ބެންގަލޫރުގައި ޓްރެފިކް ކޮންޓްރޯލް ކުރަން ފުލުހުންގެ ޔުނިފޯމްގައި ބުދުތަކެއް

ބެންގަލޫރުގައި ޓްރެފިކް ޕޮލިސް ބުދެއް ބަހައްޓާފައި -- ފޮޓޯ: އާސިފް ސައުދު

ދިއްލީ (ޑިސެމްބަރު 10): އިންޑިއާގެ ބެންގަލޫރުގެ މަގުތަކުގައި ޓްރެފިކް ކޮންޓްރޯލް ކުރުމަށްޓަކައި ފުލުހުންގެ ޔުނިފޯމް ލައްވާފައިވާ ބުދުތަކެއް ބަހައްޓަން ފަށައިފި އެވެ.

ބެންގަލޫރުގެ ފުލުހުން ބުނި ގޮތުގައި އެ ބުދުތައް ބެހެއްޓުމުން އެއީ އަސްލު ފުލުހުން ކަމަށް ޑްރައިވަރުންނަށް ގަބޫލު ކުރެވެ އެވެ. އަދި ޓްރެފިކް ގަވާއިދުތަކާ ހިލާފުވުމަށް ފަސްޖެހެ އެވެ.

އެ ބުދުތައް ބަހައްޓަނީ އެކި ދުވަހު އެކި ސަރަހައްދުތަކުގަ އެވެ. އެއް ދުވަހަކު ބުދު ބަހައްޓާ ތަނެއްގައި އަނެއް ދުވަހު ބަހައްޓަނީ އަސްލު ފުލުހެކެވެ.

"އެ ބުދުތައް ގެނައިތާ ދުވަސްކޮޅެއްވެއްޖެ. އޭގެ ފަހުން ޓްރެފިކް ލައިޓަށް މަޑުނުކޮށް ދިޔުމަށް މީހުން ފަސް ޖެހޭ. އަދި އެކި ދުވަހު ބުދު ހުންނަތާ ފުލުހެއް ބެހެއްޓުމުން މީހުންނަށް އޮޅޭ ގޮތްވޭ،" ބެންގަލޫރުގެ ފުލުހަކު ވިދާޅުވި އެވެ.

އެ ބުދުތަކާ ބެހޭ ގޮތުން ބެންގަލޫރުގެ މީހުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުން އުފެދިފަ އެވެ. އެގޮތުން ކޮލެޖު ދަރިވަރެއް ކަމަށްވާ ގައުތަމް ޓީ ވަނީ އެ ބުދުތައް އަސްލު ފުލުހަކާ ވައްތަރު ކަމަށާއި އެއީ މީހެއް ނޫންކަން އެނގެނީ ކައިރިން ބެލުމުން ކަމަށް ބުނެފަ އެވެ. އެހެންކަމުން ބުދެއް ބަހައްޓާފައި ހުންނަ މަގެއް ހުރަސް ކުރުމުގެ ކުރިން ސައިކަލު ދުއްވާ މީހުން ހެލްމެޓް ނާޅާ ނަމަ، ހެލްމެޓް އަޅާ ކަމަށް ބުނެފަ އެވެ.

ނަމަވެސް ޓުވިޓާގައި ގިނަ އަދަދެއްގެ މީހުން ވަނީ އެ ނިންމުމަށް ފާޑު ކިޔާފަ އެވެ. އަދި ބުދަކަށް ޓްރެފިކް ފުލުހެއްގެ ޒިންމާ އަދާ ކުރެވޭނެތޯ ސުވާލު އުފައްދާފަ އެވެ.

"އަހަރެމެންގެ ފުލުހުންނަށް ވުރެ މި ބުދުތައް މާ ފިޓުވެފަ މާ ދޮން. ހިއެއް ނުވޭ މިބުދުތައް ބެހެއްޓުމުން އެއްވެސް ފައިދާއެއް ވާނެހެން. އެއީ ފުލުހުން ތިބޭ އިރުވެސް މީހުން ޓްރެފިކް ގަވާއިދުތަކާ ހިލާފުވޭ،" ޕަބްލިކް ރިލޭޝަންސްގައި މަސައްކަތް ކުރާ ސަލީލާ ކައްޕަން ބުންޏެވެ.

ބެންގަލޫރުގައި އަށް މިލިއަން އުޅަނދު ރެޖިސްޓާކޮށްފައިވެ އެވެ. އަދި 2022ގައި އެ އަދަދު 10 މިލިއަނަށް އަރާނެ ކަމަށް ބެލެވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް