އާ އަހަރަށް ކަލާފާނު ސްކޫލަށް ވެސް އާ ޔުނީފޯމެއް

ކަލާފާނު ސްކޫލުގެ އާ ޔުނީފޯމު ދައްކާލުން -- ފޮޓޯ: ކަލާފާނު ސްކޫލް

ތިރީސް އަހަރުވަންދެން ކަލާފާނު ސްކޫލުގައި ބޭނުންކުރަމުން ދިޔަ ޔުނީފޯމުގެ ބަދަލުގައި އަންނަ އަހަރުން ފެށިގެން މުޅިން އާ ޔުނިފޯމެއް ބޭނުންކުރަން ނިންމައިފި އެވެ.

ކަލާފާނު ސްކޫލަށް 30 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ސްކޫލުގެ އާ ރަސްމީ ޔުނިފޯމް ތައާރަފްކޮށް ވަނީ ދައްކާލައިފައެވެ. މި އަހަރުގެ ނިޔަލަށް އެ ސްކޫލުގެ އަންހެން ދަރިވަރުން ބޭނުން ކުރަމުން އައީ ރާއްޖޭގެ ސްކޫލުތަކުގައި އެންމެ ކުރިން ފެށިގެން ބޭނުން ކުރަމުން އައި ރޫބައި ނެގި ހުދު ޔުނީފޯމެވެ.

ފިރިހެން ދަރިވަރުން ބޭނުން ކުރަމުން އައީ ހުދު ގަމީހާއި، ކަޅު ސޯޓު އަދި ކަޅު ފަޓުލޫނެވެ.

ކަލާފާނު ސްކޫލުގެ އާ ޔުނީފޯމު ދައްކާލުން -- ފޮޓޯ: ކަލާފާނު ސްކޫލް

ނަމަވެސް 2020 ވަނަ އަހަރުން ފެށިގެން ކަލާފާނު ދަރިވަރިން ބޭނުންކުރާނީ ފެހި ކުލައިގެ ޔުނީފޯމެކެވެ. ކުލައިގެ އިތުރުން ޔުނީފޯމުގެ ޑިޒައިނަށް ވެސް ވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ.

އަންހެން ކުދިން ބޭނުން ކުރާނީ ފެހި ކުލައިގެ ގަމީހާއި ބޮޑު ރޫނެގި ކަޅު ތިރިއެކެވެ. ދަށް ގްރޭޑްތަކުގެ ފިރިހެން ކުދިން ބޭނުން ކުރާނީ ފެހި ކުލައިގެ ގަމީހާއި ކަޅު ސޯޓެވެ. ގްރޭޑް ހަޔަކުން ފެށިގެން މަތީގެ ފިރިހެން ދަރިވަރުން ބޭނުންކުރާނީ ފެހި ކުލައިގެ ގަމީހާއި ފަޓުލޫނެވެ. ޔުނީފޯމު ފުރިހަމަ ވަނީ ފެހިކުލައިގެ ރޮނގުދެމި ޓައީ އަކާވެސް އެކުއެވެ.

ކަލާފާނު ސްކޫލުގެ އާ ޔުނީފޯމު ދައްކާލުން -- ފޮޓޯ: ކަލާފާނު ސްކޫލް

ދަށް ގްރޭޑުތަކުގެ ކުދިން ބޭނުން ކުރާނީ ކުދި ސައިޒުގެ ޓައީއެވެ. ގްރޭޑް ހަޔަކުން ފެށިގެން މަތީގެ ދަރިވަރުން ބޭނުންކުރާނީ ބޮޑެތި ސައިޒުގެ، އަމިއްލައަށް ގޮށް ޖަހާގޮތަށް ތައްޔާރުކުރެވިފައިވާ ޓައީއެވެ.

މިހާތަނަށް އެ ސްކޫލު ދަރިވަރިން ބޭނުން ކުރަމުން އައި ފެހި ރިބަނުގެ ބަދަލުގައި، އަންނަ އަހަރުން ފެށިގެން ބޭނުންކުރާނީ ކަޅު ރިބަން ކަމަށް ވެސް ސްކޫލުން ބުނެފައިވެއެވެ.

comment ކޮމެންޓް