ސިވިލް ކޯޓަށް ހަތަރު ގާޒީއެއް، ކްރިމިނަލް ކޯޓަށް އެއް ގާޒީ އައްޔަނުކުރަން ނިންމައިފި

ޖޭއެސްސީގެ ބައެއް މެމްބަރުންނާއި ބައެއް ފަނޑިޔާރުން --- ސަންފޮޓޯ/ ފަޔާޒު މޫސާ

ސިވިލް ކޯޓަށް ހަތަރު ގާޒީއެއް އަދި ކްރިމިނަލް ކޯޓަށް އެއް ގާޒީ އައްޔަނު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިިއެވެ.

ކްރިމިނަލް ކޯޓަށާއި ސިވިލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލާން ޖޭއެސްސީއިން ހުޅުވާލި ފުރުސަތުގައި 39 ފަރާތަކުން ވަނީ ކުރިމަތިލާފަ އެވެ. އެ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކާއި އިންޓަވިއުކޮށް ގާޒީ ކަމަށް ވަނީ ބޭފުޅުން އައްޔަނުކޮށްފަ އެވެ.

ޖޭއެސްސީ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެކޮމިޝަނުގެ ބައްދަލުވުމުގައި މިރޭ ނިންމާފައިވަނީ ކްރިމިނަލް ކޯޓަށް ޅ.ކުރެންދޫ މާތިލަ އާދަމް މުހައްމަދު އައްޔަނު ކުރުމަށް ކަމަށެވެ.

މީގެ އިތުރުން ދ. ކުޑަހުވަދޫ ވައިލެޓްގެ، ރިޒްމީނާ، ތ. ވިލިފުށި ބަސަރާ، އަހުމަދު އަބްދުލް މަތީން އަދި ސ. މީދޫ ހަސަންކާރިގެ، ފައްޔާޒު ޝާތިރުގެ އިތުރުން މއ ޕެންޒީވިލާ އަޒްފާ އަބްދުލްގަފޫރު ސިވިލް ކޯޓަށް އައްޔަނު ކުރުމަށް ކޮމިޝަނުން ނިންމާފައިވަކަމަށް ޖޭއެސްސީގެ ބަޔާނުގައި ބުންޏެވެ.

އޭގެ އިތުރުން އިތުރުން މެޖިސްޓްރޭޓު ކޯޓުތަކަށް މެޖިސްޓްރޭޓުން ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ކުރިމަތިލީ ފަރާތްތައް ޝޯޓު ލިސްޓުކުރުމަށްފަހު ދެ ކޯޓެއްގެ އިސް މެޖިސްޓްރޭޓު ކަމަށް ދެ ބޭފުޅަކު ވަނީ އައްޔަނު ކޮށްފައެވެ. އެއީ ތ. ހިރިލަންދޫ މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓު ކަމަށް އެއަތޮޅު ކިނބިދޫ ނަސްރުއްސަބާ އަބްދުﷲ ހުސެން އަދި ކ. ގުރައިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓު ކަމަށް ލ. މާވަށު ނަލަމަލަ ފަތުހުﷲ ޖަމީލް މޫސާ އެވެ.

comment ކޮމެންޓް