ރާއްޖޭގެ ދެ ރިސޯޓެއްގައި ދެ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނި ގޮތުގައި، މަރުވެފައި އޮއްވާ ފެނުނު އެކަކީ އދ. ހުވަހަންދޫގައި ހިންގާ ލިލީ ބީޗު ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފެކެވެ.
އިންޑޮނޭޝިއާއަށް ނިސްބަތްވާ 38 އަހަރުގެ މި މީހާ މަރުވެފައި އޮތްކަން އެނގުނީ މިއަދު ހެނދުނު އޭނާ ހޭ ނުލައިގެން ބެލި އިރު ކަމަށް ފުލުހުް ބުނެއެވެ.
ފުލުހުން އިތުރަށް ބުނި ގޮތުގައި، ގއ. ހަޑަހާގައި ހިންގާ ޕާކް ހަޔަޓް ހަޑަހާ މޯލްޑިވްސް ރިސޯޓުގައި ސްނޯކްލިންގްއަށް ގޮސް އުޅުނު 62 އަހަރުގެ އެމެރިކާ ފަތުރުވެރިއަކުވެސް މަރުވެފައި އޮއްވާ ފެނިފައިވެއެވެ.
އެ ދެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް މިހާރު ބަލަމުންދާ ކަަމަށްވެސް ފުލުހުން ބުންޏެވެ.
މިއީ މިއަދު މޫދަށް އެރި އުޅެނިކޮށް މަރުވި ދެވަނަ ފަތުރުވެރިޔާއެވެ. މިއަދު ފިހާޅޮހި އައިލެންޑް ރިސޯޓުގައިވެސް މޫދަށް އެރި އުޅުނު ޗައިނާ ފަތުރުވެރިއަކު މަރުވެފައިވެއެވެ.
މީގެ އިތުރުން މާލޭގެ ގެއެއްގެ ޓެރަހުގައިވެސް މީހަކު މަރުވެފައި އޮއްވާ ފެނިފައިވެއެވެ.