އޮޑިޓް: ކުޑަކުދިންގެ ހިޔާތައް ވަނީ މައްސަލަތަކުގެ ހާއްޔަކަށް ބަދަލުވެފައި

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ --- ސަން ފައިލް ފޮޓޯ

ކުޑަކުދިން ބަލަހައްޓާ ދައުލަތުގެ މަރުކަޒުތަކުގައި އަސާސީ ކަންކަން ވެސް ފުރިހަމަވެފައި ނުވާ ކަމަށާއި އެތަންތަން ބޮޑެތި މައްސަލަތަކުގެ ހާއްޔަކަށް މިހާރު ބަދަލުވެފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ހެދި ޕާފޯމަންސް އޮޑިޓަކުން ހާމަވެއްޖެ އެވެ.

އެ އޮޑިޓްގައި ބަލާފައި ވަނީ، 2014 އިން 2016 އަށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ކަށަވަރު ކުރުމަށް ދައުލަތުގެ އިދާރާތަކުން އަމަލުކޮށްފައިވާ ގޮތަށެވެ.

އެގޮތުން ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކުގައި ހުރި ސީރިއަސް މައްސަލަތަކެއް ފެންމަތިކޮށް އެކަންކަން ވީހާ އަވަހަކަށް ރަނގަޅު ކުރަން ޖެހޭކަން އޮޑިޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި އެކަންކަން ރަނގަޅު ނުކޮށް ދިގުލައިގެން ގޮސްފި ނަމަ، މިހާރުވެސް ބޮއްސުންލާފައިވާ ހިޔާތަކުގެ މައްސަލަ އިތުރަށް ނާޒުގު ވެދާނެ ކަމުގެ އިންޒާރު ރިޕޯޓްގައި ވަނީ ދީފަ އެވެ.

ކޮންމެ ކުއްޖަކަށް އެނދެއް ނެތް، އަލަމާރިތައް ހަލާކުވެފައި!

ރާއްޖޭގައި ކުޑަކުދިން ބައިތިއްބާ މަރުކަޒުތަކުގައި މަދުވެގެން ހުންނަންވާނެ މިންގަނޑުތަކުގެ ގަވާއިދުގައި، ކުދިން ނިދާ ކޮޓަރިތަކުގައި ކޮންމެ ކުއްޖަކަށް ރަނގަޅު ފެންވަރުގެ އެނދެއް ހުންނަންވާނެކަމާއި، ފޮތްތަކާއި ކިޔެވުމުގައި ބޭނުންކުރާ އެހެނިހެން އާލާތްތައް ބަހައްޓާނެ ފޮތް ހަރުގަނޑަކާއި ކުއްޖާގެ އަންނައުނު ބަހައްޓާނެ އަލަމާރިއެއް ހުންނަންވާނެކަމާއި، ކޮޓަރީގެ ތަޅުންގަނޑު ހުންނަންވާނީ އަބަދުވެސް ސާފުކޮށްފައި ކަމަށް ބަޔާންކޮށްފައިވެ އެވެ.

ނަމަވެސް އޮޑިޓަރުން އިންސްޕެކްޝަން ކުރިއަށް ގެންދިޔައިރު ކުޑަކުދިންގެ ހިޔާގައި ކޮންމެ ކުއްޖަކަށް އެނދެއް ނެތުމާއި، އެކުދިން ނިދަނީ ބިންމަތީ ގޮދަޑި އަޅައިގެން ކަމާއި ކޮޓަރިތަކުގައި ތަންމަތިތައް ރީތިކޮށް އަޅާފައިނު ނުހުރުމާއި ކޮޓަރިތެރެ ކުނިކަހައި ތަޅުންގަނޑު ސާފުކޮށްފައި ނުވާކަން ވަނީ ފާހަގަކުރެވިފަ އެވެ.

ހިޔާއިން މައުލޫމާތު ދީފައިވާ ގޮތުގައި ސްޓޮކުގައި އެނދު ހުރިކަމަށާއި ނަމަވެސް ކޮޓަރިތަކަށް އެނދުތައް އަދި ގެންގޮސްފައި ނުވަނީ އެނދުތަކަކީ ބަންކް ބެޑް ތަކަކަށްވާތީ އެއީ ކުދިންނަށް އެންމެ ރައްކާތެރި ޒާތުގެ ތަކެއްޗަށް ނުވާތީ ކަމަށެވެ. އަދި ހުރިހާ ކޮޓަރިއެއްގައި އެއާކޯން ހަރުކުރުމަށްފަހު އެނދުތައް ރޭވުމަށް ސްޓޮކުގައި އެނދުތައް ބަހައްޓާފައި ހުރީކަމަށް ވެސް ހިޔާއިން އޮޑިޓަށް މައުލޫމާތު ދީފައިވެ އެވެ.

