މަސްވެރިންނަށް ދޫކުރި ލޯނުތަކުން 30 މިލިއަން އަނބުރާ ނުލިބޭ: އޮޑިޓް

މަސްވެރިން މަސް ބާނަނީ: --- ފައިލް ފޮޓޯ/ ދިވެހި މަސްވެެރިން

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، "މަސްދޯނި އަދި މަސްދޯނީގައި އިންޖީނު" އެޅުމަށް ދޫކޮށްފައިވާ ލޯނުތަކުން ލިބެންޖެހޭ 30 މިލިއަން ރުފިޔާ އަދިވެސް ނުލިބިވާ ކަން އޮޑިޓް ރިޕޯޓު ހާމަވެއްޖެ އެވެ.

ފިޝަރީޒް މިނިސްޓްރީގެ 2018 ވަނަ އަހަރުގެ މާލީ އޮޑިޓުގައި ބުނެފައި ވަނީ ރާއްޖޭގެ މަސްވެރިކަން ތަރައްގީކޮށް ކުރިއެރުވުމުގެ ގޮތުން، ދިގު މުއްދަތުގައި އަގު އަދާކުރާގޮތަށް އެގްރީމަންޓުކޮށް، މަސްދޯނިފަހަރާއި މަސްދޯނިފަހަރުގެ އިންޖީނު، މިނިސްޓްރީން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ކަމަށެވެ.

އެ އުސޫލުގެ ދަށުން ހިންގި އެކި ސްކީމުތަކުގެ ތެރެއިން، 1997 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރާ ދެމެދު އެކި ސްކީމްތައް މެދުވެރިކޮށް ދޫކޮށްފައިވާ މަސްދޯނިފަހަރުންނާއި މަސްދޯނިފަހަރުގެ އިންޖީނަށް ލިބެންޖެހޭ ފައިސާ، އެއްބަސްވުމާ އެއްގޮތަށް ލިބެމުން ނުދާކަން އޮޑިޓުގައި ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ޑިސެމްބަރު 2018 ގެ ނިޔަލަށް 35 މަސްދޯންޏަކުން ލިބެންޖެހޭ ޖުމްލަ 14،561،346 ރުފިޔާ އާއި 19 މަސްދޯންޏެއްގެ އިންޖީނުގެ ލޯނު ފައިސާގެ ގޮތުގައި ލިބެންޖެހޭ ޖުމްލަ 1،851،703 ރުފިޔާ ހޯދާފައި ނުވާކަމަށް އޮޑިޓުގައިވެއެވެ.

މާލިއްޔަތު ގާނޫނު ބުނާގޮތުން ދައުލަތުގެ އެއްވެސް ފައިސާއެއް އަނބުރާ ނުލިބޭނެކަމަށް ދޫކޮށްލަން ވާނީ އޮޑިޓާ ޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތިން، މިނިސްޓަރު، ކަމާބެހޭ ހިސާބުތަކުގައި ހިމެނުމަށްފަހު، ރައީސްގެ ހުއްދަ ލިބިގެންނެވެ.

އެހެން ނަމަވެސް އޮޑިޓާ ޖެނެރަލް ވަކިގޮތެއް ކަނޑައަޅުއްވާފައި ނުވަނީސް އަދި ކަމާގުޅޭގޮތުން އޮޑިޓާ ޖެނެރަލް ދެކޭގޮތް ބެލުމެއް ނެތި، 31 އޯގަސްޓް 2018 ގެ ނިޔަލަށް މޯފާ އިންޖީނު ލޯނުތަކުގެ ތެރޭގައި ހިމެނޭ 19 ލޯނެއްގެ އިންޓްރެސްޓާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ 9،743،041 ރުފިޔާ އާއި މޯފާ ދޯނީގެ ލޯނުގެ ފައިސާ ނުދައްކާ 36 ފަރާތުގެ ލޯނު ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ޖުމްލަ 6،601،000 ރުފިޔާއަކީ ދައުލަތަށް ނުލިބޭނެ ފައިސާއެއް ކަމަށް ކަނޑައަޅުއްވައި ދޫކޮށްލެއްވުން އެންމެ ރަނގަޅު ކަމުގައި 20 ސެޕްޓެމްބަރު 2018 ގައި ރައީސް އޮފީހުން މިނިސްޓްރީއަށް އަންގާފައިވާ ކަމަށް އޮޑިޓް އޮފީހުން ވަނީ ބުނެފައެވެ.

އަދި އެ ފައިސާ ނުދައްކާ ފަރާތްތަކަށް 14 އޮކްޓޫބަރު 2018 އިން ފެށިގެން ދެ އަހަރު ދުވަހުގެ މުއްދަތެއް ދީފައިވާކަން އަންގައި ފައިސާ ދައްކަން ޖެހޭ ގޮތުގެ ޝެޑިއުލް އެއް ފޮނުވާފައި ވިޔަސް، ޝެޑިއުލާ އެއްގޮތަށް އެ ފަރާތްތަކުން ފައިސާ ދައްކަމުން ގެންދާކަން މިނިސްޓްރީގެ ފަރާތުން ކަށަވަރުކޮށްފައި ނުވާ ކަމަށް ވެސް ބުނެފައިވެއެވެ.

ހަމައެއާއެކު ފިޝަރީޒް މިނިސްޓްރީން ޅ.ފެލިވަރުގައި ގާއިމުކޮށްފައިވާ އައިސްޕްލާންޓުގެ ކުއްޔަށް މިފްކޯއިން ލިބެންޖެހޭ ފައިސާ ލިބެމުން ނުދިޔަ ނަމަވެސް އެފައިސާ ހޯދުމަށް އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާކަމަށާއި އެހެންވުމުގެ ސަބަބުން 31 ޑިސެމްބަރު 2018ގެ ނިޔަލަށް ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ޖުމްލަ 14،292،638 ރުފިޔާ ލިބިފައި ނުވާ ކަމަށް އޮޑިޓުގައިވެއެވެ.

ފެލިވަރު އައިސްޕްލާންޓަށް 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ކުލި އަދި ޖޫރިމަނާގެ ގޮތުގައި 10،831،380 ރުފިޔާ ލިބެންޖެހޭ ކަމަށް 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވެސް ވަނީ ފާހަގަކޮށްފައެވެ.

އެހެން ނަމަވެސް 2018 ވަނަ އަހަރުގެ ނިޔަލަށް ވެސް އެ ފައިސާ ހޯދާފައި ނުވާތީ، 2018 ވަނަ އަހަރުގެ ނިޔަލަށް ކުލި އަދި ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ އަދަދު ވަނީ އޮޑިޓް ރިޕޯޓުގައި 14،292،638 ރުފިޔާއަށް އަރައިފައެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް އެ ފައިސާ ހޯދުމަށް އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާ ކަމަށާއި އަދި އެ ފައިސާ ހޯދުމަށް ޝަރީއަތަށް ވެސް ފޮނުވާފައި ނުވާކަމަށެވެ.

މަސްވެރިކަމަށް ދޫކޮށްފައިވާ ލޯނުތަކުންނާއި، ޅ. ފެލިވަރުގައި މިފްކޯއިން ގާއިމުކޮށްފައިވާ އައިސްޕްލާންޓުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ 30،705،687 ރުފިޔާ ލިބިފައި ނުވާކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ.

އޭގެ އިތުރުން ހއ. އިހަންވަދޫގައި ގާއިމުކޮށްފައިވާ އައިސްޕްލާންޓް ހިންގާ ބެލެހެއްޓުމަށް ފިޝަރީޒް މިނިސްޓްރީ އާއި ފެލިވަރު ކުންފުންޏާ ދެމެދު ހަދާފައިވާ އެއްބަސްވުމުގައި ވާގޮތަށް އެކުންފުނިން މިނިސްޓްރީއަށް ފައިސާ ދައްކަމުން ނުދާކަން ވެސް އޮޑިޓުގައި ވަނީ ފާހަގަކޮށްފައެވެ.

