އެމްޕީއެލްއިން ބޮޑު އަގުގައި ބިންތަކެއް ގަތީ ބޭކާރު ގޮތުގައި، މައްސަލަ އޭސީސީއަށް

އެމްޕީއެލް އިން ލީޒް ރައިޓްސް ގަތް 12 ހާސް އަކަފޫޓުގެބިން ---

އަމިއްލަ ދެ ކުންފުންޏަކަށް ކ. ތިލަފުށިން ދޫކޮށްފައިވާ ދެ ބިމެއްގެ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ގަތުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ބެލެވޭތީ އެ މައްސަލަ ތަހުގީގު ކުރުމަށް އެންޓިކޮރަޕްޝަން ކޮމިޝަނަށް (އޭސީސީ)އަށް ހުށަހެޅުމަށް އެމްޕީއެލްގެ ޕްރޮކިޔުމަންޓް އޮޑިޓް ގައި ލަފާދީފި އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން ކޮށްފައިވާ "އެމްޕީއެލްގެ ސްޕެޝަލް ޕްރޮކިޔުމެންޓް އޮޑިޓް" ގައިވާގޮތުން ތިލަފުށީގައި އެމްޕީއެލްގެ ބޯޓް ޔާޑު ހިންގަމުންދާ ބިމާ އިންވެގެން އޮންނަ އަމިއްލަ ފަރާތެއްގެ 20،000 އަކަފޫޓުގެ ބިމަކާއި، 12،000 އަކަފޫޓުގެ ބިމެއް އެމްޕީއެލްއަށް ގަތީ، 14.9 މިލިއަން ރުފިޔާ ހޭދަކޮށްގެންނެވެ.

އޮޑިޓްގައިވާ ގޮތުގައި، މި ދެ ބިމުގެ ތެރެއިން 20،000 އަކަފޫޓުގެ ގަނެފައި ވަނީ ވިމްލާ ކޮންސްޓްރަކްޝަންއަށް 7.3 މިލިއަން ރުފިޔާ ދައްކައިފަ އެވެ. އަދި 12،000 އަކަފޫޓުގެ ބިން ގަނެފައިވަނީ ސާ ޓްރޭޑިން ކޮމްޕެނީގެ އަތުން 7.6 މިލިއަން ރުފިޔާއަށް ކަމަށް އޮޑިޓްގައިވެ އެވެ.

މި ދެ ބިންވެސް ގަނެފައިވަނީ ކުންފުނީގެ ބޯޑުން ނިންމައިގެން، މެއި، 30، 2016 ވަނަ ދުވަހު ހަދާފައިވާ އެގްރިމެންޓެއްގެ ދަށުންނެވެ. އެ އެއްބަސްވުމުންތަކުގައި ސޮއިކުރުމަށްފަހު ބިމުގެ އަގުގެ 80 ޕަސެންޓް އެޑްވާންސްގެ ގޮތުގައިވަނީ ކުންފުނިތަކަށް ދީފަ އެވެ.

އޮޑިޓްގައިވާ ގޮތުގައި ވިމްލާ އަށް އެޑްވާންސްގެ ގޮތުގައި 5.84 މިލިއަން ރުފިޔާ 2016، ޖޫން އެއްވަނަ ދުވަހު އެމްޕީއެލްއިން ވަނީ ދައްކައިފަ އެވެ. އަދި ހަމަ އެ ދުވަހު ސާ ޓްރޭޑިން އަށް އެޑްވާންސްގެ ގޮތުގައި 6.08 ރުފިޔާ ދެއްކި ކަމަށް ވެސް އޮޑިޓްގައިވެ އެވެ.