ފިޔަވަތީގައި އޮޑިޓަރުން ކުރިއަށް ގެންދިޔަ އިންސްޕެކްޝަނުން ފާހަގަކުރެވުނު ގޮތުގައި ދޮށީ ފިރިހެން ކުދިންގެ ފަންގިފިލާގައި ވެސް ކޮންމެ ކުއްޖަކަށް ނިދާނެ އެނދެއް ދީފައެއް ނުހުރެއެވެ. އެކުދިންވެސް ނިދަނީ ބިންމަތީގައި ގޮދަޑި އަޅައިގެންނެވެ.

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، "ފިޔަވަތި" -- ސަން ފައިލް ފޮޓޯ

ފިޔަވަތިން އޮޑިޓަށް މައުލޫމާތު ދެމުން ބުނެފައި ވަނީ އެ ކުދިން ނިދަން އެނދު ނުބަހައްޓަން ނިންމީ އެ ކުދިން އެނދުގެ މަޅުތަކާއި ބައިތައް ވަކިކޮށްގެން މުވައްޒަފުންނަށް ހަމަލާދިނުން ފަދަ ކަންކަން ހިންގާފައި ވާތީ، ކުދިންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް އެގޮތް ރަނގަޅު ކަމަށް ވެރިންނަށް ފެންނާތީ ކަމަށެވެ.

މީގެ އިތުރުން، ކުދިން ކިޔެވުމަށް ގެންގުޅޭ ތަކެއްޗާއި ހެދުމާއި މިނޫންވެސް ތަކެތި އަޅާނެ ކަބަޑުތަކާއި އަލަމާރިތައް ހަލާކުވެފައި ހުރި ކަމަށް ވެސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ކުޑަކުދިންގެ ހިޔާގެ އިތުރުން ހުޅުމާލޭގައި ހުންނަ ފިޔަވަތީގައިވެސް ބައެއް އެނދުތައް ރީތިކޮށް ތަންމަތި އަޅާފައި ނުވާކަން ފާހަގަކުރެވޭ ކަމާއި، ފާހާނާ ތެރޭގައި އެއްވައްތަރެއްގެ ދަތް އުނގުޅާ ބުރުސްތައް ސިންކު މަތީގައި ބަހައްޓާފައިވުމުން އެއީ ކޮން ކޮން ކުދިންގެ ބުރުސްތަކެއް ކަމެއް ވަކި ނުކުރެވޭކަން ވެސް އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ. އެހެން ކަމުން އެއީ ކުދިންގެ ސާފުތާހިރު ކަމަށް އެޅޭ ބޮޑު ހުރަހެއް ކަމަށް ވެސް ބުނެފައިވެ އެވެ.

މަރުކަޒުތަކުގައި ރައްކާތެރިކަން ކުޑަ

ކުޑަކުދިން ބައިތިއްބާ މަރުކަޒުތަކުގައި ފުރިހަމަ ކުރަން ޖެހޭ މިންގަނޑުތަކުގެ ގަވާއިދުގައިވާ ގޮތުން، ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވެފައިވާ ތަނަކަށް އެފަދަ މަރުކަޒުތައް ހެދުމަށްޓަކައި ވަކި ހާއްސަ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅާފައި ހުންނަން ޖެހެ އެވެ. ނަމަވެސް، ކުޑަކުދިން ބަލަހައްޓަމުން ގެންދާ މަރުކަޒުގެ އެންމެހާ ކަންތައްތައް ހުރީ އެންމެ ރައްކާތެރިކޮށް ނޫންކަން އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ.

އެގޮތުން ވިލިމާލެ ކުޑަކުދިންގެ ހިޔާގެ އަންހެން ކުދިންގެ އިމާރާތުގެ ޓެރަސް އިން ފިރިހެން ކުދިންގެ އިމާރާތައް ނުރައްކާތެރި ގޮތަކަށް ދެވޭގޮތަށް ހުރުމާއި ޓެރަހަށް ނޭރޭ ގޮތަށް ސިޑީގައި ގޭޓެއް ލާފައިހުރި ނަމަވެސް ގޭޓު ތަޅު
ނުލައި ހުރުމާއި ކުޑަކުދިންގެ ހިޔާގެ ބޭރު ގޭޓު ހުންނަނީ ތަޅު ނުލައި ކުދިންނަށް ބޭނުން އިރަކު ނިކުމެގެންދެވޭ ގޮތަށްކަން އޮޑިޓްގައި ފާހަގަކޮށްފައިވެ އެވެ. އަދި ހިޔާގެ ވަށައިގެން ހުންނަ ފާރަކީ ވަރަށް ތިރި ފާރެއްކަމުން ގޭޓު ތަޅުލާފައި ހުރި ނަމަވެސް ފާރުމަތިންވެސް ފުންމާލައިގެން ކުދިންނަށް ބޭރަށް ދެވެން ހުރުމާއި މީގެ އިތުރުން ހިޔާގެ އިމާރާތުގެ ބޭރާއި ގޯތި ތެރެއާއި ގޭޓު ފެންނަ ގޮތަށް ސީސީޓީވީ ކެމެރާ ބަހައްޓާފައިނުވުން ވެސް މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.

ހިޔާއިން އޮޑިޓަށް ދިން މައުލޫމާތުގައި ބުނެފައި ވަނީ، އެތަނުގައި ބަލަހައްޓާ ބައެއް ކުދިން އެއް އިމާރާތުން އަނެއް އިމާރާތަށް ދިޔުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި ހިޔާގެ ގޭޓު ތަޅު ނުލާ ހުރުމުން، އެކި ފަހަރު މަތިން ކުދިން ހިޔާއިން ނުކުމެ، ދިޔަ ތަނެއް ނޭނގިގެން ފުލުހުންގެ އެހީ ހޯދަން ޖެހިފައިވާކަން ވެސް ރިޕޯޓްގައި ފާހަގަކުރި އެވެ.

ކުޑަކުދިން ބަލަހައްޓަމުން ގެންދާ މަރުކަޒުގައި ރައްކާތެރިކަމުގެ ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ފިޔަވަތި --- ފޮޓޯ: ޖެންޑާ މިނިސްޓްރީ

މަރުކަޒުގައި އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިނުވާނަމަ، ކުދިން ފިލައިގެން ދިއުން ފަދަ ނުރައްކާތެރި ހާދިސާތައް
ތަކުރާރުވުމަކީ އެކަށީގެންވާކަމެއް ކަމަށާއި ބޭރަށް ނުކުމެ އުޅުމުގެ ތެރޭގައި ކުއްޖަކަށް އަނިޔާއެއް ލިބި ނުވަތަ ހިތާމަވެރި ހާދިސާއެއް ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުގައިވެ އެވެ.

ކުދިން ބަލަހައްޓާ މުވައްޒަފުން ފަރުވާކުޑަ، ހާޒިރީ ދަށް!

އޮޑިޓްގައި ބުނީ، ކުޑަކުދިން ބައިތިއްބާ މަރުކަޒުތަކުގައި މަދުވެގެން ހުންނަންވާނެ މިންގަނޑުތަކުގެ ގަވައިދަށް ފެތޭ ވަރަށް މަރުކަޒުގައި ކުދިން ބަލަހައްޓާ މުވައްޒަފުން ތިބި ކަމަށެވެ. އެހެން ނަމަވެސް، ދެ މަހެއްހާ ދުވަހުގެ ކެއާ ވޯކަރުންގެ ހާޒިރީ ބެލިއިރު ކުދިންގެ އަދަދާ އަޅާބަލާއިރު މަސައްކަތަށް ނިކުތް ކެއާ ވޯކަރުންގެ އަދަދު ވަރަށް މަދުކަން ފާހަގަ ކުރެވުނު ކަމަށް ރިޕޯޓްގައިވެ އެވެ.

ކެއާ ވޯކަރުންގެ ހާޒިރުވާ ދަށްވުމުގެ ސަބަބުން ކޭސް ވޯކަރުންވެސް ގިނަ ފަހަރަށް ކުދިން ބެލެހެއްޓުމުގައި ޝާމިލްވެ އުޅެން ޖެހުނު ސަބަބުން ކޭސް ވޯކަރުންގެ އަސްލު މަސައްކަތްތައް ނުނިމި ދިގުދެމިގެންދާ ކަމަށްވެސް ފިޔަވަތިން މައުލޫމާތު ދީފައިވާ ކަމަށް އޮޑިޓު އޮފީހުން ބުނެ އެވެ.

މީގެ އިތުރުން ފިޔަވަތީގައި ދިރިއުޅޭ ކުދިން ސުކޫލަށް ދިޔުމުގައިވެސް ދަތިތަކެއް ހުރިކަން އެތަނުން މައުލޫމާތު ދީފައިވެ އެވެ. އެގޮތުން ފިޔަވައްޗާއި ސުކޫލު ދުރުކަމާއި، އެކި ގަޑިތަކުގައި ސްކޫލަށް ދާންޖެހޭ ކުދިން ލާން ގޮސް ބަލާ ދާނެ ކެއާ ވޯކަރުން މަދުވުމާއި ހޫނު އަވީގައި ބަރު ދަބަސް އަޅުވައިގެން ކުދިން ހިނގާފައި ސްކޫލަށް ދާން ޖެހުމާއި އަނބުރާ ކުދިން ހިޔާއަށް އައުމުގައި ދަތިތައް ކުރިމަތިވެފައިވާކަން ފާހަގަކޮށްފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

ކުޑަކުދިންގެ ހިޔާގައި އުޅޭ ކުދިންތަކެއް -- ސަން ފައިލް ފޮޓޯ

ކުދިން ސްކޫލަށް ދިޔުމުގެ ދަތުރުތަކަށް އެމްއެންޑީއެފްގެ ވެހިކަލެއް ކުރީގައި ބޭނުންކުރި ނަމަވެސް މިހާރު ވެހިކަލް ވަނީ ހަލާކުވެފަ އެވެ. އޮޑިޓްގައި ބުނި ގޮތުގައި އެމްއެންޑީއެފްގެ ވެހިކަލް ހަލާކުވުމުން އެމްޓީސީސީގެ ވެހިކަލެއް ކުއްޔަށް ހިފައިގެން އެ ދަތުރުތައް ކުރެ އެވެ. ނަމަވެސް، އެ ވެހިކަލް އިތުރު ގަޑިތަކުގެ ދަތުރުތައް ނުކުރާތީ ކުދިން އިތުރު ގަޑީގެ ހަރަކާތްތަކަށް ގެންދާނަމަ ދާން ޖެހެނީ ހިނގާފަ އެވެ. އަދި މަދު ކެއާ ވޯކަރުންތަކެއް މަސައްކަތް ކުރާއިރު ކުދިން އެހާ ދުރަށް އިތުރު ހަރަކާތްތަކަށް ގެންދިއުމަށް ދަތިވާކަމަށް ވެސް ފިޔަވަތިން އޮޑިޓަރުންނަށް މައުލޫމާތު ދީފައިވެ އެވެ.

ކެއާ ވޯކަރުންނަށް ތަމްރީނެއް ނުދޭ!

ކުޑަކުދިން ބައިތިއްބާ މަރުކަޒުތަކުގެ ގަވައިދު ބުނާގޮތުން މަރުކަޒުގައި ތިބޭ ކުދިން ބެލެހެއްޓުމަށްޓަކައި ތަނުގެ މުވައްޒަފުންނަށް ބޭނުންވާ ހުނަރު އަށަގެންނެވުމަށް ތަނުގެ އެތެރެ އާއި ބޭރުން މުވައްޒަފުންނަށް ގަވާއިދުން ތަމްރީނުގެ ޕްރޮގްރާމްތައް ހިންގަން ޖެހެ އެވެ. ނަމަވެސް ތިން އަހަރު ތެރޭ ޖެންޑާ މިނިސްޓްރީން ވޯކަރުންނަށް ތަމްރީން ދީފައިވަނީ އެންމެ ދެފަހަރުކަމަށް ރިޕޯޓުގައިވެ އެވެ.

ކުޑަކުދިން ބަލަހައްޓާ ފަރާތްތަކަށް ކުޑަކުދިން ބެލެހެއްޓުމަށް ބޭނުންވާ ތަމްރީން ދީ ހުނަރު ތަރައްގީކުރުމުގެ ފުރުސަތު ނުދޭނަމަ އެފަދަ ފަރާތްތަކަށް ކުޑަކުދިން އެންމެ ރަނގަޅު ގޮތުގައި ނުބެލެހެއްޓުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ކުޑަކުދިން ބެލެހެއްޓުމުގައި ކުދިންނަށް މުހިންމު ކަންތައްތަކަކީ ކޮބައިކަން ރަގަޅަށް ނޭނގޭނަމަ، ދުޅަހެޔޮ ސިއްހަތެއްގައި ރަނގަޅު އަހުލާގެއްގެ މަތީގައި ކުދިން ބޮޑުކުރުމުގެ ހުނަރު ކެއާ ވޯކަރުންނަކަށް ނުލިބޭނެ ކަން އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ.

މި މައްސަލަތައް ހައްލުކުރަން އޮޑިޓަރުން ވަނީ ދިރާސާކޮށް ލަފާތަކެއް ދީފަ އެވެ.

މައްސަލަތައް ހައްލުކުރަން ދިން ލަފާތައް:

  • ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކުގައި ތިބޭ ކުދިންގެ ކަންތައްތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭގޮތުން ކެއާ ވޯކަރުންގެ ބަހެއް ހޯދުމަށްފަހު އެކަށީގެންވާ އަދަދަށް މުވައްޒަފުން ތިބިތޯ ބަލާ މުވައްޒަފުންގެ ހާޒިރީ ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތައް ބަލައި، އިތުރަށް މުވައްޒަފުން ބޭނުންވާނަމަ ރާއްޖޭގައި ކުޑަކުދިން ބައިތިއްބާ މަރުކަޒުތަކުގައި މަދުވެގެން ހުންނަންވާނެ މިންގަނޑުތަކުގެ ގަވައިދު އިސްލާހުކޮށް، ކަމާބެހޭ އިދާރާތަކާއި މަޝްވަރާ ކުރުމަށްފަހު މުވައްޒަފުން ހޯދުން.

  • ކުދިން ސްކޫލަށާއި އިތުރު ގަޑީގެ ހަރަކާތްތަކަށް ގެންދިޔުމަށް ދަތިނުވާނޭ ގޮތަށް އިންތިޒާމްތައް ހަމަޖައްސައި މަރުކަޒަށް ފައިދާ ބޮޑު ގޮތެއް ބަލައި ކުއްޔަށް ވޭން ހިފުމަށް ނުވަތަ މަރުކަޒުގެ އަމިއްލަ ވެހިކަލެއް ހޯދުމާ ގުޅޭ ގޮތުން ކަމާގުޅޭ އިދާރާތަކާ މަޝްވަރާ ކުރުން.

  • ކުޑަކުދިން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކަމާބެހޭ މާހިރުންގެ އިރުޝާދުގެ މަތިން ތަމުރީން ޕްރޮގްރާމްތައް އަހަރަކު އެއްފަހަރަށްވުރެ ގިނައިން ހިންގުން އަދި ތަމްރީނުތައް ރޭވުމުގައި ކުޑަކުދިން ބެލެހެއްޓުމަށް އަލަށް ވައްދާ މުވައްޒަފުންނަށާއި ވަޒީފާގައި ދެމިތިބި މުވައްޒަފުންނަށް އަމާޒުކޮށްގެން ތަމްރީންތައް ރޭވުން.

  • ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކުގައި ކުދިންގެ މުސްތަގުބަލު ހެޔޮގޮތުގައި ބިނާކުރުމަށް އެކުދިންނަށް ބޭނުންވާ ތައުލީމާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް އިތުރަށް ތަރައްގީކޮށް ގާއިމުކުރުން.

  • ކުޑަކުދިންގެ ހިޔާގައި ކުދިން ފޮތް ކިޔުމަށް ޝައުގުވެރިކުރުމުގެ ގޮތުން ލައިބްރަރީއެއް ގާއިމުކުރުމަށާއި ކުދިންގެ ކިޔެވުން އިތުރަށް ކުރިއެރުވުމަށް ޓިއުޝަން ކުލާސްތައް ހިންގުމާއި ދީނީ ކަންތައްތަކަށް ލޯބި ޖެއްސުމުގެ ގޮތުން ގުރްއާން ކުލާސްތައް ހިންގުން.

  • މުޖުތަމައިގައި ކުދިންނަކީ ބޭނުންތެރި ބަޔަކަށް ހެދުމަށް އިތުރު މަސައްކަތްތަކާއި ކުޅިވަރުތައް ދަސްކުރުމުގެ ފުރުސަތުތައް ކުދިންނަށް ފަހިކޮށްދިނުން.

  • ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކުގެ ފާހާނަތަކާއި، ކޮޓަރިތަކާއި، ބަދިގެ އަދި ހިޔާގެ އެހެނިހެން ތަންތަން ސާފުކުރާކަމުގެ ރިކޯޑު ބެލެހެއްޓުމަށް ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތީގެ ކަމާގުޅޭ މުވައްޒަފުންނަށް އެންގުން.

  • ފިޔަވަތީގެ ފާހާނާތަކުގައި ޖަހާފައިވާ ތަށިމުށިތަކަކީ ކުދިންނަށް ރައްކާތެރި ގޮތެއްގައި ހުރި ތަށިމުށިތަކަކަށް ނުވާތީ ވީހާވެސް އަވަހަކަށް ތަށިމުށިތައް ރަނގަޅު ކުރުން.

  • މަރުކަޒުގައި ތިބި ކުދިންގެ ތެރެއިން މިހާރު އެނދު ނެތްކުދިންނަށް އެނދު ހޯދާ، ކުދިންގެ ހެދުމާއި އެހެނިހެން ތަކެތި ތަރުތީބުން ބެހެއްޓުމަށް މިހާރު މަރުކަޒުތަކުގައި ހުރި ކަބަޑުތައް ރަނގަޅު ކުރުން ނުވަތަ އާ ކަބަޑު ހޯދުން.

  • ކުދިން ބޭނުންކުރާ ތަކެތި ވަކިވަކިން ބެލެހެއްޓުމަށް ކެއާ ވޯކަރުންނަށާއި ކުދިންނަށް އެންގުން.

  • މަރުކަޒުގައި ބަލަހައްޓަމުން ގެންދާ ބޮޑެތި ކުދިންނަށް އެ ކުދިންގެ އަމިއްލަ ތަކެތި ބެލެހެއްޓުމަށް ދަސްކޮށްދިނުމާއި ފާހާނާއާއި ކޮޓަރިތައް ސާފުތާހިރުކޮށް ބެހެއްޓުމަށް ދަސްކޮށްދިނުން.

  • ކުޑަކުދިން ބަލަހައްޓާ މަރުކަޒު ކުދިންނަށް ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، މަރުކަޒުގެ ގޭޓު ތަޅުލާފައި ބެހެއްޓުމާއި މަރުކަޒުގެ ބޭރު ފެންނާނެގޮތަށް ސީސީޓީވީ ކެމެރާ ބެހެއްޓުމަށާއި، ކުޑަކުދިންގެ ހިޔާގެ ޓެރަސްއަށް ކުދިންނަށް އެކަނި ނޭރޭގޮތަށް ތަޅުލާފައި ބެހެއްޓުން.

  • ކުޑަކުދިންގެ ހަރަކާތްތައް ރަގަޅަށް މޮނީޓާކުރުމަށް މަރުކަޒުގެ ގޭޓު ކައިރީގައި ގާޑުން ތިބޭ ގޮތަށް ގާޑު ޕޯސްޓެއް ހަދައި އެ ތަނުގައި ގާޑުން ތިބުމުގެ އިންތިޒާމް ހަމަޖެއްސުން.

  • ކުދިން ބޭރަށް ފޮނުވުމަށް ވަކި އުސޫލެއް ކަނޑައަޅައި މަރުކަޒުގެ ކަމާބެހޭ މުވައްޒަފުންނާއެކު ނުވަތަ ކުއްޖާ އަމިއްލައަށް ބޭރަށް ފޮނުވާނަމަ ރިކޯޑުކޮށްފައި ފޮނުވުން.

މިކަންކަން ވީހާވެސް އަވަހަކަށް ތަންފީޒު ކުރުމަށް އޮޑިޓްގައި ވަނީ ލަފާދީފަ އެވެ. ކުޑަކުދިންގެ ހިޔާތަކާ ގުޅޭ ގޮތުން އަބަދުވެސް މައްސަލަތައް ފެންމަތިވެ އެވެ. އަދި، އެއީ ހައްލު ނުވެ އޮތް ބޮޑު މައްސަލަ އެކެވެ.

comment ކޮމެންޓް