އެއާޕޯޓުން ނަގާ ފީ ބޮޑު ކުރަން ގާނޫނަށް އިސްލާހު ހުށަހަޅައިފި

އެއާޕޯޓް އިމިގްރޭޝަންގައި ޓޫރިސްޓުންތަކެއް --

އެއާޕޯޓު ޑިވެލޮޕްމެންޓް ފީ (އޭޑީއެފް) ބޮޑުކުރުމަށް ރާއްޖޭގެ އެއާޕޯތުތަކުން ފުރާ މީހުންގެ އަތުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މި ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި އިއްވާފައިވާއިރު ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅުއްވާފައިވަނީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދެވެ.

ރާއްޖޭގެ އެއާޕޯޓުތަކުން ފުރާ މީހުންގެ އަތުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވަނީ މި ޓެކްސް ބޮޑުކުރުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާތީ އެވެ.

ބަޖެޓުގައި ހިމަނާފައިވަނީ އޭޑީއެފްގެ ގޮތުގައި ނަގާ ޓެކްސް، ގިންތިކޮށް ބިޒްނަސް ކްލާހާއި ފަސްޓް ކްލާހުން ދަތުރުކުރާ ފަސިންޖަރުންގެ އަތުން ނަގާ ފީ ބޮޑު ކުރުމަށެވެ.

އެގޮތުން ބިޒްނަސް ކުލާހުން ދަތުރުކުރާ މީހުންގެ އަތުން ނަގާ ފީ 60 ޑޮލަރަށް ބޮޑުކުުރުމަށް ބަޖެޓުގައި ހިމަނާފައިވާއިރު ފަސްޓް ކުލާހުން ދަތުރު ކުރާ މީހުންގެ އަތުން 90 ޑޮލަރު ނަގަން ވަނީ ހިމަނައިފަ އެވެ. މި ފީ ނެގުމުގައި ދިވެހިންނާއި ބިދޭސިންގެ މެދުގައި ތަފާތުކުރުމެއް ނުގެންގުޅޭނެ އެވެ.

މިހާރު އޮންނަ ގޮތުން ނަމަ ވީއައިއޭއިން ދަތުރުކުރާ ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 25 ޑޮލަރުނަގަ އެވެ.

ބަޖެޓްގައި ފިނޭންސް މިނިސްޓްރިއިން އެދިފައި ވަނީ އަންނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން އޭޑީއެފް ރޭޓްތަކަށް ބަދަލު ގެނެވޭ ގޮތަށް ގާނޫނޫ އިސްލާހުކޮށް ދިނުމަށެވެ.

އެ ބަދަލުތަކާ އެކު ބަޖެޓަށް އިތުރަށް 159.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މިއީ މިއަހަރުގެ އޭޑީއެފްއިން ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީއަށް ވުރެ، 24.3 ޕަސެންޓް އިތުރު އަދަދެކެވެ.

މި ފީއިން އިސްތިސްނާ ވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުން އަދި އުމުރުން ދެ އަހަރު ނުވާ ކުޑަކުދިންނެވެ.

އެއާޕޯޓު ޑިވެލޮޕްމެންޓް ފީ ނަގަންފެށީ 2017 ވަނަ އަހަރުގެ މެއި މަހުން ފެށިގެންނެވެ. އެ ފީއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމުގެ މަޝްރޫއާ ގުޅިގެން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށާއި ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ނަގަންފެށި ފީ އެކެވެ. އެއާޕޯޓު ޑިވެލޮޕްމެންޓް ފީ ނަގަނީ ޓިކެޓު އަގުގައި ހިމަނައިގެންނެވެ.

ބަޖެޓްގައި ބުނީ، އޭޑީއެފްގެ ރޭޓްތަކަށް ބަދަލު ގެނައުމުގެ މަގުސަދަކީ ބޮޑު އަގުގައި ދަތުރުފަތުރުކުރުމުގެ ގާބިލުކަން ހުރި ފަރާތްތަކުގެ އަތުން އިތުރަށް ފީނެގުމެވެ. އެއީ މި ފަދަ ފަރާތްތަކަކީ ދަތުރުފަތުރުގެ އަގަށް ބަދަލު އައިކަމުގައިވީ ނަމަވެސް އެ ފަރާތްތަކުގެ ދަތުރުފަތުރުކުރުމުގެ ވައްޓަފާޅިއަށް މާބޮޑު ބަދަލެއް އަންނާނެ ފަރާތްތަކެއް ކަމުގައި ނުވާނެތީ ކަަމަށް ވެސް ބަޖެޓްގައިވެ އެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހުން ފާސްކޮށްފައިވަނީ 37.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މިއަހަރުގެ ބަޖެޓަށްވުރެ ހަތް ބިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ.

comment ކޮމެންޓް