ސަރުކާރަށް އެއް އަހަރު، އައްޑޫގައި ކަމެއް ނެތް: އަލީ ނިޒާރު

ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު: ކުރިއަށް އޮތް ކައުންސިލް އިންތިހާބްގައި ވާދަކުރައްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައި ---- ފައިލް ފޮޓޯ: މަޖިލިސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތް ފަހުން އަހަރު ދުވަސް ވީ ނަމަވެސް އައްޑޫ ސިޓީގައި ތަރައްގީގެ މާ ބޮޑު ކަމެއް އަދި ފެށިފައި ނުވާ ކަމަށް ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި މިރޭ ވާހަކަ ދައްކަމުން އަލީ ނިޒާރު ވިދާޅުވީ، މި ސަރުކާރު އައި ފަހުން އައްޑޫ ސިޓީގައި އަލަށް މާބޮޑު ކަމެއް ފެށިފައި ނުވާ ކަމަށާއި އެހެން ނަމަވެސް ތަރައްގީގެ ކުދި ކުދި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"ކުރިއަށް އެބަހުރި މަސައްކަތްތަކެއް. އެހެން ނަމަވެސް މިވަގުތު ފެންނާކަށް މާބޮޑު ކަމެއް ނެތް. ކުރިއެކޭ މިހާރެކޭ. މިވަގުތަކު ނެތް މާބޮޑު ތަފާތެއް. މި ސަރުކާރަށް އެއް އަހަރު ވެގެން އައިއިރު މާބޮޑު ތަފާތެއް ފެންނާކަށް ނެތް،" ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އައްޑޫގެ ގޮނޑިއަކަށް ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ އަލީ ނިޒާރު ވިދާޅުވި އެވެ.

އައްޑޫ ސިޓީއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެއްކަން ފާހަގަކުރައްވައި އަލީ ނިޒާރު ވިދާޅުވީ، 400 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓް ހިންގުމަށް ވައުދުވެފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް މަސައްކަތްތައް ފެށުމުގެ ކޮޅުމަތި ފެންނަން ފަށާފައިވާ ކަން ވެސް އަލީ ނިޒާރު ފާހަގަ ކުރެއްވި އެވެ.

އައްޑޫ ސިޓީގައި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އަޅަމުން އަންނަ ޕޮލިސް އެކަޑަމީއަކީ އެ ސިޓީގައި ކޮންމެހެން ހުންނަން ޖެހޭ ތަނެއްކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަލީ ނިޒާރު ފާހަގަކުރެއްވި އެވެ. އަދި އައްޑޫސިޓީގައި އެ އިމާރާތް އަޅަން ނިންމާފައިވަނީ "'ސިޔާސީ" ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މަސައްކަތް ނުނިމި ލަސްވުމަކީ އަޅުގަނޑުމެންގެ ޝަކުވާއެއް ނޫން. އެއީ އަޅުގަނޑަށް އަޑުއިވޭ ގޮތުން އިންޑިއާ ސަރުކާރުން 80 ވަރަކަށް މިލިއަން ޑޮލަރު ހަރަދުކޮށްގެން އަޅާ ތަނެއް އެއީ،" އަލީ ނިޒާރު ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ އިގްތިސާދު އޮތީ ވަރަށް ދަށުގައިކަން ފާހަގަކޮށް އަލީ ނިޒާރު ވިދާޅުވީ އެކަން ރަނގަޅުވާނެ ކޮންމެ ކަމަކަށް އައްޑޫ ރައްޔިތުންގެ އާނ ބަސް ލިބޭނެ ކަމަށެވެ.

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެއް އަހަރުވެގެން ދިޔައިރު އެއްވެސް ކަމެއް ނުވެ ދިޔައީމަ އެއީ އަޅުގަނޑުމެނަށް ހައްގުވާ މިންވަރު ކަމަކަށް. ނުވަންޏާ ނުވާ ވާހަކަ ދެއްކެން ޖެހޭނެ،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް