އެމްޑީޕީގެ އެކްޓިވިސްޓަކަށް މަރުގެ އިންޒާރުދިން މައްސަލަ ޕޮލިހަށް

އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ އެކު ---

ވެރިކަން ކުރާ އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓަކަށް މަރުގެ އިންޒާރުދިން މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.

ސޯޝަލް މީޑިއާގައި 'ނައުޓީ މެޓޮކްސް' ގެ ނަމުގައި މަޝްހޫރުވެފައިވާ އެމްޑީޕީގެ އެކްޓިވިސްޓަށް މަރުގެ އިންޒާރު ދީފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ދަންވަރު އެވެ.

އޭނާ ބުނީ، ހެންވޭރު މަޖީދީ މަގުގައި ހުންނަ ޔޫރޯ ސްޓޯރު ކުރިމަތީ ސައިކަލް ޕާކް ކުރަނިކޮށް ސައިކަލެއްގައި އައި ދެ މީހަކު އޭނާއަށް މަރުގެ އިންޒާރު ދިން ކަމަށެވެ. އެގޮތުން ދީނޭ ކިޔައިގެން ފާޑު ފާޑުގެ ޓްވީޓް ކުރާނަމަ އައްޑޫގައި ހުރި ނަމަވެސް މަރާލާނެ ކަމަށް އެމީހުން ބުނެފައިވާ ކަމަށް އޭނާ ކުރި ޓްވީޓެއްގައި ވަނީ ބުނެފަ އެވެ.

އެ މައްސަލަ މިހާރު ވަނީ ފުލުހުންނަށް ވެސް ހުށަހަޅާފަ އެވެ. އަދި އެމްޑީޕީން ވަނީ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށް ބަޔާނެއް ވެސް މިއަދު ނެރެފަ އެވެ.

"ޚިޔާލު ތަފާތުވާ ކޮންމެ ހިނދެއްގައި، ޖިސްމާނީ އަނިޔާގެ އިންޒާރު ދިނުމާއި، އަނިޔާވެރިކަން އިސްކުރުމީ 21 ވަނަ ޤަރުނުގެ ތަޙްޛީބު މުޖުތަމަޢެއްގައި ބަލައިގަނެވޭނެފަދަ ކަމެއް ނޫނެވެ. އަދި އިންސާނުންގެ މެދުގައިވާ ދެބަސްވުމާއި، ހުންނަ ހިޔާލު ތަފާތުވުން ނައްތާލުމަށް ޖާހިލިއްޔަ ޒަމާނުގައި ޢަމަލުކޮށް އުޅުނު ގޮތްމެއެވެ." އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެމްޑީޕީން ބުނީ އެކަމަކީ ސީރިއަސް ނަޒަރެއްގައި އެކަމުގެ މައްޗަށް ފިޔަވަޅު އަޅަން ލާޒިމުވާފަދަ ޖިނާޢީ ކުށެއް ކަމަށާއި އެބާވަތުގެ ހަރުކަށި އަމަލުތަކުން ކުރިފަޅާ ހެދި، އުފެދޭ ރުޅިވެރިކަމާއި، ފިތުނައިގައި ކިތަންމެ ބައެއްގެ ފުރާނައަށް ގެއްލުންވާ ހިސާބަށް މި ފަހުން ކަންތައްތައް ގޮސްފައިވާ ކަމަށެވެ.

އެހެންކަމުން އެ ޢަމަލު ހިންގި ފަރާތް ހޯދާ، އެކަށީގެންވާ ގާނޫނީ ފިޔަވަޅު އެޅުމަށް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ.

comment ކޮމެންޓް