އިންޑިއާގެ ހަތަރު މިލިޔަން މުސްލިމުންގެ ރަށްވެހިކަން ނިގުޅައިގަންނަނީ

އަމީތު ޝާހު އިންޑިޔާގެ ޕާލަމެންޓްގައި ވާހަކަ ދައްކަވަނީ

ނިއުދިއްލީ (ޑިސެމްބަރު 11) : އިންޑިއާގެ ރަށްވެހި ކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އިއްޔެވަނީ އެގައުމުގެ ޕާލަމެންޓްގެ ތިރިގެ ކަމަށްވާ ލޮކް ސަބްހާ އިން ފާސްކޮށްފަ އެވެ.

މި ބިލް ގެ ބޭނުމަކީ 1955 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް އިންޑިއާގެ އަވަށްޓެރި ޕާކިސްތާން، ބަންގްލަދޭޝް، އަދި އަފްޣާނިސްތާނުން ގަވައިދާ ޚިލާފަށް އިންޑިޔާއަށް ހިޖްރަކޮށްގެން ލިޔެކިޔުމަކާނުލައި އިންޑިޔާގައި ދިރިއުޅެމުން ގެންދާ ޣައިރު މުސްލިމުންނަށް ރަސްމީގޮތެއްގައި އިންޑިޔާގެ ރަށްވެރިކަންދީ އިންޑިއާގެ ރަށްވެހިންގެ ދަފްތަރުތަކުގައި އެމީހުން ރެޖިސްޓްރީ ކުރުމުގެ ފުރްސަތު ހޯދައި ދިނުމެވެ. މި ބިލް ގެ މައްސަލައަކީ މިއީ މިގޮތަށް އިންޑިއާގައި ދިރިއުޅެމުންދާ މުސްލިމުން އެހެން ދީންތަކުގެ މީހުންނާ ތަފާތުކޮށް މުސްލިމުންނަށް ރަށްވެހިކަން ދިނުމަށް ހުރަސްއަޅާ ބިލެއްކަމަށްވާތީއެވެ.

މީގެ ފަސްދޮޅަހަކަށް އަހަރު ކުރިންފެށިގެން އަވަށްޓެރިގައުމުތަކުން އިންޑިއާއަށް ހިޖްރަކޮށް އިންޑިޔާގައި ދިރިއުޅެމުންގެންދާ ފަންސާހަކަށް މިލިޔަން މީހުން އުޅޭކަމަށްވެއެވެ. މީގެތެރޭގައި ހިމެނޭ ހިންދޫން، ބުޑިސްޓުން، ސިކުން، ނަސާރާއިން، މަޖޫސީން އަދި ޖައިނުން (ޖައިނިޒަމް އަގީދާ ގަބޫލުކުރާ މީހުން) ނަށް މި ބިލްގެ ސަބަބުން އިންޑިޔާގެ ރަށްވެހިކަން އޮޓަމެޓިކުން ލިބިގެންދާއިރު މި ބިލްގެ ސަބަބުން މުސްލިމުން މިހައްގުން އިސްތިސްނާވެގެން ދެއެވެ.

އިއްޔެ ފާސްކުރި އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް އިސްލާޙް ގެނައުމުގެ ބިލްގައިވާގޮތުން 1955 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ދެމެދު އިންޑިއާ އަށް ހިޖްރަކޮށްފައިވާ މުސްލިމުންނަށް ރަށްވެހިކަން ލިބޭނީ އެމީހުންގެ އަތުގައި ކަމާބެހޭ ލިޔެކިޔުންތައް ހުރުމުންނެވެ. ނުވަތަ އިންޑިއާގެ ސްޓޭޓެއްގެ ދަފްތަރުގައި އެއީ އެދުވަސްވަރު އިންޑިއާއަށް ހިޖްރަކުރި ބައެއްކަން އެކަން ބަޔާންކޮށްފައި އޮތުމުންނެވެ. މިގޮތަށް ހިޖްރަކޮށްފައިވާ ގިނަ މީހުންނަކީ މީގެ ފަސްދޮޅަހަކަށް އަހަރު ކުރިން ހިޖްރަކޮށްފައިވާ ބަޔަކަށްވާތީ އެމީހުންނާއި އެމީހުން އިންޑިއާގައި އުޅެމުންދާއިރު ލިބިފައިވާ ދަރިންގެ އަތުގައި މިފަދަ ލިޔުމެއް އޮތުމަކީ މުސްތަހީލް ކަމެކެވެ. ލިޔުމެއް އޮތްނަމަވެސް އޮންނާނީ ފަހުގެ ތާރީޚެއްގައި ހިޖްރަކޮށްފައިވާ މަދުބައެއްގެ އަތުގައި ކަމަށް ވަނީ ބެލެވިފައެވެ.

