އެކްސިޑެންޓްތަކަށް ހޭލުންތެރިކުރަން މުޅި ރާއްޖޭގައި ހިނގާލުމެއް ބާއްވައިފި

މަގުމަތީގެ އެކްސިޑެންޓްތައް މަދުކުރުމަށް "ފުރާނައިގެ ސަލާމަތަށް އަޑު އުފުލަމާ" ގެ ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބާއްވާފައިފި އެވެ.

އެ ހިނގާލުމަކީ ނައިބު ރައީސް ފައިސަލް ނަސީމް އިސްނަންގަވައިގެން މަގުމަތީގައި އުޅޭ ކޮންމެ ފަރުދަކަށް މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށްޓަކައި ފައްޓަވާފައިވާ ސިލްސިލާ ޕްރޮގްރާމްގެ ދަށުން ބޭއްވި ހިނގާލުމެކެވެ.

ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މުޅި ރާއްޖޭގައި މިއަދު ހަވީރު އެއްވަގުތެއްގައި ކުރިއަށް ގެންދިޔަ ހޭލުންތެރިކުރުމުގެ ހިނގާލުމުގައި އެކްސިޑެންޓްތަކުގެ ސީން ދައްކާލުމުގެ އިތުރުން ހޭލުންތެރިކުރުވުމަށް އެކި މެސެޖްތައް ވަނީ ދީފަ އެވެ.

އެގޮތުން ވެރިރަށް މާލޭގައި ކުރިއަށް ގެންދިޔަ ހިނގާލުމުގައި ނައިބު ރައީސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. ސޯޝަލް ސެންޓަރު ކުރިމަތިން ހިނގާލުން ފެއްޓެވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ރާއްޖޭގެ މަގުތަކުގައި ހިނގާފައިވާ ނުރައްކާތެރި ހާދިސާތަކާ އަދި މިހާރުވެސް ހިނގަމުންދާ ކަންތައްތަކަކީ ރައްޔިތުން އިންތިހާ ދަރަޖައަށް ކަންބޮޑުވާ ހިސާބުގައި ހުރި ކަންތައްތަކެއް ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމަށްފަހު އެންމެ ބޮޑު ސަމާލުކަމެއް ދެއްވީ ދިވެހި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ.

މާލޭގައި ކުރިއަށް ގެންދިޔަ ހިނގާލުމުގައި ސަރުކާރުގެ މުއައްސަސާތަކުންނާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުންނާއި ޔޫއެން އެޖެންސީތަކުންނާއި މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް ހިމެނޭ ގޮތަށް 300 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.

ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގައި ވެސް މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކުގެ ސަބަބުން އަނިޔާވާ މީހުންނާއި ދުނިޔެ ދޫކުރާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

ރާއްޖޭގެ މަގުތަކުގައި އެވްރެޖްކޮށް ކޮންމެ އަހަރަކު 2000 އެއްހާ ހާދިސާ ހިނގާއިރު މިފަދަ ހާދިސާތަކުގައި އެވްރެޖްކޮށް ކޮންމެ އަހަރަކު ނުވަ މީހުންގެ ފުރާނަ ގެއްލިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

comment ކޮމެންޓް