ހޮންކޮންގެ މުޒާހަރާތަކަށް ހަ މަސް ފުރުން ފާހަގަ ކުރުމަށް ބޮޑު އެއްވުމެއް

ހޮންކޮންގައި މިއަދު ބޭއްވި އެއްވުމުގެ އެތައް ހާސް މީހުން ބައިވެރިވި -- ފޮޓޯ: ގެޓީ

ހޮންކޮން (ޑިސެމްބަރު 8): ހޮންކޮންގައި ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ފެށިތާ ހަ މަސް ފުރުން ފާހަގަ ކުރުމުގެ ގޮތުން މިއަދު އެސަރަހައްދުގައި ބާއްވާ އެއްވުމުގައި އެތައް ހާސް މީހުން ބައިވެރިވެއްޖެ އެވެ.

އެއީ މިދިޔަ އޮގަސްޓު މަހުގެ ފަހުން، ހޮންކޮންގެ ޑިމޮކްރަސީއަށް ތާއިދު ކުރާ ސިވިލް ހިއުމަން ރައިޓްސް ފްރޮންޓަށް އެއްވުމެއް ބޭއްވުމަށް ފުލުހުން ހުއްދަ ދިން ފުރަތަމަ ފަހަރެވެ. އެޖަމްއިއްޔާއިން ވަނީ މިއަދުގެ އެއްވުން ސުލްހަވެރި ވާނެ ކަމަށާއި އަމަން ބެލެހެއްޓުމަށް ހާއްސަ 200 އޮފިޝަލުން ހަރަކާތްތެރިވާނެ ކަމަށް ބުނެފަ އެވެ. އަދި ފުލުހުން ވަނީ އެ އެއްވުމުގެ ކުރިން ކުރިއަށްގެންދިޔަ ރޭޑެއްގައި 11 މީހުން ހައްޔަރުކޮށް ބަޑިއެއް ހޯދާފައިވާ ކަމަށް ބުނެފަ އެވެ.

މިދިޔަ ޖޫން މަހު ސިވިލް ހިއުމަން ރައިޓްސް ފްރޮންޓުން ބޭއްވި ދެ އެއްވުމެއްގައި ޖުމްލަ ތިން މިލިއަނަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އެޖަމްއިއްޔާއިން ބުންޏެވެ. އަދި މިއަދުގެ އެއްވުމަކީ އޭގެ ފަހުން ބާއްވާ އެންމެ ބޮޑު އެއް އެއްވުމަށް ވެގެން ދާނެ ކަމަށް ބެލެވެ އެވެ.

އެ އެއްވުމުގައި ބައިވެރިވާ ފަރާތްތަކުން ވަނީ އެއީ އެމީހުންގެ ޑިމާންޑުތަކަށް އިޖާބަ ދިނުމަށް ސަރުކާރަށް ދޭ އެންމެ ފަހު ފުރުސަތު ކަމަށް ބުނެފަ އެވެ.

ހޮންކޮންގައި މުޒާހަރާ ކުރާ ފަރާތްތަކުން ދަނީ ސަރުކާރުގެ އިސްތިއުފާއަށް ގޮވާލަމުން -- ފޮޓޯ: އޭއެފްޕީ

ހޮންކޮންގެ މުޒާހަރާތައް ފުރަތަމަ ފެށުނީ ސަރުކާރުން ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި އެކްސްޓްރެޑިޝަން ބިލާ ގުޅިގެންނެވެ. އެބިލުގެ ދަށުން ހޮންކޮންގައި ތިބޭ ކުށުގެ ތުހުމަތު ކުރެވޭ މީހުން ޗައިނާއާ ހަވާލު ކުރެވޭނެ އެވެ. އަދި ބިލާ ދެކޮޅު ފަރާތްތަކުން ވަނީ އޭގެ ސަބަބުން ހޮންކޮންގެ ގާނޫނީ މިނިވަންކަން ހީނަރުވެ، ހޮންކޮންގައި ތިބި ޗައިނާއަށް ފާޑު ކިޔާ މީހުން ނުރައްކަލަށް ހުށަހެޅޭނެ ކަމަށް ބުނެފަ އެވެ.

އެ ބިލާ ދެކޮޅަށް ފެށި މުޒާހަރާތަކުގައި ހޮންކޮންގެ އެތެރޭގެ ދަތުރުފަތުރާއި އެއާޕޯޓު ހުއްޓުމަކަށް ގެނެސް، ގާނޫނު ހަދާ މަޖިލީހަށްވެސް ގެއްލުންދީފައިވެ އެވެ. އަދި އެތައް ހާސް މީހުންނަށް އަނިޔާވެ، 4000އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ބައެއް ރިޕޯޓުތަކުގައިވެ އެވެ.

އޭގެ ފަހުން ހޮންކޮންގެ ލީޑަރު ކެރީ ލާމް ވަނީ ބިލް އަނބުރާ ގެންދަވާފަ އެވެ. ނަމަވެސް މިހާރު މުޒާހަރާގެ ބައިވެރިން ދަނީ މުޒާހަރާތައް ރޫޅާލުމުގައި ފުލުހުން އަމަލު ކުރަމުންދާ ގޮތް ތަހުގީގުކުރުމަށް ކޮމިޝަނެއް އެކުލަވާލުމަށާއި ހައްޔަރުކޮށްފައިވާ މުޒާހަރާގެ ބައިވެރިންނަށް މާފުދީ އެމީހުން ދޫކޮށްލުމަށާއި މުޒާހަރާއަކީ "ހަމަނުޖެހުން ހިންގުން ކަމަށް" ލާމް ވިދާޅުވި ވިދާޅުވުން އަނބުރާ ގެންދިޔުމަށާއި ލާމްގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް