ބަސް ދުއްވަމުން ފޯން ބޭނުންކުރި ޑްރައިވަރެއްގެ ލައިސެންސް ހިފަހައްޓައިފި

އެމްޓީސީސީގެ ބަސް ދުއްވަމުން ޑްރައިވަރި ފޯނުން ވާހަކަ ދައްކަނީ ---

ބަސް ދުއްވަމުން ފޯނު ބޭނުންކުރި ބަސް ޑްރައިވަރަކު ފުލުސް އޮފީހަށް ހާޒިރުކޮށް އޭނާގެ ލައިސެންސް ހިފަހައްޓައިފި އެވެ.

ލައިސެންސް ހިފަހައްޓާފައިވަނީ އެމްޓީސީސީން އެއާޕޯޓާއި ހުޅުމާލެއާ ދޭތެރޭގައި ދުއްވި ބަހެއްގެ ޑްރައިވަރެއްގެ އެވެ. އޭނާގެ ލައިސެންސް ހިފަހައްޓާފައިވަނީ ފޯނު ބޭނުން ކުރަނިކޮށް ނަގާފައިވާ ވީޑިއޯއެއް ސޯސަލް މީޑިއާގައި މީހަކު އާންމު ކުރުމުންނެވެ.

އެ ވީޑިއޯ އިން ފެންނަ ގޮތުން، އެންމެ ފުރަތަމަ އެ ބަސް ޑްރައިވަރު އިނީ ހުޅުލެ އިން ބްރިޖާއި ހައިވޭ ގުޅޭ ސަރަހައްދުގައި އިން ޓްރެފިކް ލައިޓަށް ހުއްޓިގެންނެވެ. އެމްޓީސީސީ ޔުނީފޯމްގައި އިން ދެ ބައި އުމުރުގެ އެ ބަސް ޑްރައިވަރު އޭރުވެސް އިނީ އޭނާގެ ސްމާޓް ފޯނާއި ކުޅޭށެވެ. ލައިޓް ފެހި ވުމުން ހައިވޭ އިން ހުޅުމާލެއަށް ދާން ބަސް ނައްޓާލި އިރު ޑްރައިވަރު އިނީ ފޯނުގައި ކަންފަތް ޖައްސައިގެންނެވެ. އަދި ތަންކޮޅަކަށް ދުއްވާލުމަށްފަހު ފޯނު ތިރިކޮށްލުމަށްފަހު އަނެއްކާ ވެސް ކަންފަތުގައި ފޯނު ޖައްސަ އެވެ. ބަހުގެ ހުންގާނު އެއް އަތުން އަނބުރާއިރު، އަނެއް އަތުން ދިޔައީ ފޯނާއި ކުޅެ ފޯނު ބޭނުން ކުރަމުންނެވެ.

ބަސް ޑްރައިވަރުގެ އެ އަމަލާއި މެދު ކަންބޮޑުވުން ފާޅުކޮށް ވީޑިއޯ އާންމުކުރި މީހާ ފުލުހުންގެ އޮފިޝަލް ޓްވިޓާ ހޭންޑުލް ޓެގް ކުރުމަށް ފަހު ބުނެފައިވަނީ "އެކްސިޑެންޓް ވީމަ އެކްސިޑެންޓްވި ވާހަކަ އެންމެން ދައްކާނެ" ކަމަށެވެ.

އެ ޓްވީޓަށް ރައްދު ދެމުން ފުލުހުން މިއަދު ބުނެފައިވަނީ، އެ ޑްރައިވަރު ހޯދުމަށްފަހު މިއަދު ހެނދުނު ވަނީ ޓްރެފިކް ޕޮލިހަށް ހާޒިރުކޮށްފައި ކަމަށެވެ. އަދި ބަސް ދުއްވަމުން ފޯނުން ބޭނުންކޮށްފައި ވާތީ، އެ ބަސް ޑްރައިވަރުގެ ލައިސެންސް ހިފަހައްޓައި ލިއުމުން ނަސޭހަތާއި އިންޒާރު ދީފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.

ދާދި ފަހުން ވަނީ އެމްޓީސީސީގެ ބަހަކުން ޖެހި ސައިކަލެއްގެ ފަހަތުގައި އިން 13 އަހަރުގެ އަންހެން ކުއްޖެއް މަރުވެފަ އެވެ. މިދިޔަ ރޯދަ މަހު ވެސް އެމްޓީސީސީގެ ބަސްް ޑްރައިވަރަކަަށް ނިދި ޖެހި ޕޭމަންޓް މަތިން ހިނގާފައި ދިޔަ ޔުކްރޭންގެ ފަތުރުވެރިއެއްގެ ގަޔަށް ބަސް އަރައި އޭނާ މަރުވި އެވެ. އަދި ހަމަ އޭގެ ކުޑަދުވަސްކޮޅެއް ފަހުން ވެސް ހަމަ އެމްޓީސީސީގެ ބަހެއް ކާރެއްގައި ޖެހި އެކްސިޑެންޓްއެއް ހިނގި އެވެ. ނިދި ޖެހިގެން ހިނގި މި ދެ އެކްސިޑެންޓާ ގުޅިގެން ޑްރައިވަރު ވަޒީފާ އިން ވެސް ވަކިކުރި އެވެ.

comment ކޮމެންޓް