އައިސްޕްލާންޓް ހިންގާ ބަލަހައްޓާ ގޮތުގެ ތަފާސް ހިސާބު މިނިސްޓްރީން ހޯދަމުން ގޮސްފައިނުވާތީ ފެލިވަރުން މިނިސްޓްރީއަށް ލިބެންޖެހޭ ޖުމްލަ ފައިސާގެ އަދަދު ލިޔެކިޔުންތަކުން އެނގެން ނެތް ކަމަށް އޮޑިޓުގައިވެއެވެ.

ފަސް އަހަރު ދުވަހަށް އިހަވަންދޫ އައިސްޕްލާންޓް ހިންގަން ފެލިވަރާއެކު މިނިސްޓްރީން އެއްބަސްވީ 16 ޑިސެމްބަރު 2010 ވަނަ އަހަރުއެވެ. އެ އެއްބަސްވުމުގެ މުއްދަތު 2015 ވަނަ އަހަރު ހަމަވެފައިވީ ނަމަވެސް، މި އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހާ ހަމައަށް ވެސް އެއްބަސްވުން އާކޮށްފައެއް ނުވެއެވެ.

އެއްބަސްވުން އާނުކުރުމުގެ ސަބަބުން އެ އެއްބަސްވުމުގައި ހުރި ކަންކަމަށް ފެލިވަރު ޒިންމާކުރުމަށް އޮތް ގާނޫނީ ބާރު ކުޑަވެ ހައިސިއްޔަތާއި ބާރު ނެތިގޮސް ޒިންމާކުރުވަން ދަތިވެފައިވާކަން އޮޑިޓުގައި ވަނީ ފާހަގަކޮށްފައެވެ.

އޭގެ އިތުރުން މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ބައެއް ހަރުމުދަލާއި ރާއްޖޭގެ ތިން ސަރަހައްދެއްގައި ގާއިމުކޮށްފައިވާ ތިން އައިސްޕްލާންޓް މިނިސްޓްރީގެ ހަރުމުދަލުގެ ރަޖިސްޓްރީގައި ހިމަނާފައި ނުވާތީ، 2018 ވަނަ އަހަރުގެ މާލީ ބަޔާނުގައި ހަރުމުދަލުގެ ގޮތުގައި ހިމަނާފައިވާ 94،641،450 ރުފިޔާއަކީ ސައްހަ އަދަދެއްކަން ކަށަވަރު ކުރެވިފައި ނުވާކަމަށް ރިޕޯޓުގައިވެއެވެ.

އެހެންކަމުން މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ދައުލަތުގެ ތަންތަނުން ކުރާ މަސައްކަތްތައް ނުވަތަ ދެވޭ ހިދުމަތްތަކަށް ނުވަތަ ކުއްޔަށް ދީފައިވާ ތަނެއްގެ ކުއްޔަށް ނުވަތަ ވިއްކި އެއްޗެއްގެ އަގަށް ލިބެންޖެހޭ ފައިސާ އެކަމެއް ނިމުނު ދުވަހުން ފެށިގެން އެއް މަހުގެ ދުވަހުގެ ތެރޭގައި ހޯދުމަށާއި، އެކި ފަރާތްތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން ޝަރީއަތަށް ފޮނުވަން އޮޑިޓަ ޖެނެރަލް ވަނީ އަންގަވައިފައެވެ.

މިފަދަ މައްސަލަތައް ފެންނަން ހުރި ނަމަވެސް، 2018 ވަނަ އަހަރު ފިޝަރީޒް މިނިސްޓްރީގެ ބަޖެޓުން ހަރަދުތައް ކޮށްފައި ވަނީ އެ އަހަރަށް އެ މިނިސްޓްރީއަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި މަގްސަދުތައް ހާސިލްވާގޮތަށް، އެ ބަޖެޓުގައި ކަނޑައަޅާފައިވާ ކަންތައްތަކަށް، ކަނޑައެޅިފައިވާ މިންވަރަށް އަދި މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.

އަދި މިނިސްޓްރީގެ މާލީ ކަންކަން ވެސް ހިންގާ ބަލަހައްޓާފައި ވަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.

comment ކޮމެންޓް