ލޭންޑިން ކްރާފްޓެއް ގަތުމަށް ދެއްކި 6.6 މިލިއަން ރުފިޔާ ހޯދަން އެމްޕީއެލްއަށް އަންގައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބޭނުމަށް ސިންގަޕޫރު ކުންފުންޏަކާ ހަވާލުކޮށްގެން ގެނައި ލޭންޑިން ކްރާފްޓު ގަތުމަށް ދައްކާފައިވާ އެޑްވާންސް ފައިސާ އަނބުރާ ހޯދުމަށް އޮޑިޓް އޮފީހުން ލަފާދީފި އެވެ.

އެމްޕީއެލްގެ ބޭނުމަށް ގެނައި 300 ޓަނުގެ މި ލޭންޑިން ކްރާފްޓު ރާއްޖެ ގެނެސްފައިވަނީ 2017 ވަނަ އަހަރު އެވެ.

އޮޑިޓް އޮފީހުން އެކުލަވާލައި އާންމު ކުރި، އެމްޕީއެލްގެ ޕްރޮކިއުމަންޓާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓްގައިވާ ގޮތުގައި، އެ އުޅަނދު ގަންނަން، ސިންގަޕޫރު ކުންފުންޏަކާ ހަވާލުކުރީ 715،000 ޑޮލަރު (11 މިލިއަން ރުފިޔާ) އަށެވެ. އެހެން ނަމަވެސް، އެ ލޭންޑިން ކްރާފްޓަކީ އެމްޕީއެލް އިން ގަންނަން ނިންމާފައިވާ ލޭންޑިން ކްރާފްޓުގެ ސްޕެސިފިކޭޝަން ތަކާ ތަފާތު ލޭންޑިން ކްރާފްޓެއް ކަމަށް އޮޑިޓްގައިވެ އެވެ.

އެ މައްސަލަ ފެންމަތިވީ ލޭންޑިން ކްރާފްޓު ރާއްޖެ ގެނައުމަށްފަހު އެމްޕީއެލް އިން ހެދި އިސްޕެކްޝަން ތަކުންކަން އޮޑިޓުން ހާމަވެ އެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން، މި އުޅަނދުގެ އެޑްވާންސް ފައިސާގެ ގޮތުގައި، އުޅަނދު ގެނައުމުގެ ކުރިން، 3.65 މިލިއަން ރުފިޔާ 2017 ޖެނުއަރީ ތިނެއްގައި ވަނީ ދައްކައިފަ އެވެ. އަދި އެެ ލޭންޑިން ކްރާފްޓު ރާއްޖެ ގެނައުމަށް ދަތުރުފެށުމުން އުޅަނދުގެ އަގުގެ އިތުރު 40 ޕަސެންޓާ އެކު، ޖުމްލަ 429،000 ޑޮލަރު (6.6 މިލިއަން ރުފިޔާ) އެމްޕީއެލްއިން ސިންގަޕޫރު ކުންފުންޏަށް ވަނީ ދައްކާފައި ކަމަށް އޮޑިޓްގައިވެ އެވެ. އޮޑިޓް ރިޕޯޓްގައި ލަފާދީފައި ވަނީ އެ ފައިސާ އަނބުރާ ކުންފުންޏަށް ހޯދުމަށެވެ.

ނަމަވެސް ސްޕެސިފިކޭޝަން ދިމާނުވުމުން އުޅަނދާ ހަވާލު ނުވެ ބާކީ 30 ޕަސެންޓް ފައިސާ އެމްޕީއެލް އިން ދައްކާފައެއް ނުވެ އެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ، އެ ލޭންޑިން ކްރާފްޓުގައި އަޅާފައިވާ އިންޖީނަކީ ބާ ދެ އިންޖީނު ކަމަށާއި އިންޖީނުގެ މެއިންޓެނަންސް ކޮށްފައި ނުވުމުގެ ސަބަބުން އިންޖީނުން ތެޔޮ ލީކުވެފައިވާކަމަށް އެމްޕީއެލް އިން ހެދި ސާވޭ ރިޕޯޓުން ދައްކާ ކަމަށެވެ. އުޅަނދު ގަތުމަށް އެމްޕީއެލް އިން ހަދާފައިވާ އެއްބަސްވުމުގައި ވާގޮތުން ލޭންޑިން ކްރާފްޓުގައި ހުންނަންޖެހޭނީ ކަމިންސް ބްރޭންޑުގެ 400 ހޯސްޕަވަރުގެ އާ ދެ އިންޖީނެވެ. ނަމަވެސް ރާއްޖެ ގެނައި ލޭންޑިން ކްރާފްޓުގައި ވަނީ މިޓްސުބުޝީ ބްރޭންޑުގެ 380 ހޯސްޕަވަރުގެ ދެ އިންޖީނު ކަމަށް އޮޑިޓްގައިވެ އެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން ލޭންޑިން ކްރާފްޓު ބަނދެފައިވަނީ އެކަށީގެންވާ މިންވަރަށްވުރެ ދަށް ފެންވަރެއްގަ އެވެ. އަދި އާ އުޅަނދަކާ އަޅާބަލާއިރު އެ ލޭންޑިން ކްރާފްޓުގެ ފެންވަރު ދަށް ކަމަށް އެމްޕީއެލްގެ ސާވޭ ރިޕޯޓާ ހަވާލާދީ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން މި ލޭންޑިން ކްރާފްޓު ރާއްޖެ ގެނައުމުގެ ކުރިން އެމްޕީއެލްގެ ދެ މުވައްޒަފަކު އިންޑޮނޭޝިއާ އަށް ގޮސް އޭގެ އިންސްޕެކްޝަނެއް ހަދާފައިވާ ކަމަށާއި އެ އިންސްޕެކްޝަން ރިޕޯޓުގައި އުޅަނދުގައި ބޭނުންކޮށްފައިވަނީ މުޅިން އާ އެއްޗެހިކަމަށް ފާހަގަކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

އޮޑިޓްގައި ބުނެފައި ވަނީ، ނަމަވެސް އުޅަނދު ރާއްޖެ ގެނެސް އެމްޕީއެލް އިން ހެދި ސާވޭ ރިޕޯޓާ ހަވާލާދީ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ލޭންޑިން ކްރާފްޓުގައި ހުރި މެއިން އިންޖީނާއި އިމަޖެންސީ ޕަމްޕަކީ ސެކަންޑް ހޭންޑް އެއްޗެހި ކަމަށެވެ. އިންޖީނު ރޫމުގެ ބަލަސްޓް ސިސްޓަމާއި މެއިން އިންޖީނުގެ އެގްޒޯސްޓް ސިސްޓަމް އަދި އިންޖީނުގެ ކޮންޓްރޯލް ސިސްޓަމާއި ކަރަންޓު ނަގަން ހުރި ޖަނަރޭޓަރުގެ ހާލަތު ރަނގަޅު ނޫން ކަމަށް ލޭންޑިން ކްރާފްޓު ރާއްޖެ ގެނެސް ހެދި ސާވޭ ރިޕޯޓްގައިވެ އެވެ.

އުޅަނދު ރާއްޖެ ގެނައުމުގެ ކުރިން އުޅަނދު އިންސްޕެކްޓު ކުރި ފަރާތުން އޭގައި ބޭނުންކޮށްފައި ހުރި ތަކެއްޗަކީ އާ ތަކެތި ކަމަށް ބުނެފައިވަނީ އެމްޕީއެލްގެ މަސްލަހަތު ސަލާމަތްކުރުމުގައި ހުރަސް އެޅޭނެ ގޮތަށް ކަމަށާއި އެއީ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވުން ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

އެކަމަކީ ވަކި ފަރާތަކަށް މާލީ ނާޖާއިޒު މަންފާއެއް ހޯދައިދިނުން ކަމަށާއި ކުންފުނިން ބޭނުންވާ ސްޕެސިފިކޭޝަން އާއި ތަފާތު ސްޕެސިފިކޭޝަނެއްގެ ސާމާނު ހޯދުމަކީ ކުންފުނިން ދޭ ހިދުމަތަށް ހުރަސް އެޅޭނެ ކަމެއްކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން އެމްޕީއެލް އިން ގަންނަން ކަނޑައޭޅި އުޅަނދުގެ ސްޕެސިފިކޭޝަނާއި އެކުންފުންޏަށް ލިބުނު އުޅަނދުގެ ސްޕެސިފިކޭޝަން ދިމާނުވާތީ އުޅަނދު އަނބުރާ ފޮނުވާލަން ކުންފުނިން ނިންމިއެވެ. ނަމަވެސް އެ އުޅަނދު ގަތުމަށް ދެއްކި އެޑްވާންސް ފައިސާ އެމްޕީއެލް އަށް ލިބިފައެއް ނުވެއެވެ. މީގެ އިތުރުން އުޅަނދު ގަތުނަށްއެޑްވާންސް ދެއްކިއިރު އެޑްވާންސް ސެކިޔުރިޓީގެ ޕޭމަންޓް ހޯދާފައި ނުވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.

އެއުޅަނދާ ހަވާލުނުވެ އުޅަނދު ފޮނުވަލަން ނިންމައި އެކަން ސަޕްލަޔަރަށް އެންގި ކަމަށާއި ނަމަވެސް އުޅަނދު ގަތުމަށް ދެއްކި އެޑްވާންސް ފައިސާ ހޯދާފައިނުވާކަން ފާހަގަކޮށް އޮޑިޓް ރިޕޯޓުގައި ބުނީ ލޭންދިން ކްރާފްޓުގެ ބޭނުން އެމްޕީއެލް އިން ނުކުރާއިރު އުޅަނދު ގަތުމަށް ދެއްކި އެޑްވާންސް ފައިސާ ކުންފުންޏަށް ނުލިބި ހިނގާ ކޮންމެ ދުވަހަކީ ކުންފުންޏަށް ގެއްލުންވާނެ ދުވަހެއް ކަމަށެވެ.

ލޭންޑިން ކްރާފްޓު މައްސަލާގައި އޮޑިޓް އޮފީހުން ވަނީ ލޭންޑިން ކްރާފްޓު ރާއްޖެ ގެނައުމުގެ ކުރިން ޕްރީ ޕާޗޭސް އިންސްޕެކްޝަނަށް ދިޔަ ދެ މުވައްޒަފުން މަސައްކަތުގެ މަސްއޫލިއްޔަތު އެކަށީގެންވާގޮތަށް އަދާކޮށްފައިނުވާތީ، އެކަން ތަހުގީގު ކުރުމަށް އޭސީސީ އަށް ފޮނުވުމަށް ވެސް ލަފާދީފަ އެވެ.

comment ކޮމެންޓް