މީގެ އިތުރުން ބިމުގެ މިލްކުވެރިކަން އެމްޕީއެލް އަށް ޓްރާންސްޕާ ކުރުމުން ސާ ޓްރޭޑިން އަށް ދައްކަންޖެހޭ ބާކީ 1.5 މިލިއަން ރުފިޔާ 2016 ޖުލައި 21 ގައި ދެއްކި ނަމަވެސް، ވިމްލާ އިން އެމްޕީއެލް އަށް ވިއްކަން އެއްބަސްވި ބިމުގެ މިލްކުވެރިކަން އެމްޕީއެލްއަށް ދީފައި ނުވާ ކަމަށް ވެސް އޮޑިޓްގައިވެ އެވެ.

އެ ބިން ގަންނަން އެމްޕީއެލްއިން 11.92 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އެހެން ނަމަވެސް، ވިމްލާ އިން ވިއްކަން އެއްބަސްވި ބިމުގެ ލީސް ޓްރާންސްފާގެ ކަންތައް ހަމަޖެހިފައިނުވާއިރު، ސާ ޓްރޭޑިން އަަތުން ގަތް ބިމުގައި އެމްޕީއެލް އިން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަން އޮޑިޓްގައި ފާހަގަކޮށްފައެއް ނުވެ އެވެ.

މި ދެ ބިން ގަތުމަށް ބޯޑުން ނިންމީ މި ބިންތަކުގައި އެމްޕީއެލްގެ އިންޖިނިއަރިން އަދި މެއިންޓެނަންސް މަސައްކަތް ކުރުމަށް ކަމަށާއި މީގެ ސަބަބުން 200 މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިވާނެ ކަމަށް ކުންފުނީގެ ސީއީއޯގެ މަގާމުގައި އޭރު ހުންނެވި ބޭފުޅާ ބޯޑަށް މައުލޫމާތު ދިން ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. މި ބިންތައް ގަތުމަށް ބޯޑުން ނިންމި ބައްދަލުވުމުގައި، ބިންތައް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު އޭރުގެ ސީއީއޯ ބޯޑާ ހިއްސާކުރެއްވި ނަމަަވެސް އޭގެ، ފީޒިބިލިޓީ ސްޓަޑީ އެއް ހަދާފައި ނުވާކަންވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އޮޑިޓް ރިޕޯޓްގައި ބުނީ އެމްޕީއެލް އިން ގަތް ދެ ބިމުގެ ތެރެއިން އެމްޕީއެލްގެ ބާރުގެ ދަށުގައި އޮތް ބިމުގައިވެސް، އެ ކުންފުންޏަށް ފައިދާވާނެ ކަމެއް ކޮށްފައި ނުވާތީ ބިން ގަތުމަށް ކުންފުނިން ހޭދަކުރި ފައިސާގެ މަގުސަދު ހާސިލްނުވާ ކަމަށެވެ.

ވިމްލާ އިން އެމްޕީއެލް އަށް ވިއްކަން އެއްބަސްވި ބިމާ ގުޅޭގޮތުން އޮޑިޓް ރިޕޯޓުގައި ބުނީ އެ ބިމުގެ އެޑްވާންސް ފައިސާ އެމްޕީއެލް އިން ވިމްލާ އަށް ދެއްކި ނަމަވެސް އެ ދެކުންފުނީގެ މެދުގައި ހަދާފައިވާ އެއްބަސްވުމާ ވިމްލާ އިން ހިލާފުވެފައިވާ ކަމަށްބުނެ އެމްޕީއެލް އިން އެ މައްސަަ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެމްޕީއެލް އިން އެދިފައިވަނީ އެކުންފުނިން ވިމްލާ އަށް ދެއްކި ފައިސާގެ ގެއްލުމުގެ ބަދަލުގައި އެއްބަސްވުމާ އެއްގޮތަށް ބިން ހަވާލުނުކޮށް ހިނގި ކޮންމެ ދުވަހަކަށް އެއްބަސްވުމުގެ ޖުމްލަ އަގުގެ އެއްޕަސެންޓަށް ވާ ފައިސާ އެކީ އެއްފަހަރާ އެމްޕީއެލް އަށް ދެއްކުމަށް ވިމްލާގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.

