އެމެރިކާ މީހުން މިއަހަރު އެންމެ ގިނައިން ގޫގުލްކުރި މަންޒިލަކީ ރާއްޖެ

ރިސޯޓެއްގައި ފަތުރުވެރިންތަކެއް ހަރަކާތްތެރި ވަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ދުނިޔޭގެ ތިން ވަނައަށް އެންމެ އާބާދީ ބޮޑު އެމެރިކާގައި ރާއްޖެ އިތުރަށް ޕްރޮމޯޓުކޮށް، އެގައުމުގެ ފަތުރުވެރިން ރާއްޖެއަށް ގެނައުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެ އެވެ. އަދި އެމެރިކާގެ ރައްޔިތުން މިހާރުވެސް ރާއްޖެއަށް ހިތްޖެހިފައިވާކަން އެނގިގެންދަނީ މިއަހަރު ގޫގުލްއިން އެމީހުން އެންމެ ގިނައިން ހޯދި މަންޒިލަކީ ރާއްޖެއަށް ވެގެން ދިޔުމުންނެވެ.

ގޫގުލްއިން އާއްމުކޮށްފައިވާ "2019 އިން ސާޗް"ގައިވާ ގޮތުން އެމެރިކާގައި މިއަހަރު އެންމެ ގިނައިން ހޯދާފައި ވަނީ ރާއްޖެއަށް ދަތުރު ކުރުމާ ބެހޭ މައުލޫމާތެވެ. އަދި އެ ސާޗްތައް އެންމެ ގިނަވީ މިއަހަރުގެ މާޗް މަހުގަ އެވެ. ގިނަ މީހުން ރާއްޖެއާ ބެހޭ ގޮތުން ބަލާފައި ވަނީ ރާއްޖޭގައި ހަނީމޫން ހޭދަކުރާނެ ގޮތާއި ރާއްޖެއަށް އަންނަ ފްލައިޓްތަކާއި ރާއްޖޭގެ އެކްސްޗޭންޖް ރޭޓާ ގުޅޭ ގޮތުން އެވެ.

މީގެ އިތުރުން އެމެރިކާގައި ރާއްޖެއާ މެދު އެންމެ ބޮޑަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ސަރަހައްދުތަކަކީ ނިއު ޔޯކް، ޓެކްސަސް، ކެލިފޯނިއާ، ފްލޮރިޑާ އަދި ނޯތު ކެރޮލައިނާ އެވެ.

ރާއްޖެއަށް ފަހު އެމެރިކާ މީހުން އެންމެ ގިނައިން ގޫގުލްއިން ސާޗްކޮށްފައިވާ މަންޒިލުތަކަކީ ޖަޕާން، ބޯރާ ބޯރާ، ލަސް ވޭގަސް އަދި މެކްސިކޯ އެވެ.

މިއަހަރު ރާއްޖެއަށް ވަނީ 1.5 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުގައިވާ ގޮތުން، މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެމެރިކާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު 25 ޕަސެންޓު އިތުރުވެފަ އެވެ.

comment ކޮމެންޓް