މިދިޔަ މަހު 2000 އަށް ވުރެ ގިނަ މީހުންނަށް ވޯކް ވިސާ ދީފި

އެއާޕޯޓް، އެރައިވް ކައުންޓަރުން ފަތުރުވެރިންގެ ޕާސްޕޯޓް ބަލަނީ-- ފޮޓޯ/ފަޔާޒު

ހުސްވި ނޮވެމްބަރު މަހު 2000 އަށް ވުރެ ގިނަ މީހުންނަށް ވޯކް ވިސާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު 2314 ފަރާތަކަށް، އަލަށް ވޯކް ވިސާ ވަނީ ދޫކޮށްފަ އެވެ.

މިދިޔަ މަހު 160 މީހަކު ރާއްޖެއަށް އެތެރެވިޔަ ނުދީ ފޮނުވާލާފައިވާއިރު، އޮފްލޯޑު ކުރި ފަސިންޖަރުންގެ އަދަދަކީ 149 އެވެ.

މީގެ އިތުރުން މިދިޔަ މަހު ޖުމްލަ 164،361 މީހުން ރާއްޖެއަށް އެތެރެވެފައިވާއިރު، އޭގެ ތެރެއިން ފަތުރުވެރިންގެ އަދަދަކީ 138،654 އެވެ.

ރާއްޖޭން ފުރި މީހުންގެ އަދަދު 169،170 އަށް އަރާއިރު، އޭގެ ތެރެއިން ދިވެހިންގެ އަދަދަކީ 22،071 އެވެ.

ހަމައެއާއެކު ވަގު މައުލޫމާތު އޮޅުވާލައިގެން ރާއްޖޭން ފުރަން މަސައްކަތްކުރި 7 މައްސަލައެއް މިދިޔަ މަހު ފާހަގަވެފައިވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

comment ކޮމެންޓް