އެމްޕީއެލްއިން ރިޒާގެ ލޯފާމަށް 2.9 މިލިއަން ދިން މައްސަލަ އޭސީސީއަށް ހުށަހަޅަން ލަފާ ދީފި

އެމްޕީއެލް: ---

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާގެ ލޯފާމަށް މައްސަލައެއްގައި ވަކާލާތު ކުރަންް އެމްޕީއެލްއިން 2.9 މިލިއަން ރުފިޔާ އެޑްވާންސްކޮށް ދެއްކި މައްސަލަ ތަހުގީގު ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ފޮނުވަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ލަފާ ދީފި އެވެ.

އެމްޕީއެލްގެ ފަރާތުން ވަކާލާތު ކުރަން ރިޒާގެ ލޯފާމާ ހަވާލު ކުރީ ޓަގު ބޯޓެއް ބަނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ސެންޓަ އެންޓަޕްރައިޒަސްއާ ހަވާލުކުރި މަޝްރޫއާ ގުޅިގެން އުފެދުނު ދެބަސްވުންތަކަކާ ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގަ އެވެ.

ރިޒާގެ ފާމްއާ އެ މަސައްކަތް ހަވާލު ކުރީ 9 މެއި 2016ގައި ބޭއްވި އެމްޕީއެލްގެ ބޯޑު މެމްބަރުންގެ ބައްދަލުވުމެއްގައި އެގޮތަށް ނިންމައި އޭގެ އަނެއް ދުވަހު އެވެ. ބޯޑު މެމްބަރުން ރިޒާއަށް މަސައްކަތް ދޭން ނިންމާފައި ވަނީ އޭނާ އަކީ އެ މައްސަލައެއްގައި އެމްޕީއެލްއާ ދެކޮޅަށް ދައުވާ ކުރި ސެންޓާ އެންޓަޕްރައިޒަސްއާ ދެކޮޅަށް މީގެ ކުރިން ވެސް ވަކާލަތުކޮށްފައިވާ މީހެއް ކަމަށް ބުނެ އެވެ. ނަމަވެސް، އެއީ އެހެން މައްސަލަތަކެއް ކަމާއި، އެމްޕީއެލް އިން އޭނާއާ ހަވާލު ކުރި މައްސަލައިގައި މީގެ ކުރިން އޭނާ މަސައްކަތް ކޮށްފައި ނުވާކަން އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ވަނީ އެ މަަސައްކަތް ރިޒާއާ ހަވާލުކޮށްފައި ވަނީ 2.9 މިލިއަން ރުފިޔާއަށް ކަމަށްވާއިރު އެ މަަސައްކަތް ހަވާލުކޮށްފައި ވަނީ ގާބިލު އެހެން ފަރާތްތަކުގެ ހުށަހެޅުމަކަށް ބެލުމެއް ނެތި ކަމަށެވެ.

ގުރައިދޫ ދާއިރާގެ މެމްބަރު ރިޒާ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ހުވާ ކުރައްވަނީ --- ފޮޓޯ/ މަޖިލިސް

"މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވާ ގާބިލު އެހެން ފަރާތްތަކެއްގެ ހުށަހެޅުން ނުހޯދައި މަސައްކަތް ވަކި ފަރާތަކާ ހަވާލު ކުރުމުން އެކަށީގެންނުވާ ބޮޑު އަގުގައި މަސައްކަތް ކުރުވުމަށް މަގުފަހިވެ މަސައްކަތާ ހަވާލުވާ ފަރާތާ ގުޅިގެން ނާޖާއިޒު މަންފާ ހޯދައި ލިބިގަތުމަށް މަގުފަހިވެގެން ދިޔުމަކީ އެކަށީގެންވާ ކަމެކެވެ،" އޮޑިޓް ރިޕޯޓުގައިވެ އެވެ.

އޮޑިޓް ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައި ވަނީ 2.9 މިލިއަން ރުފިޔާގެ ފީ ރިޒާ އަށް ދައްކައި ހަލާސް ކުރީ އޭނާގެ ހިދުމަތް ލިބުމުގެ ކުރިން އެޑްވާންސްކޮށް ކަމެވެ. އެއީ ސަރުކާރު ކުންފުނިތަކުން މުދަލާއި ހިދުމަތް ހޯދުމުގައި އަމަލު ކުރަން ޖެހޭ ސްޓްރެޓަޖީއާއި ގަވައިދާ ހިލާފަށް ކޮށްފައި އޮތް ކަމެއް ކަމަށް ރިޕޯޓުގައިވެެ އެވެ. އެ ގަވައިދުގައިވާ ގޮތުން އެޑްވާންސްކޮށް ދެއްކޭނީ ގެރެންޓީއާ އެކު ހުށަހެޅުމުން އެއްބަސްވުމުގެ 15 ޕަސެންޓު ފައިސާ އެވެ.

ޝަރީއަތުގެ ކުރިން ހުރިހާ ފައިސާއެއް އެއްފަހަރާ އެޑްވާންސްކޮށްދީ އުޅުމަކީ ގާނޫނީ ވަކީލުންނަށް ފީ ދެއްކުމުގައި އާންމުކޮށް އަމަލު ކުރާ ގޮތް ނޫން ކަމަށް ވެސް އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން އެ ރިޕޯޓުގައި ލަފާ ދީފައި ވަނީ އެ މައްސަލަ ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ފޮނުވުމަަށެވެ.

މީގެ ކުރިންވެސް އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލާފައިވެ އެވެ. އެ ކޮމިޝަނުން އެ މައްސަލަ ނިންމި ގޮތެއް އެނގިފައި ނުވެ އެވެ.

އެކަން ހިނގައި ދިޔަ އިރު އެމްޕީއެލްގެ ސީއީއޯގެ މަގާމުގައި ހުންނެވި މުހައްމަދު ޖުނައިދު މީގެ ކުރިން "ސަން"އަށް ވިދާޅުވެފައި ވަނީ އެ މަސައްކަތް ހަވާލު ކުރުމުގައި ގޯހެއް ނޯންނާނެ ކަމަށެވެ. އަދި މަސައްކަތް ހަވާލު ކުރަން ނިންމާފައި ވާނީ ބޯޑުންކަން އޭނާ ފާހަގަ ކުރި އެވެ.

ރިޒާއާ ހަވާލު ކުރި މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކުރީ އެމްޕީއެލްއިން ސެންޓާ އެންޓަޕްރައިޒްއަށް 160 މިލިއަން ރުފިޔާ ދެއްކުމަށެވެ.

comment ކޮމެންޓް