

ދިއްލީ (ޑިސެމްބަރު 15): އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި އާ އިސްލާހާ ދެކޮޅަށް އެގައުމުގައި ކުރިއަށްގެންދާ މުޒާހަރާތަކުގައި ފަސް މީހަކު މަރުވެއްޖެ އެވެ.

އިންޑިއާގައި އެ މުޒާހަރާތައް ފެށުނީ، ގަވާއިދާ ހިލާފަށް އެގައުމަށްދާ ބަންގުލަދޭޝް، ޕާކިސްތާން އަދި އަފްޣާނިސްތާނުގެ މުސްލިމް ނޫން މީހުންނަށް ރަށްވެހިކަން ދިނުން ހުއްދަ ކުރާ ބިލެއް ޕާލިމެންޓުން ފާސް ކުރުމުންނެވެ. އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދު ވަނީ ބުރާސްފަތި ދުވަހު އެބިލު ތަސްދީގު ކުރައްވައިފަ އެވެ.

މިދިޔަ ބުދަ ދުވަހު ޕާލިމެންޓުން އެ އިސްލާހު ފާސް ކުރި ފަހުން ބަންގުލަދޭޝްގެ ބޯޑަރު ކައިރީ އޮންނަ އައްސާމްގައި މުޒާހަރާތައް ހޫނުވެ، ފުލުހުންނާ ދެމެދު ވަނީ ކުރިމަތިލުންތައް ހިނގައިފަ އެވެ. އަދި އެ މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ބަޑި ޖެހުމުން ތިން މީހަކު މަރުވެ، ހަމަނުޖެހުންތަކުގައި އެކަކު މަރުވި އެވެ.

މީގެ އިތުރުން، މުޒާހަރާ ކުރާ މީހުން ފިހާރައެއްގައި ރޯކުރުމުގެ ސަބަބުން އެ ފިހާރަ ތެރޭގައި ނިދަން އޮތް މީހަކު ވެސް މަރުވެފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އައްސާމްގެ އިތުރުން ނިއު ދިއްލީގައި ވެސް ހުކުރު ދުވަހު ވަނީ މުޒާހަރާތައް ބާއްވައިފަ އެވެ. އަދި އެމުޒާހަރާތަކުގައި ދަރިވަރުން ވެސް ބައިވެރިވެ، ބެރިކޭޑު ފަޅާލައި ފުލުހުންނާ ދިމާލަށް ގާއުކާފައިވެ އެވެ. އޭގެ ސަބަބުން މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަ ގޭސް ޖަހައިފަ އެވެ.

އިންޑިއާގެ 64 އަހަރުވީ ރަށްވެހިކަމުގެ ގާނޫނުގައި ކުރިން އޮތް ގޮތުން އެގައުމަށް ގަވާއިދާ ހިލާފަށް އެތެރެވާ މީހުންނަށް އިންޑިއާގެ ރަށްވެހިކަމެއް ނުލިބޭނެ އެވެ. އަދި ބޭރު މީހަކަށް އެގައުމުގެ ރަށްވެހިކަމަށް އެދެވޭނީ އިންޑިއާގައި ދިރިއުޅޭތާ ނުވަތަ ފެޑެރަލް ސަރުކާރުގައި މަސައްކަތް ކުރާތާ މަދުވެގެން 11 އަހަރުވުމުންނެވެ.

ނަމަވެސް މިހާރު ޕާލިމެންޓުން ވަނީ އެ މާއްދާތަކަށް އިސްލާހު ގެންނަން ފާސްކޮށްފަ އެވެ. އަދި އެގައުމުން ރަށްވެހިކަން ހޯދަން ބޭނުންވާ ހިންދޫންނާއި ސިކުންނާއި ބުޑިސްޓުންނާއި ޖައިނުންނާއި ނަސާރާއިންނާއި މަޖޫސީންނަށް ހާއްސަ އިމްތިޔާޒުތަކެއް ކަނޑައަޅައިފަ އެވެ. އެގޮތުން އެމީހުންނަކީ ޕާކިސްތާން، އަފްޣާނިސްތާން ނުވަތަ ބަންގުލަދޭޝްއަށް ނިސްބަތްވާ މީހުންކަން ސާބިތު ކުރެވިއްޖެ ނަމަ، އެމީހުން އިންޑިއާގައި ދިރިއުޅޭތާ ނުވަތަ މަސައްކަތް ކުރާތާ ހަ އަހަރު ފަހުން ރަށްވެހިކަމަށް އެދެން ފުރުސަތު ލިބޭނެ އެވެ.

އެ ބިލު ދިފާއު ކުރާ މީހުން ވަނީ އިންޑިއާ އިން އެގޮތަށް ރަށްވެހިކަން ދެނީ މުސްލިމުންގެ އާބާދީ ބޮޑު ގައުމުތަކުގައި، އެހެން ދީނަކަށް ތަބާވުމުގެ ސަބަބުން ފުރައްސާރަ އާއި އަނިޔާއާ ކުރިމަތިލާން ޖެހޭ މީހުންނަށް ކަމަށް ބުނެފަ އެވެ.

ނަމަވެސް އެބިލަށް ފާޑު ކިޔާ ފަރާތްތަކުން ވަނީ އެއީ މުސްލިމުންނާ މެދު ތަފާތުކުރާ އަދި އެގައުމުގައި ހަމަހަމަކަމާ އެކު އަމަލު ކުރުމަށް އަންގާފައިވާ ގާނޫނު އަސާސީއާ ވެސް ފުށުއަރާ އިސްލާހެއް ކަމަށް ބުނެފަ އެވެ.

އެބިލާ ދެކޮޅަށް އެންމެ ވަރުގަދަ މުޒާހަރާތައް ކުރާ އައްސާމްގެ މީހުން ވަނީ އެ އިސްލާހު ގެނައުމާ އެކު ބަންގުލަދޭޝްގެ ގިނަ އަދަދެއްގެ މީހުން ގަވާއިދާ ހިލާފަށް އެ ސްޓޭޓަށް އެތެރެވާން ފަށާނެ ކަމަށް ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް