ލޮޓަސް ފިހާރައިގައި 120،000 ރުފިޔާގެ ސަމްޔަންގް ރާމެން ޕެކެޓެއް

ލޮޓަސް ފިހާރައިގައި ޑަކްޓް ޓޭޕް އަޅައި، ތަނބެއްގައި ހަރުކޮށްފައިހުރި ސަމްޔަންގް ރާމެން ޕެކެޓު-- ފޮޓޯ/އަހްމަދު އަވްޝަން އިލްޔާސް

އެއްޗެއް ގަނެލުމަށް ފަރީދީ މަގުގައި ހުންނަ ލޮޓަސް ފިހާރައަށް ވަނުމާ އެކު، ލިބުނީ ހައިރާންކަމެކެވެ. ލޮޓަސްއިން ރާއްޖެ އެތެރެކޮށް ވިއްކާ، ސަމްޔަންގް ޕަކެޓެއް ޑަކްޓް ޓޭޕް އަޅައި ތަބެއްގައި ހަރުކޮށްފައި ހުރި އިރު އެ ޕެކެޓްގެ ތިރީގައި އޮތް ނޯޓް ކޮޅުގައި ލިޔެފައި ވަނީ، އެ ޕެކެޓްގެ އަގަކީ 120،000 ރުފިޔާ ކަމަށެވެ.

ކުޑަކުޑަ ރާމެން ޕެކެޓެއްގެ އަގު އެހާ ބޮޑު ވީ ކީއްވެގެންތޯ ފިހާރައިގެ ސޭލްސް ކުއްޖެއް ގާތުގައި އަހާލުމުން ބުނީ އެއީ، ސަމްޔަންގް ބްރޭންޑްގެ ރާމެން ޕެކެޓަށް ހާއްސަކޮށްގެން ސޯޝަލް މީޑިއާގައި ލޮޓަސްއިން ކުރިއަށް ގެންދާ "ދިލަނަގާ" ޕްރޮމޯޝަންގެ ހަރަކާތެއް ކަމަށެވެ. ލޮޓަސްއިން ވަނީ ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ސަމްޔަންގްގެ އާ ސްޓޮކެއް މިފަހުން ގެނެސް، ހަރުގަނޑުތަކަށް ނެރެފަ އެވެ.

އަގާ ގުޅޭ ގޮތުން ސުވާލު ކޮށްލުމުން ފިހާރައިގެ ސޭޓް ބުނީ، "އެއީ ކޮންމެހެން އެޕެކެޓް ވިއްކަން ވެގެން" ޖަހާފައިވާ އަގެއް ނޫން ކަމަށެވެ.

ދިލަނަގާ ޕްރޮމޯޝަންގައި ބައިވެރިވާނީ ކިހިނެއް؟

އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނީ، ޑަކްޓް ޓޭޕް އަޅައި ތަތްކޮށްފައިވާ 120،000 ރުފިޔާގެ ރާމެން ޕެކެޓާއެކު ފޮޓޯއެއް ނަގާފައި، dhilanagaa# މި ހޭޝްޓެގާ އެކު ސޯޝަލް މީޑިއާގައި އެ ފޮޓޯ ހިއްސާ ކޮށްގެންނެވެ.

އެ ޕްރޮމޯޝަންގައި ބައިވެރިވާ މީހުންގެ ތެރެއިން ގުރުއަތުން ނެގޭ 10 ފަރާތަކަށް އިނާމެއްގެ ގޮތުގައި ލޮޓަސް ފިހާރައިގެން ދެނީ، ސަމްޔަންގް ރާމެންގެ ގިފްޓް ހެމްޕާއެކެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ މިރޭ 10:00 އާ ހަމައަށެވެ.

ދާދި ފަހުން އެމެރިކާގެ އާޓް ފެއާއެއްގައި މިގޮތަށް ޑަކްޓް ޓޭޕް އަޅައި ހަރުކޮށްފައި ހުރި ދޮންކެޔޮވަކެއް ވަނީ 120،000 އެމެރިކާ ޑޮލަރަށް ވިކިފަ އެވެ. ލޮޓަސްއިން ބުނީ ސަމްޔަންގެ ޕެކެޓެއް ފާރުގައި ހަރުކުރަން ހިޔާލު އައީ އެ ފެއާގައި ޑަކްޓް ޓޭޕް އަޅައި ހަރުކުރި ދޮންކެޔޮވަކަށް ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ލިބުމުން ކަމަށެވެ.

comment ކޮމެންޓް