އައްޑޫގެ ބިން ހިއްކައި މަގުހެދުމުގެ ބިޔަ މަޝްރޫއު އިންޑިއާގެ ދެ ކުންފުންޏަކަށް

އައްޑޫ ސިޓީގެ ބިންހިއްކައި މަގުހެދުމުގެ ބިޔަ މަޝްރޫއު އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

އައްޑޫ ސިޓީގެ ބިންހިއްކައި މަގުހެދުމުގެ ބިޔަ މަޝްރޫއު އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

އެ ދެ މަޝްރޫއުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު އައްޑޫ ސިޓީކައުންސިލުގަ އެވެ.

އައްޑޫ ޑިވޮލޮޕްމަންޓް ޕްރޮޖެކްޓް ރޯޑް އެންޑް ރީކްލެމޭޝަން ޕްރޮޖެކްޓްގެ ދަށުން އެ މަޝްރޫއުގެ ކޮންސަލްޓެންސީ ހަވާލުކޮށްފައިވަނީ އިންޑިއާގެ ދެ ކުންފުންްޏެއް ކަމަށްވާ އިންޑިއާގެ އެލް އެންޑް ޓީ އިންފްރާސްޓްރަކްޗާ ލިމިޓެޑް އަދި ލީ އެސޯސިއޭޓްސް ސައުތު އޭޝިއާ ޕްރައިވެޓް ލިމިޓެޑްއާއެކު ޖޮއިންޓް ވެންޗާއެއްގެ ދަށުންނެވެ.

އެ ބިޔަ މަޝްރޫއަށް ހަރަދުކުރާނީ އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް އިންޑިއާއިން ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީސްގެ ތެރެއިންކަމަށް އިންޑިއާގެ އެމްބަސީން ބުންޏެވެ.

ޑިޒައިން އަދި ކޮންސަލްޓަންސީގެ މަސައްކަތް ހަވާލުކުރީ 1221 ދުވަހުން ނިންމާގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގެ ބިން ހިއްކައި މަގުތައް ހެދުމުގެ އިތުރުން ސްޓޯމް ވޯޓާ ޑްރެއިނޭޖް ސިސްޓަމްއެއްވެސް ބެހެއްޓުމަށް ނިންމާފައިވާކަމަށް އިންޑިއާގެ އެމްބަސީން ބުންޏެވެ.

އައްޑޫއަށް މިދިޔަ އޮކްޓޫބަރުމަހު ކުރި ގަދަ ވިއްސާރައިގައި ގިނަ ގޭގެއަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއްވެސް ވިޔެވެ. އަދި އެފަދަ ހާލަތްތަކުގައި ސްޓޯމް ވޯޓާ ޑްރެއިނޭޓް ސިސްޓަމްއެއް ބޭނުންވާކަން ކައުންސިލްއިން އޭރު ބުންޏެވެ.

އިންޑިއާގެ އެމްބަސީން ބުނީ އެ މަޝްރޫއު ތާވަލާ އެއްގޮތަށް ނިންމުމަށް މަސައްކަތް ކުރާނެ ކަމަށާއި އަދި އެ މަޝްރޫއުގެ ސަބަބުން އައްޑޫގެ ޕްރައިވެޓް ސެކްޓާއަށް އިންވެސްޓްމަންޓްތައް ގެނައުމަށް މަގުފަހިވެ ޓޫރިޒަމާއި މަސްވެރިކަމާއި ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރި ވަރަށް ބޮޑަށް ކުރިއަރައިގެންދާނެކަމަށްވެސް އެމްބަސީން ބުންޏެވެ.

އެ މަޝްރޫއަށް 127 މިލިއަން ޑޮލަރު ހޭދަވާނެކަމަށް ބެލެވޭކަމަށްވެސް އިންޑިއާގެ އެމްބަސީން ބުންޏެވެ.

މިއަދު ސޮއިކުރި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގެ ތިން ރަށަކާއި ފަޅު ހިމެނޭ ގޮތަށް ޖުމްލަ 228 ހެކްޓަރު ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިތަދޫން 90 ހެކްޓަރުގެ ބިމާއި މަރަދޫފޭދޫ އިން 75 ހެކްޓަރާއި ހުޅުމީދޫ އިން 38 ހެކްޓަރު އަދި ރިސޯޓް ތަރައްގީ ކުރުމަށް ހުޅުވާލުމަށްޓަކައި ފަޅުތެރެއިން 25 ހެކްޓަރުގެ ބިން ހިމެނެއެވެ،

comment ކޮމެންޓް