މި ދައުވާއާ ގުޅިގެން 2018 ވަނަ އަހަރުގެ ޖޫން 22 ގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އެއްބަސްވުމަށް ރިއާޔަތްކޮށް ވިމްލާ އިން އެމްޕީއެލް އަށް ފައިސާ ދޭން އަމުރު ކުރާނެ ތަނެއް ނެތް ކަމަށެވެ. މި ހުކުމް އެމްޕީއެލް އިން ހައިކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް އެ މައްސަލާގައި ހައިކޯޓުން ހުކުން ނުކުރާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން އެމްޕީއެލްއިން ގަތް ދެބިމަކީ ވަކި މުއްދަތަކަށް ތިލަފުށީ ކޯޕަރޭޝަނުން އަމިއްލަ ދެ ކުންފުންޏަކަށް ދީފައިވާ ދެ ބިމެވެ. އެ ދެ ބިން އެމްޕީއެލް އިން ގަނެފައިވަނީ ތިލަފުށީ ކޯޕަރޭޝަނުން އެ ދެބިން ކުއްޔަށް ދީފައިވާ އަގާއި، އެ ކުންފުނިން އެ ބިންތައް ކުއްޔަށް ދޫކުރުމަށް ހަދާފައިވާ އެއްބަސްވުމުގައި ބާކީ ހުރި މުއްދަތަށް އެ ބިންތަކުގައި ކޮށްފައި ހުރި މަސައްކަތަށް ރިއާޔަތް ނުކޮށެވެ.

މީގެ އިތުރުން އެމްޕީއެލްއިން ބިން ގަނެފައިވަނީ އެ ބިންތައް ގަތުމަށް ހުށަހެޅި އަގުތަކަކީ އެކަށީގެންވާ އަގެއްތޯ ނުބަލާ ކަމަށާއި މިއީ ކުންފުންޏަށް މާލީގޮތުން ގެއްލުން ވާނެ ކަމެއް ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފި އެވެ.

އެމްޕީއެލްއިން ތިލަފުށިން ގަތް ދެ ބިމާ ގުޅޭގޮތުން އޮޑިޓް އޮފީހުން ވަނީ ތިން ލަފާއެއް ދީފަ އެވެ.

އެގޮތުން 14.9 މިލިއަނަށް ރުފިޔާ އެމްޕީއެލް އިން އެ ދެ ބިން ގަނެފައިވަނީ އެއްވެސް ޕްލޭނެއް ނެތި ކަމަށާއި އެ ދެ ކުންފުނިން ބިން ކުއްޔަށް ނަގައިގެން އުޅޭ މުއްދަތު ހަމަވަން ކައިރިވެފައި ވަނިކޮށް ކަމަށްވާތީ ބިން ގަތުމަށް އެމްޕީއެލް އިން ދެއްކި ފައިސާ އަކީ އެކަށީގެންވާ ފައިސާއެއްތޯ ބަލާފައި ނުވާތީ އެކަން ތަހުގީގު ކުރުމަށް އޭސީސީ އަށް މައްސަލަ ހުށަހެޅުމަށް ވަނީ ލަފާ ދީފަ އެވެ.

މީގެ އިތުރުން ވިމްލާ އަށް ދެއްކި އެޑްވާންސް ފައިސާ ހޯދައި، އެކުންފުނިން އެމްޕީއެލް އަށް ހަވާލުކުރަންޖެހޭ ބިން ހަވާލުކުރުން ލަސްވި ކޮންމެ ދުވަހަކަށް ކުންފުންޏަށް ލިބުނު ބަދަލާއި އެޑްވާންސް ފައިސާ ހޯދުމަށާއި މި ދެބިިމުގެ ތެރެއިން ކުންފުންޏަށް ލިބިފައިވާ ބިމުގެ ބޭނުން ކުންފުންޏަށް އެންމެ ފައިދާވާނެހެން ވީ އެންމެ އަވަހަކަށް ބޭނުންކުރުމަށް ވަނީ ލަފާދީފައެވެ.

comment ކޮމެންޓް