އާންމު ޖީއެސްޓީއިން ލިބުނު އާމްދަނީ ދަށްވެއްޖެ

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު މި އަހަރުގެ ނޮވެމްބަރު މަހު އާންމު ޖީއެސްޓީ އަދި ވިޔަފާރި އާމްދަނީގެ ޓެކްސް (ބީޕީޓީ)ގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވެއްޖެ އެވެ.

އާންމު ޖީއެސްޓީއަކީ، ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ 20.2 ޕަސެންޓެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މީރާ އިން އާންމުކޮށްފައިވާ ނޮވެމްބަރު މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރުގެ ނޮވެމްބަރު މަހު އެ އިދާރާއިން އާންމު ޖީއެސްޓީގެ ގޮތުގައި 232.5 މިލިއަން ރުފިޔާ ވަނީ ބަލައިގަނެފަ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އާންމު ޖީއެސްޓީގެ ގޮތުގައި ލިބިފައިވަނީ 234 މިލިއަން ރުފިޔާ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން، އަހަރުން އަހަރަށް ބަލާއިރުވެސް އާންމު ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ ދަށަށް ގޮސްފަ އެވެ. އާންމު ޖީއެސްޓީއަކީ ދައުލަތުގެ ޖުމްލަ އާމްދަނީގެ، 17.2 ޕަސެންޓް ކަމަށްވާއިރު މިއަހަރުގެ 11 މަސް ދުވަހުގެ ތެރޭގައި އެ ބާވަތުގެ ޓެކުހުން ލިބުނު، 2.62 މިލިއަން ރުފިޔާއަކީ، 55.35 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

އާންމު ޖީއެސްޓީ ދަށްވި ނަމަވެސް، ޓޫރިޒަމް ރަނގަޅުވުމާ އެކު ޓީޖީއެސްޓީއިން ލިބުނު އާމްދަނީ ވަނީ ރަނގަޅުވެފަ އެވެ. އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި 419.13 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެއީ، މިދިޔަ އަހަރާ އަޅާބަލާއިރު، 3.4 ޕަސެންޓް އިތުރުވުމެކެވެ.

މީގެ އިތުރުން، މިދިޔަ މަހު ވަނީ ބީޕީޓީގެ އާމްދަނީ ވެސް ދަށަށް ގޮސްފަ އެވެ. ބީޕީޓީއަކީ ވެސް އާމްދަނީގެ 4.8 ޕަސެންޓަށް ވާއިރު، ބީޕީޓީގެ އާމްދަނީ ވަނީ 55.34 މިލިއަން ރުފިޔާއަށް ވެއްޓިފަ އެވެ. އެހެން ނަމަވެސް، މިދިޔަ އަހަރުގެ އެ މުއްދަތުގައި ބީޕީޓީއިން 57.67 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މީރާގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މަހު އެ އިދާރާއިން 1.15 ބިލިއަން ރުފިޔާ ޓެކުހުގެ ގޮތުގައި ބަލައިގެންފައިވެ އެވެ. މި މުއްދަތުގައި ޑޮލަރުން ލިބުނު އާމްދަނީ އަކީ 51.6 މިލިއަން އެވެ. ނޮވެމްބަރު މަހުގެ ނިޔަލަށް ދައުލަތަށް ވަނީ، 15.23 ބިލިއަން ރުފިޔާގެ އާމްދަނީ މީރާ މެދުވެރިކޮށް ލިބިފަ އެވެ.

comment ކޮމެންޓް