މި ސަރުކާރުން ޓޫރިޒަމަށް ދޫކުރާ ރަށްތައް ބުރާސްފަތީގައި އިއުލާނު ކުރަނީ

އއ. ހަލަވެލީގައި ހިންގާ ކޮންސްޓަންސް ހަލަވެލި ރިސޯޓު ---

ފަތުރުވެރިކަމަށް އަލަށް ދޫކުރާ ރަށްތައް އަންނަ ބުރާސްފަތި ދުވަހު އިއުލާނު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޓޫރިސްޓު ހިދުމަތްދޭތަންތަން އިންސްޕެކްޓު ކުރުމުގެ މަސައްކަތަށް ކައުންސިލްތަކާ ހަވާލުކުރުމަށް، ކައުންސިލްތަކަށް ތަމްރީނު ދިނުމަށް ބޭއްވި ޕްރޮގްރާމް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި މިދިޔަ ހޮނިހިރު ދުވަހު މިނިސްޓަރު ވިދާޅުވީ ޓޫރިޒަމަށް ދޫކުރާ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ނިމުނު ނަމަވެސް އެއީ ކިތައް ރަށްކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

މީގެ ކުރިން މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަމަށް ތަރައްގީ ކުރުމަށް 27 ރަށެއް އިންސްޕެކްޓު ކުރާނެ ކަމަށެވެ. އެގޮތުން ތިމާވެއްޓާ ގުޅޭ އެސެސްމެންޓުވެސް ކޮންމެ ރަށެއްގައި ހަދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ދައުރު ނިމެންވާއިރަށް ޓޫރިޒަމްގެ ދާއިރާއަށް މަދުވެގެން 35،000 އެނދު އިތުރު ކުރަން ސަރުކާރުން ވަނީ އަމާޒު ހިފާފަ އެވެ.

ބުރާސްފަތިދުވަހުގެ ރޭ ބާއްވާ ޖަލްސާގައި ފަތުރުވެރިކަމާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހިއްސާކުރާނެ އެވެ.

comment ކޮމެންޓް