ތާއީދު ކުޑަވެދާނެތީ ބޯރިސް ޖޯންސަން ކަންބޮޑުވެވަޑައިގެންފި

ބޮރިސް ޖޯންސަން

ލަންޑަން (ޑިސެމްބަރު 8) : އިނގިރޭސިވިލާތުގެ އާންމު އިންތިޚާބުގެ ވަގުތު ކުޑަވެފައިވާ މިދަނޑިވަޅުގައި ވެރިކަންކުރާ ކޮންޒަވެޓިވް ޕާޓީއާއި އިދިކޮޅު ލޭބާ ޕާޓީގެ މެދުގައިވާ އާންމުންގެ ތާއީދުގެ ފަރަގު ކުޑަވަމުންދިޔުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެއެވެ.

އާންމު ޚިޔާލު ހޯދުމުގެ ސާވޭކުރާ މަޝްހޫރު ޔޫގޯވްއިން މީގެ ހަތަރު ހަފްތާކުރިން ކުރި ސާވޭއެއްގައި އިދިކޮޅު ލޭބާ ޕާޓީއަށްވުރެ ވެރިކަންކުރާ ކޮންޒަވެޓިވް ޕާޓީގެ މަގްބޫލުކަން 15 ޕޮއިންޓް މަތީގައި އުޅޭކަމަށް ދެއްކި ނަމަވެސް ދެވަނައަށް ކުރި ސާވޭގައި މިފަރަގުވަނީ 12 ޕޮއިންޓަށް ކުޑަވެގެން ގޮސްފައެވެ. އަދި ތިންވަނަ ސާވޭގައި ދެ ޕާޓީގެ ފަރަގު 8 ޕޮއިންޓަށް ވަނީ ކުޑަވެފައެވެ.

ފުރަތަމަ ސާވޭގެ ނަތީޖާ ދައްކާފައިވަނީ ހައުސް އޮފް ކޮމަންސްގައި ހިމެނޭ 650 ގޮނޑީގެ ތެރެއިން މަދުވެގެން 359 ކޮންޒަވެޓިވް ޕާޓީން ކާމިޔާބުކުރާނެ ކަމުގައެވެ. މިވަރުގެ ކާމިޔާބީއެއް ލިބިއްޖެނަމަ މިއީ އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރެއް ކަމަށްވާ މާގްރެޓް ތެޗާ ގެ ޒައާމަތުގައި 1987 ވަނަ އަހަރު އެޕާޓީން ހޯދި އާދަޔާ ޚިލާފު ކާމިޔާބަށްފަހު އެޕާޓީއަށް ލިބޭނެ އެންމެ ބޮޑު ކާމިޔާބީއަށް ވެގެންދާނެއެވެ.

މީގެ އެއް ހަފްތާކުރިން ކުރި ތިންވަނަ ސާވޭގައި ދެޕާޓީގެ ފަރަގު 8 ޕޮއިންޓަށް ކުޑަވެފައިވާއިރު އެ ސާވޭގެ ނަތީޖާއަށް ބަލާއިރު ކޮންޒަވެޓިވް ޕާޓީއަށް ލިބޭނެ ކަމަށް ބެލެވިފައިވަނީ ހައުސް އޮފް ކޮމަންސްގެ 650 ގޮނޑީގެ ތެރެއިން ގާތްގަނޑަކަށް 339 ގޮނޑިއެވެ. ހައުސްގެ އެންމެ ކުޑަ އަޣްލަބިއްޔަތަކީ 326 އެވެ.

މިއިން ކޮންމެ ސާވޭއަކުންވެސް ވަނީ ބޮޑުވަޒީރު ބޮރިސް ޖޯންސަން ލީޑުކުރާ ކޮންޒަވެޓިވް ޕާޓީ، އިދިކޮޅު ލޭބާ ޕާޓީގެ މައްޗަށް ކާމިޔާބު ހޯދައި ހައުސް އޮފް ކޮމަންސްގެ އަގުލަބިއްޔަތު ހޯދާނެކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެންމެ ފަހުގެ ސާވޭއިން ދައްކަނީ ދެ ޕާޓީގެ ފަރަގު ކުޑަވެ އިނގިރޭސި އާންމު އިންތިޚާބުގައި އިދިކޮޅު ލޭބާ ޕާޓީގެ މައްޗަށް ކޮންޒަވެޓިވް ޕާޓީއަށް ހޯދޭނީ ކުޑަ އަގުލަބިއްޔަތެއް ކަމުގައެވެ.

މި ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު އިނގިރޭސިވިލާތުގެ އާންމު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު މިއަދު ބޭއްވި ކޭންޕޭން އެއްވުމެއްގައި ވާހަކަ ދައްކަވަމުން ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ މިކަމާމެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ޖޯންސަން ވިދާޅުވީ އިނގިރޭސިވިލާތަށް އިގްތިސާދީ ގޮތުން ކުރިޔަށް ދެވެންއޮތީ އެގައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ ބްރެކްސިޓްގެ މައްސަލައަށް ހައްލެއް ލިބެންކަމަށާ އެކަންކުރެވޭނީ ކޮންޒަވެޓިވް ޕާޓީއަށް ހައުސްގެ ބޮޑު އަޣްލަބިއްޔަތެއް ދީގެން ކަމުގައެވެ.

ކޮންޒަވެޓިވް ޕާޓީއަށް މި އަގުލަބިއްޔަތު ނުދީފިނަމަ އިނގިރޭސިވިލާތަށް ކުރިމަތިވެގެންދާނީ ހިތަށްވެސް ގެންނަން އުނދަނގޫ ބަނަ މުސްތަގްބަލެއް ކަމަށާ އެހެންކަމުން ކޮންޒަވެޓިވް ޕާޓީއަށް ލިބޭނެކަމަށް ބެލެވޭ ހައުސްގެ އަޣްލަބިއްޔަތު ކުޑަވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އަދި ހައުސްގެ ރަނގަޅު އަގުލަބިއްޔަތެއް ކޮންޒަވެޓިވް ޕާޓީއަށް ލިބިއްޖެނަމަ އަންނަ ޖަނަވަރީ 31 ގައި އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވެ ބްރެކްސިޓްގެ ކަންތައް ނިންމާނެކަމުގެ ޔަގީންކަން އިނގިރޭސި ރައްޔިތުންނަށް ދެއްވާކަމަށްވެސް ޖޯންސަން ވިދާޅުވިއެވެ.

އިނގިރޭސި އާންމު އިންތިޚާބުގައި ޖޯންސަން، ކޮންޒަވެޓިވް ޕާޓީ ލީޑުކުރައްވާއިރު އިދިކޮޅު ލޭބާ ޕާޓީ ލީޑް ކުރައްވަނީ ޖެރިމީ ކޯބިންއެވެ. ޖޯންސަންއަކީ ކެޕިޓަލިސްޓް ފިކުރުގެ އިތުރުން އިނގިރޭސިވިލާތަށް ބޭރު މީހުން ހިޖްރަ ކުރުން ކޮންޓްރޯލް ކުރުމަށް ގޮވާލާ އިނގިރޭސިވިލާތުގެ ޕޮޕިއުލިސްޓް ފިކުރުގެވެސް ބޭފުޅެކެވެ. ކޯބިން އަކީ މެދުމިނުގެ ސޯސަލިސްޓް ފިކުރުގެ ބޭފުޅެކެވެ. އަދި ކޯބިންއަކީ ހިޖުރައަށް ހިއްވަރުދެއްވާ އަދި އިނގިރޭސި މުޖްތަމައުގައި ހިމެނޭ ހުރިހާ ދީންތަކާއި ނަސްލުތަކުގެ މީހުންނަށް ހަމަހަމަ ފުރުސަތުތަކެއް ދިނުމަށް ބާރު އަޅުއްވާ ބޭފުޅެކެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް