ޗުއްޓީއާ ދިމާކޮށް ދެކުނު އެފްރިކާއިން އަނެއްކާވެސް އައްޑޫއަށް ސީދާ ދަތުރުތައް ފަށައިފި

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ސައުތު އެފްރިކަން އެއާވޭސްގެ ފްލައިޓެއް -- ފޮޓޯ/ ގަން އިންޓަނޭޝަނަލް އެއާޕޯޓު

ޗުއްޓީއާ ދިމާކޮށް ދެކުނު އެފްރިކާއިން އައްޑޫ ސިޓީ ގަމަށް ސީދާ ދަތުރުތައް އަނެއްކާވެސް ފަށައިފިއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމާއި ހަވާލުވެ ހުންނެވި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ރިމްނާ ހަސަން "ސަން"އަށް ވިދާޅުވީ މިއަދު އެ ދަތުރުތައް ފެށިއިރު ދެކުނު އެފްރިކާއިން 138 ފަސެންޖަރުން އައި ކަމަށެވެ.

ރާއްޖެއަށް ދެކުނު އެފްރިކާއިން ދަތުރުތައް ކުރަނީ ސައުތު އެފްރިކަން އެއާލައިންއެވެ. މިއީ ޗާޓަރު ދަތުރުތަކެކެވެ.

ރިމްނާ ވިދާޅުވީ ސީޒަނާ ދިމާކޮށް ފެށި ދަތުރުތައް ޖެނުއަރީ 13 އާ ހަމައަށް ކުރިއަށްގެންދާނެ ކަމަށެވެ. އަދި އެ ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއަކުވެސް އާދިއްތަ ދުވަހު ކަމަށް އޭނާ ވިދާޅުވިއެވެ.

ދެކުނު އެފްރިކާއިން ގަމަށް އެންމެ ފަހުން ދަތުރުތައް ބާއްވައިފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. އެ ފަހަރު 200 އަށްވުރެ ގިނަ ފަސެންޖަރުން ރާއްޖެ އައިކަމަށްވެސް ރިމްނާ ވިދާޅުވިއެވެ.

ދެކުނު އެފްރިކާއިން ގަމަށް އެންމެ ފުރަތަމަ ދަތުރުތައް ފެށީ މިދިޔަ އަހަރު ޑިސެމްބަރުމަހުއެވެ. އޭގެ ފަހުން މިދިޔަ އޭޕްރިލް މަހުވެސް އެ އެއާލައިން ދަތުރުތައް ވަނީ ބާއްވައިފައެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓާ ސްރީލަންކާގެ ކޮލޮމްބޯއާ ދެމެދު ސްރީލަންކަން އެއާލައިންސްއިންވެސް ހަފްތާއަކު ތިން ދަތުރު ބާއްވައެވެ.

comment ކޮމެންޓް