ނޫމަޑި މައްސަލައިގައި މުއިއްޒުއަށް ޖިނާއީ ތަހުގީގު ހިންގަން އެދިއްޖެ

ނޫމަޑި މައްސަލައިގައި ކުރީގެ ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރުން --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) އިން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި އާބިޓްރޭޝަން މައްސަލައިގައި ކުރީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަމަލުކުރެއްވި ގޮތާ ގުޅިގެން ޖިނާޢީ ތަހުގީގެއް ހިންގައި ދިނުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ފުލުސް އޮފީހުގައި އެދިއްޖެއެވެ.

އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނޫމަޑީގެ ފަރާތުން ދިވެހި ސަރުކާރާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ޑރ. މުއިއްޒު ހުށަހަޅައި، ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަންގައި އޭނާ ބަޔާން ދެއްވާފައި ވީނަމަވެސް ވަޒީރުކަމުގައި އެ މައްސަލައިގައި އޭނާ ދައުލަތް ދިފާއު ކުރައްވާފައިވާ ކަމަށެވެ.

އެގޮތުން ނޫމަޑީގެ މައްސަލަ 11 ޑިސެމްބަރު 2017 ގައި އާބިޓްރޭޝަނަށް ހުށަހެޅުމުން ދައުލަތުން އެ މައްސަލައިގައި ކުރިއަށްދާނެ ގޮތާއި، ނެގޭނެ ދިފާއުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ނިންމުންތައް ނިންމާފައި ވަނީ ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން ޑރ. މުއިއްޒުގެ ބައިވެރިވުމާއެކުގައި ކަމަށެވެ.

ވަޒީރުކަމުގެ މަގާމުން ވަކިވެވަޑައިގަންނަވަންދެން އެ މައްސަލަ ރައްދުވާ މިނިސްޓްރީގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މުއިއްޒުގެ ދައުރެއް އާބިޓްރޭޝަން މައްސަލަތަކުގައި އޮތް ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

ނަމަވެސް 17 ނޮވެމްބަރު 2018 ގައި މިނިސްޓަރުކަމުގެ މަގާމުން ވަކިވެވަޑައިގަތުމަށްފަހު 14 ޖޫން 2019 ގައި ނޫމަޑީގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހަޅާ ހެއްކެއްގެ ގޮތުގައި މުއިއްޒު ދެއްވި ބަޔާނުގައި ކުރިން އަމަލުކުރެއްވި ގޮތާ ދިމާ އިދިކޮޅަށް ދައުލަތާ ދެކޮޅަށް ވާހަކަ ދައްކަވާފައިވާ ކަމަށް އޭޖީ އޮފީހުގެ ބަޔާނުގައިވެއެވެ.

އެގޮތުން ނޫމަޑި ފޭސް 1 އެއްބަސްވުން ބާތިލުކޮށްފައި ވަނީ އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޭނުންވާތީ ކަމަށް ވިދާޅުވެ، އާބިޓްރޭޝަނަށް ބަޔާން ދެއްވުމަށްފަހު، އަލުން ބަޔާން ބަދަލުކުރައްވާފައިވާކަން ފާހަގަކުރެވޭ ކަމަށް ބަޔާނުގައިވެއެވެ.

އޭޖީ އޮފީހުން ބުނީ ނޫމަޑީގެ އެއްބަސްވުންތަކާ ގުޅޭ ނިންމުންތައް ސަރުކާރުގެ ފަރާތުން ނިންމުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި، އެ ޕްރޮޖެކްޓް ކުރިއަށް ގެންދިޔަ ވުޒާރާގެ އޭރުގެ ވަޒީރު ދައުލަތާ ދެކޮޅަށް އާބިޓްރޭޝަނަށް ބަޔާން ދެއްވުމުން އާބިޓްރޭޝަނުގައި ހިނގަމުންދިޔަ މައްސަލަތައް ދިފާއުކުރުމަށް ދައުލަތަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިކުރުވި ކަމަށެވެ.

އެހެންކަމުން އޭޖީގެ ފަރާތުން މިއަދު ޕޮލިސް ސާވިސްގައި އެދިފައި ވަނީ ނޫމަޑި މައްސަލައިގައި މުއިއްޒު އަމަލުކުރައްވާފައިވާ ގޮތާއި އާބިޓްރޭޝަނަށް ދެއްވާފައިވާ ބަޔާނަށް ރިއާޔަތްކޮށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމާއި ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިގެންވާ ސިއްރު މައުލޫމާތެއްގެ ނަހަމަ ބޭނުންކޮށްފައިވާ ކަމާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާކަން ނުވަތަ ނޫންކަން ތަހުގީގުކޮށް ދިނުމަށެވެ.

ބަދަލުގެ ގޮތުގައި ނޫމަޑިއަށް 845 މިލިއަން ރުފިޔާ ދިން މައްސަލާގައި މައުލޫމާތު ސާފުކުރުމަށް މުއިއްޒު ވަނީ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށްފައެވެ. އޭނާ ހާޒިރު ކުރީ، އެ މައްސަލައިގައި ނޫމަޑިއާ އެއްކޮޅަށް އާބިޓްރޭޝަންގައި ބަޔާން ދިންކަމަށް ބުނެއެވެ.

މިދިޔަ މަހު ހަތަރު ވަނަ ދުވަހު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ، އާބިޓްރޭޝަނަށް ބަޔާން ދިނީ، އެ މައްސަލައިގައި ކުރިން ދީފައިވާ ބަޔާންތަކެއްގައި އޭނާއާ މެދު ދައްކާވައިފާ ދޮގު ވާހަކަތަކެއްގެ ހަގީގަތް ހާމަކޮށްދިނުމަށް ކަމަށެވެ. ނަމަވެސް އެ ބަޔާން ހަވާލު ކުރީ ކޮން ފަރާތަކާކަމެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މުއިއްޒު ވިދާޅުވީ، އޭނާ އެއްވެސް ބަޔަކާ އެއްކޮޅަށްވެސް އަދި ދެކޮޅަށްވެސް ބަޔާން ދީފައި ނުވާނެ ކަމަށެވެ.

އެ ކޮމިޓީއަށް ދޮގު މައުލޫމާތު ދިން ކަމަށް ބަލައި އެ މައްސަލަ ޕޮލިހަށް ހުށަހަޅަން ކޮމިޓީން ނިންމިއެވެ.

comment ކޮމެންޓް