އަމިއްލަ ފަރުދުންގެ 32 ވިޔަފާރިއެއް އުވާލައިފި

ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް: އަމިއްލަ ވިޔަފާރިތަކުގެ ތެރެއިން ފީ ނުދައްކާ ގިނަ ކުންފުނިތަަކެއް އުވާލާނެ ކަމަށް ކުރީން ވެސް ވަނީ ބުނެފައި --- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނުގެ ދަށުން އިކޮނޮމިކް މިނިސްޓްރީގައި ރެޖިސްޓްރީކޮށްފައިވާ 32 ވިޔަފާރިއެއް އުވާލައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މިނިސްޓްރީއަށް ރެޖިސްޓްރީކޮށްފައިވާ އަމިއްލަ 32 ވިޔަފާރި، ގާނޫނުގެ ދަށުން މިހާރު ބާތިލުކޮށްފައިވާ ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހުގައި ނެރުނު އިއުލާނުގައި އުވާލުމަށް ނިންމާފައިވާ ވިޔަފާރިތަކުގެ ތެރޭގައި ފިހާރަތަކާއި ތަފާތު މާޓުތައް ހިމެނެ އެވެ.

އިއުލާނުގައި އަންގާފައިވާ ވިޔަފާރިތައް ބާތިލުކޮށްފައި ވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ. އެ ވިޔަފާރިތަކުގެ ތެރޭގައި 2015 އިން ފެށިގެން މިއަހަރާ ހަމައަށް އުފައްދާފައިވާ ކުންފުނިތައް ހިމެނެ އެވެ.

މިނިސްޓްރީން އަމިއްލަ 32 ވިޔަފާރިއެއް އުވާލި އިރު މީގެ ކުރީން ވަނީ އަމިއްލަ ވިޔަފާރިތަކެއް އުވާލާނެ ކަމަށް ބުނެފަ އެވެ.

މިނިސްޓްރީން މިދިޔަ އޮކްޓޫބަރު މަހުގައި ބުނެފައި ވަނީ އަހަރީ ފީ ނުދައްކައިގެން 1،000 އަށް ވުރެ ގިނަ ކުންފުނި އުވާލުމަށް ނިންމާފައިވާ ކަމަށެވެ. އޮކްޓޫބަރު މަހު އުވާލާނެ ކަމަށް ބުނި ކުންފުނިތަކުގެ ލިސްޓުގައި ހިމެނެނީ 2012 އިން ފެށިގެން 2015ގެ ނިޔަލަށް ރެޖިސްޓްރީކޮށްފައިވާ ކުންފުނިތަކެވެ.

comment ކޮމެންޓް