މަންޓާ އާއި ޔުނިސެފް ގުޅިގެން އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް

މަންޓާ އެއާ އާއި ޔުނިސެފް ގުޅިގެން އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ފެށުން -- ފޮޓޯ: މަންޓާ

މަންޓާ އެއާ އާއި ޔުނިސެފް ގުޅިގެން އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ފަށައިފި އެވެ.

މަންޓާގެ ފުރަތަމަ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ތިން އަންހެން ބައިވެރިންނާއި ތިން ފިރިހެން ބައިވެރިން ބައިވެރިވެ އެވެ.

މިއީ އޭވިއޭޝަން ދާއިރާއަށް ޝައުގުވެރިކަން ހުންނަ ޒުވާނުންނަށް އެ ދާއިރާގައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދީ ދާއިރާގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ބައިވެރިންނަށް ގްރައުންޑް އޮޕަރޭޝަންސް، ސޭފްޓީ، އެއާކްރާފްޓް އިންޖިނިއަރިން އަދި ކޮމާޝަލް އާއި މާކެޓިންގެ ދާއިރާ އިން ތަޖުރިބާ ހޯދުމުގެ ފުރުސަތު ދޭނެއެވެ. މި ޕްރޮގްރާމުގެ ބައިވެރިންނަށް އެންޓޯ ކޮށްދޭނީ މަންޓާގެ ސްޓާފުންނާއި ޔުނިސެފުގެ ފަރާތުންނެވެ.

ތިން މަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމާ ގުޅޭގޮތުން މަންޓާގެ ސީއީއޯ އެޑްވާޑް އޮލްސްފޯޑް ވިދާޅުވީ އޭވިއެޝަން ދާއިރާ އަށް ޝައުގު ހުންނަ ޒުވާނުންނަށް ތަމްރީނުގެ ފުރުސަތު ފަހިކޮށްދީ ދިވެހި ޒުވާނުންނަށް މަސައްކަތުގެ ތަޖުރިބާގެ ފުރުސަތު ފަހިކޮށްދިނުމަކީ އެ އެއާލައިނަށް ލިބޭ އުފަލެއް ކަމަށެވެ.

ސާނަވީ ސްކޫލު ނިންމި ހަ ކުދިންނާއެކު ފެށި މި ޕްރޮގްރާމް އާއި ގުޅޭގޮތުން ޔުނިސެފުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ. މުނީރު ސައިފެލްދީން ވިދާޅުވީ މިއީ މުސްތަގުބަލަށް ކުދިން ތައްޔާރުކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށެވެ.

މިއީ ދިވެހި ޒުވާނުންނަށް ދާއިރާ އިން ފުރުސަތުތައް ހޯދައިދިނުމަށް ޔުނިސެފާއި މަންޓާއިން ވެފައިވާ އެއްބަސްވުމުގެ ދަށުން ފެށި ޕްރޮގްރާމެކެވެ. .

މީގެ އިތުރުން މަންޓާ އެއާގެ އިންފްލައިޓް މެގަޒިން "ރޭސް" މެދުވެރިކޮށް ކުޑަކުދިންނާއި ޒުވާނުންގެ ހައްގުތަކަށް ހޭލުންތެރިކުރުމަށް މި އެއްބަސްވުމުގެ ދަށުން މަސައްކަތް ކުރާނެއެވެ.

މަންޓާ އިން މިހާރު ރާއްޖޭގެ ތިން މަންޒިލަކަށް ދަތުރު ކުރެއެވެ. އެއީ ދ. ކުޑަހުވަދޫ، ބ. ދަރަވަންދޫ އަދި ގއ. ކޫއްޑޫ އެވެ. އެ އެއާލައިނުން މިދިޔަ މަހުގެ ތެރޭގައި ސީ ޕްލޭންގެ ހިދުމަތްވެސް ފަށާފައިވާއިރު މަންޓާ އިން މަސައްކަތް ކުރަނީ ފަސިންޖަރުންނަށް ތަފާތު އެކްސްޕީރިއެންސް އެއް ދިނުމަށެވެ.

comment ކޮމެންޓް