ވެހިކަލްތަކުން މާލެ ފުރި ޕާކް ކުރާނެ ތަނެއް ނެތް: މޭޔަރު ޝިފާ

ސޯސަންމަގުގައި ކުރިން ހުރި ކުރީގެ ނާސަރީ ހުރި ބިމުގައި އަލަށްހެދި ޕާކިންގ ޒޯން--- ސަން ފޮޓޯ/ މުޒައްޔިން

މާލޭގައި ޕާކްކުރާނެ ޖާގައެއް ނެތް ކަމަށާއި އެކަމަށް ހައްލެއް ހޯދަން ޖެހިފައިވާކަމަށް މާލޭ ސިޓީ ކައުންސިލްއިން ބުނެފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ މާލޭގައި ޕާކްކުރުމުގެ މައްސަލައަށް ހައްލެއް ނާންނާތީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

" ހުރިހާ މުވައްސަސާތަކެއް ގުޅިގެން މާލޭ ސިޓީއަށް އެތެރެވާ ވެހިކަލްތަކަށް ހައްލެއް ހޯދަން ޖެހޭ. ގޯޅިތައް ފުރިއްޖެ. ޓްރާންސްޕޯޓް މިނިސްޓްރީއާއި ކައުންސިލްގެ ނިންމުން ވަރަށް ސާފް. އިތުރަށް ޕާކް ކުރާނެ ޖާގައެއް ނެތް،" ޝިފާ ކުރެއްވި ޓުވީޓްގައިވެއެވެ.

ޝިފާ އެފަދައިން ވިދާޅުވިއިރު މާލޭގައި ޕާކް ކުރާނެ ޖާގަ ނެތިގެން ގިނަ ބައެއް ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ. އަދި ޕާކްކުރާނެ ތަން ނެތިގެން ބައެއް ފަހަރު ނުގަވައިދު ތަންތަނުގައި ޕާކްކުރާތީ ސްޓިކާ ޖަހާތީވެސް އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެއެވެ.

މިދިޔަ އޮކްޓޫބަރު މަހު ސްޕްރީމް ކޯޓު ކުރިމަތީގައި އަލަށް ހެދި ޕާކިން ޒޯންގައި އަގު ދީގެން ޕާކުރުމުގެ ހުއްދަ 40 އުޅަނދަކަށް ވަނީ ދީފަ އެވެ. އެތަނުގައި ޕާކްކުރުމުގެ ހުއްދަ ދީފައިވަނީ މަހަކު 3000 ރުފިޔާ ދައްކާގޮތަށެވެ.

އޭގެ އިތުރުން އާ ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން އާ ޕާކިން ޒޯންތަކެއް ވަނީ ހުޅުވާލައިފަ އެވެ. އޭގެ ތެރޭގައި ސޯސަންމަގުގައި ކުރިން ހުރި ކުރީގެ ނާސަރީ ހުރި ބިމުގައި އަލަށްހެދި ޕާކިންގ ޒޯން ހިމެނެ އެވެ.

ޕާކިންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ނިމިގެން ދިޔަ ސަރުކާރުން މެކޭނިކަލް ޕާކިން ސިސްޓަމްތަކެއް ގާއިމްކުރުމަށްވެސް މަސައްކަތް ކުރި އެވެ. ނަމަވެސް އެކަމުގެ ނަތީޖާއެއް ނުފެނި އެތަކެތި ބާ ދަނގަޑެއްގެ އުކާލަން ޖެހުނީ އެވެ.

comment ކޮމެންޓް