ގައުމީ ފުުޓްބޯޅަ ޓީމްގެ ކޯޗް ސެގާޓް މަގާމުން ވަކިކޮށްފި

ގައުމީ ފުޓްބޯޅަ ކޯޗް، ޕީޓާ ސެގާޓް: އޭނާ ވަނީ މިއަދު މަގާމުން ވަކިކޮށްފައި -- ފޮޓޯ/ އެފްއޭއެމް

ގަައުމީ ފުޓްބޯޅަ ޓީމުގެ ކޯޗް، ކްރޮއޭޝިއާގެ ޕީޓާ ސެގާޓް މަގާމުން ވަކިކޮށްފި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގައުމީ ކޯޗް ސެގާޓްއާ މަޝްވަރާ ކުރުމަށް ފަހު ދެ ފަރާތަށް ވެސް އެއްބަސްވެވުނީ މިއަދުން ފެށިގެން އޭނާގެ ކޮންޓްރެކްޓް ބާތިލް ކުރުމަށް ކަމަށެވެ. ބައްސާމް ވަނީ ސެގާޓް ކޮށްދެއްވި މަސައްކަތަށް ޝުކުރު އަދާކުރައްވައި އިތުރު ކާމިޔާބީއަށް އެދިފަ އެވެ.

ދެ އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން، ސެގާޓް ގައުމީ ޓީމާ ހަވާލުވީ، މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.

ކޯޗް ވަކި ކުރަން ނިންމި އިރު، ނޭޕާލްގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގައި މިފަހަރު ކުޅުނު އެއްވެސް މެޗަކުން ދިވެހި ފުޓުބޯޅަ ޓީމު މޮޅުވެފައި ނުވާ އިރު މިއަދު ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުން ވެސް ވަނީ ބަލިވެފަ އެވެ.

މިއީ ފަހުގެ ތާރީހުގައި ވެސް ރާއްޖެ މިހާ ދަށު ދަރަޖައަކަށް ދިޔަ ފުރަތަމަ ފަހަރެވެ.

ގައުމީ ޓީމުން ފަހަކަށް އައިސް ދައްކަމުން އަންނަ ދަށް ނަތީޖާތަކާ އެކު ޓީމުގެ ކޯޗަށް ޕްރެޝަރު ބޮޑުވެފައި އޮތް ނަމަވެސް އޭނާ މިހާތަނަށް ވަނީ ގިނަ ބަހަނާތަކެއް ދައްކާފަ އެވެ.

ކްރޮއޭޝިއާއަށް ނިސްބަތްވާ ސެގާޓްގެ ކޯޗުކަމުގައި ރާއްޖެއިން އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން މޮޅުވެފައި ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ގުއާމާ ދެކޮޅަށް ކުޅުނު ދެ މެޗުންނެވެ. މިއަހަރުގެ ތެރޭގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ކުޅުނު އެއްވެސް މެޗަކުން މޮޅު ނުވާ އިރު ވޯލްޑް ކަޕް ކޮލިފައިންގެ ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ.

ސެގާޓްގެ ކޯޗުކަމުގައި ރާއްޖެއަށް މިދިޔަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕު ވަނީ ކާމިޔާބުކޮށްފަ އެވެ. އެ މުބާރާތުގެ ސެމީ ފައިނަަލަށް ގުރުވަތު ލައިގެން ރާއްޖެ ދިޔަ ހިސާބުން ގިނަ ބައެއްގެ ފާޑު ކިޔުންތައް ކޯޗަށް އަމާޒުވި އެވެ. އަދި އަލީ އަޝްފާގު (ދަގަނޑޭ) ދޮޅު އަހަރެއްވުރެން ގިނަ ދުވަސް ވަންދެން ޓީމުން ބޭރުކޮށްފައި ބެހެއްޓުމުން ވެސް ކޯޗަށް ގިނަބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވި އެވެ. ރާއްޖޭގެެ ފުޓުބޯޅަ ތާރީހުގައި ވެސް ސެގާޓް ފާހަގަ ކުރެވިފައި ވަނީ އެންމެ "މައްސަލަ ބޮޑު" ކޯޗުގެ ގޮތުގަ އެވެ.

ނަމަވެސް ފަހަކަށް އައިސް ސެގާޓް ތުންތުން މަތިން ވަނީ އެފްއޭއެމަށް ބަސްތަކެއް އެއްލާފަ އެވެ. ސެގާޓް ބައެއް ފަރާތްތަކާ ހިއްސާ ކުރި މައުލޫމާތުތަކެއްގައި އޭނާ ކޯޗުގެ މަގާމުގައި ހުއްޓަސް އެއްވެސް ބާރެއް ނޯންނަ ކަމުގެ އިބާރާތްތަކަކުން ގިނަ ވާހަކަތަކެއް ފަތުރާފައިވާ ކަން "ސަން" އަށް ވަނީ އެނގިފަ އެވެ.

comment ކޮމެންޓް