އޮފީސްތަކުގެ އަހަރީ ކޭޝްފްލޯ ހުށަހަޅަން އަންގައިފި

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު -- ސަން ފޮޓޯ: ފަޔާޒު މޫސާ

ސަރުކާރުގެ އޮފީސްތަކުގެ ބަޖެޓު މިއަހަރު ބޭނުންކޮށްފައިވާ ގޮތުގެ އަހަރީ ކޭޝްފްލޯ މި މަހުގެ 23ގެ ކުރީން ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު އޮފީސްތަކަށް ފޮނުވާފައިވާ ބަޖެޓާ ބެހޭ ސާކިއުލާގައި ބުނެފައި ވަނީ ދައުލަތުގެ އޮފީސްތަކަށް އަންނަ އަހަރަށްވާ ބަޖެޓު ދޫކުރެވޭނީ އެ އޮފީހެއްގެ ކޭޝްފްލޯގެ މައުލޫމާތު ލިބިގެން ކަމަށެވެ.

އޭގެ އިތުރުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ޑިސްބާސްކުރާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓް ޑިސްބާސްމަންޓް ޕްލޭނާ އެއްގޮތަށް ކަމަށް އެ ސާކިއުލާގައި ބުނެފައިވެ އެވެ.

މިނިސްޓްރީން އާންމުކުރި ސާކިއުލާގައި ވަނީ ކޭޝްފްލޯ ޕްލޭން ތައްޔާރުކުރާނެ ގައިޑްލައިންއެއް އާންމުކޮށްފަ އެވެ.

"ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ބަޔާންކުރާ ކޭޝްފްލޯ ޕްލޭން ތައްޔާރުކުރުމަށާއި ދައުލަތަށް ލިބޭ ފައިސާއިން ދައުލަތުން ކުރަން ޖެހޭ ހޭދަތައް ހަމަޖެއްސުމަށްޓަކައި ދައުލަތުގެ އެންމެހައި އޮފީސްތަކުން، އެ އޮފީހަކަށް ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީއާއި ހިނގާނެ ކަމަށް ލަފާކުރާ ހަރަދުގެ ތަފްސީލު ކޮންމެ މަހެއް ވަކިން އެނގޭނެހެން ތައްޔާރުކުރަން ވާނެ އެވެ،" އެ ސާކިއުލާގައި ބުނެފައިވެ އެވެ.

އަންނަ އަހަރަށް ހިނގާނެ ހަރަދުތަކަށް ލަފާކޮށް 37.8 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް މަޖިލީހުން ފާސްކޮށްފައި ވަނީ މި މަހުގެ ފަހެއްގަ އެވެ.

comment ކޮމެންޓް