ފުލުހުން ގެންގުޅޭ ކުއްތާތަކަށް ކިޔަނީ ބްލެކީ، ޝަކީރާ، ސޭމް އަދި ތާރާ

ފުލުހުން ގެންގުޅޭ ކުއްތާތަކެއް--- ފޮޓޯ: ފުލުހުން

ފުލުހުންގެ އޮޕަރޭޝަންތަކުގައި ގެންގުޅޭ "ފާރަ ގެމަ" ކޭނައިން ސްކުއަޑްގައި ހިމެނޭ ކުއްތާތަކަށް ކިޔާ ނަންތައް ހާމަކޮށްފިއެވެ.

ޓްވިޓާގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެމުން، ފުލުހުންގެ ރަސްމީ ޓްވިޓާ އެކައުންޓުން ވަނީ ހަތަރު ކުއްތާގެ ފޮޓޮއާއެކު އެތަކެތީގެ ނަންތައް ހާމަކޮށްފައެވެ.

ހަތަރު ކުއްތާގެ ތެރޭގައި ހިމެނެނީ ކަޅު ކުލައިގެ ތިން ކުއްތާއާއި މަޑު މުށިކުލައެއްގެ ކުއްތާއެވެ.

ތިން ކަޅު ކުއްތާގެ ނަމަކީ ބްލެކީ، ސޭމް އަދި ތާރާއެވެ. މުށިކުލައިގެ ގޯލްޑަން ރިޓްރީވާ ކުއްތާއަށް ކިޔަނީ ޝަކީރާއެވެ.

ފުލުހުންގެ މުއައްސަސާގައި ބޭނުންކުރަން ކުއްތާ ގެނައީ 2015 ވަނަ އަހަރު. އޭގެ ފަހުންވެސް ކުއްތާ އެތެރެކޮށްފައިވެއެވެ. ކުއްތާތައް ގެނެސްފައިވަނީ ނެދަލެންޑްސްއިންނެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު "ސަން"އަށް ވިދާޅުވީ، ހަތަރު ކުއްތާއަށް އެ ނަންތަކަކީ ނެދަލެންޑްސްއިން ކުއްތާތައް ރާއްޖެއަށް ގެނައި އިރުވެސް ކިޔާ ނަންތައް ކަމަށެވެ. އަދި އެހެން ނަން ނަމުން ކުއްތާތަކަށް ގޮވީމާ އިޖާބަ ނުދޭތީ، އޭރުވެސް ކިޔާ ނަންތައް ބޭނުންކުރަނީ ކަމަށް ވިދާޅުވިއެވެ.

https://sun.mv/54312

މީގެ ކުރިން ފުލުހުން ބޭނުންކުރާ ކުއްތާއަށް ނަން ދޭން ބަހުގެ އެކެޑަމީގެ ކިބައިން ފުލުހުން އެދިފައިވެސްވެއެވެ. ނަމަވެސް ބަހުގެ އެކެޑެމީއިން އޭރު ބުނީ ވަކިވަކި ކުއްތާތަކަށް އެ އެކެޑެމީއިން ނަމެއް ނުކިޔާނެ ކަމަށެވެ.

ފުލުހުން ކުއްތާ ބޭނުންކުރަމުންދަނީ ގޮވާތަކެތި ހޯދުމަށާއި އަދި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައެވެ.

ގޮވާ ޒާތުގެ ތަކެތި ހޯދަން ބޭނުންކުރާ ކުއްތާ ގެންގުޅޭ ޔުނިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމުކުރުން ހިމެނޭ އޭވިއޭޝަން ދާއިރާގެ ސަލާމަތާ ބެހޭ އެއްބަސްވުމެއްގައި އެމެރިކާއާއެކު މިދިޔަ ފެބްރުއަރީމަހު ވަނީ އެއްބަސްވުމެއްގައި ސޮއިވެސްކޮށްފައެވެ.

comment ކޮމެންޓް