ޑީއާރްޕީގެ ޓިކެޓު ލިބޭނީ މަދުވެގެން 100 މެމްބަޝިޕް ފޯމު ހުށަހެޅުމުން!

ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު -- ފޮޓޯ/މަޖިލިސް

އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ ޓިކެޓުގައި ވާދަކުރެވޭނީ މަދުވެގެން 100 މެމްބަޝިޕް ފޯމު ހުށަހެޅުމުން ކަމަށް އެ ޕާޓީން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ލީޑަރުކަން ކުރައްވާ ޑީއާރްޕީން މިއަދު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި ޑީއާރްޕީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އަދި ޓިކެޓް ދިނުމުގައި ބަލާނީ މަދުވެގެން 100 އާ މެމްބަރުންގެ ފޯމް ހުށަހެޅުމާއެކު ގާނޫނީ ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ކަމަށް ވެސް ޓުވީޓުގައި ވެއެވެ.

ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ. މިހާރު ރާއްޖޭގެ ސިޔާސީ ޕާޓީތަކުން އަންނަނީ އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް ފަށައި، ޕާޓީގެ ޓިކެޓު ދޫކުރާނެ އުސޫލުތައް ހާމަކުރަމުންނެވެ.

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ބުނީ އެ ޕާޓީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ އެޕާޓީގެ ޕްރައިމަރީގައި ވާދަކުރެވޭނީ މިއަހަރު ނިމޭއިރު ޕާޓީގެ ދަފްތަރުގައި ތިބި މެމްބަރުންނަށް އެކަނި ކަމަށެވެ.

އެމްޑީޕީއާ އެންމެ ވާދަވެރި ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީން ވެސް އިންތިހާބުގެ ޓިކެޓު ދޭން ނިންމާފައި ވަނީ ޕްރައިމަރީއަކަށް ފަހުއެވެ.

މިފަހަރު އިންތިހާބުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތާކައި، އަދި ސިޓީ ކައުންސިލްތައް ހިމެނޭ ގޮތަށް 980 ކައުންސިލަރުން އިންތިހާބު ކުރެވިގެން ދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފި އެވެ. އޭގެ ތެރޭގައި އަންހެނުން ކައުންސިލަރުންނަށް 384 ޖާގަ ވަނީ ހާއްސަކޮށްފައެވެ.

comment ކޮމެންޓް