ބީއެމްއެލްގެ ބިޒްނަސް ސެންޓަރެއް ހުޅުމާލޭގައި ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސްގެ ބިޒްނަސް ސެންޓަރެއް ހުޅުމާލޭގައި ހުޅުވުން -- ފޮޓޯ:ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްގެ ބިޒްނަސް ސެންޓަރެއް ހުޅުމާލޭގައި ހުޅުވައިފި އެވެ.

ހުޅުމާލެ ފިތުރޯނުމަގުގައި ހުންނަ ރެނާޓަސް އިމާރާތުގެ ގްރައުންޑް ފްލޯގައި ބިޒްނަސް ސެންޓަރު ހުޅުވައިދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޓިމް ވިދާޅުވީ އެ ބިޒްނަސް ސެންޓަރާ އެކު ހުޅުމާލޭގައި ގާއިމްވެފައިވާ ވިޔަފާރިތަކަށް، ހާއްސަކޮށް އެސްއެމްއީ ވިޔަފާރިތަކަށް ގާތުން ހިިދުމަތް ދެވޭނެ ކަމަށެވެ.

"ހުޅުމާލޭ ބިޒްނަސް ސެންޓަރުން ކަސްޓަމަރުންނާ ގާތުން ހިދުމަތް ދިނުމަށް ޕާސަނަލް ބޭންކިންގެ ހިދުމަތްވެސް ދޭނެ،" ޓިމް ވިދާޅުވީ ގައުމީ ބޭންކުގެ ހައިސިއްޔަތުން ބޭންކުން އަބަދު ވެސް މަސައްކަތް ކުރަނީ ދިވެހި ވިޔަފާރިތަކާ ވީހާވެސް ގާތުން ހިދުމަތް ދިނުމަށް ކަމަށެވެ.

"ވިޔަފާރިތަކުގެ އިތުރުން ގެސްޓްހައުސް ތަކާއި ކެފޭ ރެސްޓޯރެންޓުތަކަށް ގާތުން ހިދުމަތް ދެވޭނެ،" ޓިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިދިޔަ އަހަރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހިދުމަތް ދިނުމަށް ހާއްސަ ޑިޕާޓްމެންޓެއް ބީއެމްއެލްގައި އުފެއްދި ކަމަށާއި މިއާ އެކު ވިޔަފާރިތަކަށް ދެވޭ ހިދުމަތްތައް ފުޅާވި ކަމަށެވެ.

މާލޭގެ އިތުރުން ހުޅުމާލެ އާއި އަދި އައްޑޫގައި ބީއެމްއެލްގެ ބިޒްނަސް ސެންޓަރުތައް ގާއިމްކޮށްފައިވާއިރު އަންނަ އަހަރު ހދ. ކުޅުދުއްފުށީގައި ވެސް ބިޒްނަސް ސެންޓަރެއް ގާއިމް ކުރާނެ ކަމަށް ޓިމް ވިދާޅުވި އެވެ.

ޓިމް ވިދާޅުވީ 13000 ކުދި ވިޔަފާރިއަށް 800 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށާއި މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ކުރިއަށް ދިޔުމަށް ބޭންކުން ދީފައިވާ ލޯނުތައް ކަމަށެވެ.

ކުދި ވިޔަފާރިތަކަށް ކުރިއަށް އޮތްތަނުގައި ފަސޭހަވާނެ އެތައް ކަމެއް ބީއެމްއެލް އިން ތައާރަފު ކުރާނެކަން ޓިމް ފާހަގަ ކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ސަރުކާރުގެ މައިގަނޑު އެއް ފޯކަސް އަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބާރުވެރިކޮށް ކުރިއެރުވުން ކަމަށާއި އިގްތިސޯދުގައި އަމިއްލަ ވިޔަފާރިތަކުގެ ދައުރު ފުޅާކުރުން ކަމަށެވެ.

"މިކަން ހާސިލްކުރުމަށް ޕްރައިވެޓް ސެކްޓާ އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރުން ބޭނުން. ބިޒްނަސް ސެންޓަރުތަކުގެ އެހީއާ އެކު ސަރުކާރާއި ވިޔަފާރިތަކާ އޮންނަ ގުޅުން ގާތްކޮށްދޭނެ. ހަމައެކަނި މިކަހަލަ ސެންޓަރުތަކެއް ގާއިމް ކުރުމުން ނުފުދޭނެ. ހިދުމަތް ހޯދާ ފަރާތްތަކުން ބޭނުންވާ ހިދުމަތް ފޯރުކޮށްދިނުމަށް އަބަދުވެސް އިސްކަންދޭން ޖެހޭ،" މިނިސްޓަރު ވިދާޅުވީ އެސްއެމްއީތަކަށް ކުރިއަށް ދިޔުމަށް ބީއެމްއެލް އިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

comment ކޮމެންޓް