ސާވިސްޗާޖުގެ ގޮތުގައި ވެލާއިން މީހަކަށް 20،000 ރުފިޔާ

ވެލާ ރިސޯޓުގެ މުވައްޒަފުން ހިދުމަތުގައި: މިދިޔަ މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައި ވަނީ އެ ރިސޯޓުން -- ފޮޓޯ/ ވެލާ ރިސޯޓް

ހުސްވި ނޮވެމްބަރު މަސް ތެރޭ ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުން ކޮންމެ މުވައްޒަފަކަށް 1,3230 ޑޮލަރު (20،498 ރުފިޔާ) ދީފިއެވެ.

"މޯލްޑިވްސް ސާވިސް ޗާޖު"ން މިހާރު އާންމުކޮށްފައިވާ 65 ރިސޯޓުގެ ތެރެއިން މިިދިޔަ މަހު އެންމެ ބޮޑު އަދަދަކަށް ސާވިސް ޗާޖް ދީފައިވަނީ ވެލާ ރިސޯޓުންނެވެ.

ދެވަނައިގައި 1,146 ޑޮލަރު (17,671 ރުފިޔާ) ސާވިސް ޗާޖް ދީފައި އޮތީ ޗެވަލް ބްލޮންކް ރަންދެލި ރިސޯޓުންނެވެ. ތިންވަނައިގައި އޮތް ވަން އޮންލީ ރީތި ރަށް ރިސޯޓުން ދީފައި ވަނީ 922 ޑޮލަރު (14,217 ރުފިޔާ)އެވެ.

ވެލާއިން މިދިޔަ މަހުގެ ލިސްޓްގެ ކުރި މި ހޯދީ، އޮކްޓޯބަރު މަހު ލިސްޓުގެ އެއްވަނައިގައި އޮތް ރަންދެލި ރިސޯޓު ފަހަތަށް ޖައްސާލުމަށްފަހު އެވެ.

ވެލާއިން އޮކްޓޯބަރު މަހު ދީފައި ވަނީ 916 ޑޮލަރު (14,125 ރުފިޔާ)އެވެ. އެހެން ކަމުން މިދިޔަ މަހު މުވަޒަފުންނަށް ސާވިސް ޗާޖްގެ ގޮތުގައި ލިބުނު އަދަދު އޮކްޓޯބަރު މަހާ އަޅާ ބަލާއިރު 6،373 ރުފިޔާގެ އިތުރުވުމެކެވެ.

ރަންދެލިން އޮކްޓޯބަރު މަހު ދީފައި ވަނީ، 1,097 ޑޮލަރު (16,915 ރުފިޔާއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ 150 ރިސޯޓުތަުގެ ތެރެއިން މިހާތަނަށް މައުލޫމަތު ހާމަކޮށްފައިވާ މ ރިސޯޓުތަކުން މިދިޔަ މަހު 5،000 ރުފިޔާ އިން މަތީގެ ސާވިސް ޗާޖެއް 55 ރިސޯޓުން ވަނީ ދީފައެވެ. އޮކްޓޯބަރު މަހު 5،000 ރުފިޔާއިން މަތީގެ ސާވިސް ޗާޖެއް ދީފައި ވަނީ 43 ރިސޯޓަކުންނެވެ.

comment ކޮމެންޓް