މި ބިލް ހުށަހަޅާފައިވަނީ ލޮކް ސަބްހާގެ މެންބަރެއް ކަމަށްވާ އިންޑިޔާގެ ދާޚިލީ ވަޒީރު އަމީތު ޝާހް އެވެ. އަމީތު އަކީ ދާޚިލީ ވަޒީރު ކަމުގެ އިތުރުން، އިންޑިޔާގައި މިހާރު ވެރިކަންކުރާ ބަރާތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ރައީސްކަންވެސް 2014 ވަނަ އަހަރުން ފެށިގެން ކުރައްވަމުން ގެންދަވާ ހިންދޫންގެ ހަރުކަށި ގައުމީ ވިސްނުމުގެ ބޭފުޅެކެވެ. މީގެއިތުރުން އަމީތު އަކީ ހިންދޫންނަކީ އިންޑިޔާގެ އެހެން ދީންތަކާއި އެހެން ނަސްލުތަކުގެ މީހުންނަށްވުރެ މާމަތިވެރި ބައެއްކަމަށް ދެކޭ ހިންދޫ ގައުމީ ހައްދުފަހަނަޅާފައިވާ ފިކުރު ކަމަށްވާ "ރަސްތިޔާ ސްވެޔަމް ސެވަކް ސަންހް" (އާރުއެސްއެސް) ފިކުރު ގެ ބޭފުޅެކެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީގެ އަރިސް ބޭފުޅެއްކަމަށްވާ އަމީތުއަކީ މުސްލިމުންގެ ބާބްރީ މިސްކިތް ތަޅާލުމަށް ހަރުކަށި ހިންދޫން ހިންގި ޖަރީމާތަކުގައިވެސް އަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ.

އިންޑިއާގެ ރަށްވެހި ކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މުސްލިމުން އިސްތިސްނަވާގޮތަށް ފާސްކުރުމާބެހޭގޮތުން ލޮކް ސަބްހާގައި ކުރިއަށްދިޔަ ބަހުސް ވަރަށް ހޫނުވެގެން ދިޔައެވެ. އެބަހުސްގައި ވާހަކަދައްކަވަމުން އިންޑިއާގެ މުސްލިމުންގެ ޖަމްއިއްޔާ "އޯލް އިންޑިޔާ މަޖްލިސޭ އިއްތިހާދުލް މުސްލިމީން" ގެ ލީޑަރު އަސައްދުއްދީން ޢުވައިސީ ވަނީ އެއީ ހުރިހާ ދީންތަކެއްގެ މީހުންނާއި ހުރިހާ ނަސްލުތަކެއްގެ މީހުން ހަމަމަވާގޮތަށް އެކުލަވާލާފައިވާ އިންޑިޔާގެ ގާނޫނު އަސާސީއާ ޚިލާފު ބިލެއް ކަމާއި، އެ ބިލްގެ ބޭނުމަކީ މީގެ ފަސްދޮޅަހަކަށް އަހަރު ކުރިން ފެށިގެން އިންޑިޔާގެ ރަށްވެހިންގެ ގޮތުގައި ދިރިއުޅޭ މުސްލިމުންގެ އެތަށް މިލިޔަން ބަޔަކު ރަށްވެހިކަމުން މަހްރޫމް ކުރުންކަމަށް ވިދާޅުވެ ކޯފާވެވަޑައިގެން އެ ބިލް ވީދާ ލައްވާފައެވެ.

އެބިލް ގެ ސަބަބުން އިންޑިޔާގެ 4 ވަރަކަށް މިލިޔަން މުސްލިމުން މިޔަންމާގެ ރޮހިންގްޔާ މުސްލިމުންފަދަ ގައުމެއް ނެތް (ސްޓޭޓް ލެސް) ބައެއްގެ ގޮތުގައި ވެގެންދާނެކަމަށް ޢުވައިސީ ވިދާޅުވިއެވެ. އަސައްދުއްދީން ޢުވައިސީއަކީ އިންޑިޔާގެ ޕަލަމެންޓްގައި ހައިދަރު އާބާދުގެ މުސްލިމުންގެ އަޣްލަބިއްޔަތު އޮންނަ ދާއިރާއެއް ތަމްސީލުކުރައްވާ މެންބަރެކެވެ. ޢުވައިސީގެ އިތުރުން އިންޑިއާގެ މައި އިދިކޮޅު ޕާޓީ ކަމަށްވާ ކޮންގްރެސް ޕާޓީގެ މެންބަރުންވެސް ވަނީ މިބިލަކީ އިންޑިއާގެ ގާނޫނު އަސާސީގެ 14 ވަނަ މާއްދާއިން ދީފައިވާ ހަމަހަމަކަން ގެއްލިގެންދާ އަދި މުސްލިމުންނާ ތަފާތުކުރުމުގެ ބިލެއް ކަމަށް ސިފަކުރައްވާފައެވެ. ބީޖޭޕީގެ ބޮޑު އަޣްލަބިއްޔަތެއް އޮންނަ ލޮކް ސަބްހާ އިން އެ ބިލް ފާސްކޮށްފައިވަނީ 311 ވޯޓުގެ އަޣްލަބިއްޔަތަކުންނެވެ. ލޮކް ސަބްހާ ގެ މެންބަރުންގެ އަދަދަކީ 545 އެވެ.

މި އިސްލާޙް އިންޑިޔާގެ ރައީސް ތަސްދީކުރެއްވުމާއެކު ޕާކިސްތާން، ބަންގްލަދޭޝް، އަދި އަފްޣާނިސްތާނުން ގަވާއިދާ ޚިލާފަށް އިންޑިޔާއަށް ހިޖްރަކޮށް ލިޔެކިޔުމެއްނެތި އެގައުމުގައި ދިރިއުޅެމުންގެންދާ މުސްލިމުން ނޫން މީހުން އޮޓަމެޓިކުން އިންޑިޔާގެ ރައްޔިތުންނަށް ވެގެންދާނެއެވެ. ނަމަވެސް އެގޮތަށް ދިރިއުޅޭ އިންޑިއާގެ މުސްލިމުންނަށް އެފުރްސަތެއްނެތެވެ. މުސްލިމުންނަށް ޖެހޭނީ ރައްޔިތުކަން ހޯދުމަށްޓަކައި ރައްޔިތެއްކަން ސާބިތުކޮށްދޭނެ ލިޔެކިޔުންތައް ހުށަހަޅާށެވެ. އެތަކެތި ނެތްނަމަ އެމީހުން އިންޑިޔާއިން ބޭރުކޮށްލުމުގެ ގާނޫނީ ބާރު އިންޑިއާގެ ދާޚިލީ ވުޒާރާއަށް ލިބިގެންދާނެއެވެ.

ރައްޔިތެއްކަން ސާބިތުކޮށްދޭނެ ލިޔެކިޔުންތައްނެތް 4 މިލިޔަނަށްވުރެ ގިނަ މުސްލިމުން ވެސްޓް ބެންގާލް އާއި ބިހާރާއި އުއްތުރަ ޕްރަދޭޝް ފަދަ ސްޓޭޓްތަކުގައި ދިރިއުޅެމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ. މި ބިލް ފާސްކުރުމުން އެކަމާ ދެކޮޅަށް އިންޑިޔާގެ މުސްލިމުން ވަނީ މުޒާހަރާކުރަން ފަށާފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް